Roadha Mihaaru
ރަޝިޔާ އިން ވަރުގަދަ ހަމަލާއެއް އެބަ ރާވާ: ޔޫކްރޭން

ރަޝިޔާ އިން ވަރުގަދަ ހަމަލާއެއް އެބަ ރާވާ: ޔޫކްރޭން

02 ފެބުރުއަރީ 2023

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިތާ އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ޔޫކްރޭނަށް އަނެއްކާ ވެސް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރަޝިޔާ އިން ރާވަމުންދާ ކަމަށް ޔޫކްރޭނުން ތުހުމަތުކޮށްފި އެވެ.

ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށިތާ އެއް އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ޔޫކްރޭނަށް އަނެއްކާ ވެސް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރަޝިޔާ އިން ރާވަމުންދާ ކަމަށް ޔޫކްރޭނުން ތުހުމަތުކޮށްފި އެވެ.

ޔޫކްރޭންގެ ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯވް ތުހުމަތު ކުރެއްވި ގޮތުގައި ރަޝިޔާ ސިފައިންގެ ފައުޖުތައް ޔޫކްރޭންގެ އިމާ ގާތަށް މިހާރު އަނެއްކާ ވެސް ޖަމާކުރަމުން އެދަނީ، މި މަހުގެ 24 ވަނަ ދުވަހު ވަރުގަދަ ހަމަލާތަކެއް ދިނުމަށެވެ. ރަޝިޔާ އިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، މި ދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި މަހުގެ 24 ވަނަ ދުވަހުގެ ބަދަލުގައި މި މަހުގެ 23 ވަނަ ދުވަހު ވެސް ރަޝިޔާ އިން ވަރުގަދަ ކުއްލި ހަމަލާތަކެއް ދިނުމަކީ އެކަށީގެންވާ ކަމެކެވެ. ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހަކީ، "ގައުމު ދިފާއުކުރި މީހުން ދުވަސް"ގެ ނަމުގައި ގައުމީ ފެންވަރުގައި ފާހަގަކުރާ ސިފައިންގެ ދުވަހެވެ.

ހަނގުރާމަ ފެށިތާ އަހަރެއް ވާން ކައިރިވެފައިވާ އިރު، ރަޝިޔާ ބޭނުންވާ މަގްސަދު އަދިވެސް ހާސިލުކުރެވޭ ގޮތެއް ނުވެ އެވެ. ރަޝިޔާގެ ހަމަލާތަކުން ދިފާއުވުމުގައި އެހީތެރިވުމުގެ ގޮތުން ހުޅަނގުގެ ގައުމުތަކުން ޔޫކްރޭނަށް ދެމުންދާ އަސްކަރީ އެހީތެރިކަމުގެ ސަބަބުން، މި ހަނގުރާމަ މިހާރު ސިފަ ކުރެވެނީ، ރަޝިޔާ އާއި ހުޅަނގުގެ ގައުމުތަކާ ދެމެދުގައި ކުރާ ހަނގުރާމައެއްގެ ގޮތުގަ އެވެ.

ޔޫކްރޭންގެ ދިފާއީ ވަޒީރު އޮލެކްސީ ރެޒްނިކޯވް ވިދާޅުވި ގޮތުގައި ރަޝިޔާގެ ޓެރަރިޒަމް ހުއްޓުވޭނެ ހަމައެކަނި ގޮތަކީ، މިހާރު ކުރަމުންދާ ހަނގުރާމައިގައި ރަޝިޔާ ބަލިކުރުމެވެ. އެކަން ކުރެވޭނީ ހުޅަނގުގެ ގައުމުތަކުން އުފައްދާފައިވާ ޓޭންކާއި ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި ދުރު ރާސްތާގެ މިސައިލްތައް ވެސް ޔޫކްރޭނަށް ލިބިގެންނެވެ.

އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ އަށް އެއް އަހަރު ފުރެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާ އިރު، ރަޝިޔާގެ 500000 އަށް ވުރެ ގިނަ ސިފައިން މިހާރު ގެންދަނީ ދެ ގައުމުގެ ގުޅޭ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާ ކުރަމުންނެވެ. ރަޝިޔާގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި ބައިވެރިވާނެ 300000 މީހުން ބޭނުންވާ ކަމަށް، ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި އިއުލާން ކުރެއްވުމުން، ގިނަ ބަޔަކު ވަނީ އެކަމަށް އިޖާބަ ދީފަ އެވެ.

ޕުޓިންގެ އެ ގޮވައިލެއްވުމުގައި އޮތީ 300000 މީހުން ކަމަށް ވިޔަސް، ސަރަހައްދީ ރޮނގަށް ޖަމާވަމުންދާ ސިފައިންގެ އަދަދު އެއަށް ވުރެ މާ މަތި ކަމަށް ޔޫކްރޭނުން ބުނެ އެވެ. ޔޫކްރޭނުން ބުނި ގޮތުގައި ރަޝިޔާގެ ހަމަލާތައް، މި ހަފުތާގެ މެދުތެރެއިން ފެށިގެން ދަނީ ވަރަށް ބޮޑަށް ވަރުގަދަ ވަމުންނެވެ.

މި ހަނގުރާމައިގައި ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ އިރުމަތީގެ ބައެއް ބިންތަކާއި ދެކުނުގެ ބައެއް ބިންތައް ހިފައި، އެއީ ރަޝިޔާގެ ބިންތަކެއްގެ ގޮތުގައި ކަނޑައަޅައިފަ އެވެ. ނަމަވެސް ޔޫކްރޭން ސިފައިން ދިން ރައްދު ހަމަލާތަކުގައި އޭގެ ތެރެއިން ބައެއް ބިންތައް ވަނީ މިނިވަންކޮށްފަ އެވެ.