Roadha Mihaaru
ރަޝިޔާގެ ކުލީ ސިފައިން ބަޚްމުތު ހިފައިފި

ރަޝިޔާގެ ކުލީ ސިފައިން ބަޚްމުތު ހިފައިފި

08 މާޗް 2023

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުން ދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް މަދަދު ދޭ، ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާއަތް، ވަގްނާ ގުރޫޕުން ޔޫކްރޭންގެ އިރުދެކުނު ބަޚްމުތު ސަހަރު ހިފައިފި ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ އިން ކުރަމުން ދާ ހަނގުރާމައިގައި ރަޝިޔާ ސިފައިންނަށް މަދަދު ދޭ، ރަޝިޔާގެ ކުލީ ސިފައިންގެ ޖަމާއަތް، ވަގްނާ ގުރޫޕުން ޔޫކްރޭންގެ އިރުދެކުނު ބަޚްމުތު ސަހަރު ހިފައިފި ކަމަށް އެ ޖަމާއަތުން ބުނެފި އެވެ.

އެ ޖަމާއަތުގެ ވެރިޔާ ޔެވްގެނީ ޕްރިގޮޒްހީން ބުނި ގޮތުގައި ރަޝިޔާ ސިފައިންނާ ދެކޮޅަށް ޔޫކްރޭން ސިފައިން އެންމެ ވަރުގަދަ އަށް ހަމަލާ ދެމުން ދިޔަ، ބަޚްމުތުގެ އިރުމަތީ ސަރަހައްދު މިހާރު އޮތީ ވަގްނާ ގުރޫޕުގެ ހަނގުރާމަވެރިންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. އަދި އެ ސަރަހައްދުގައި ހަނގުރާމަ ކުރަމުން ދިޔަ ޔޫކްރޭންގެ ގިނަ އަދަދެއްގެ ސިފައިން މަރާލެވިފައިވާ ކަމަށާއި ބާކީ ތިބި ސިފައިން އެ ސަރަހައްދު ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ވަގްނާ ގުރޫޕުން އިރުމަތީ ބަޚްމުތު ހިފި ކަމަށް ބުންޏަސް، މިނިވަން އެއްވެސް މަސްދަރަކުން އެކަން އަދި މުޅިން ކަށަވަރެއް ނުވެ އެވެ. ބަޚްމުތު ރަޝިޔާގެ ބާރުގެ ދަށަށް ގޮސްފައިވާ ނަމަ، ޔޫކްރޭންގެ އިރުމަތީ ސަރަހައްދަށް ރަޝިޔާ ސިފައިން ވަދެގަތުމަށް ތަނަވަސް މަގެއް ހުޅުވުނީ އެވެ. އަދި ޔޫކްރޭންގެ އެހެން ސަރަހައްދުތައް ހިފުމަށް ރަޝިޔާ ސިފައިން ކުރަމުން ދާ މަސައްކަތަށް އިތުރު ފަސޭހަކަމެއް ލިބޭނެ އެވެ.

ނަމަވެސް ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި ބަޚްމުތުގެ ދިފާއުގައި ޔޫކްރޭން ސިފައިން ކުރަމުން އަންނަ މަސައްކަތަށް އެއްވެސް މަޑުޖެހުމެއް ނައިސް މިހާރުވެސް އެބަ ކުރިއަށް ދެ އެވެ. އެކަމުގައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި ނަމަވެސް، ޔޫކްރޭން ސިފައިން ފަހަތަށް ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަޚްމުތުގެ ދިފާއުގައި މިހާތަނަށް ކުރި ހަނގުރާމައިގެ ތެރޭގައި ޔޫކްރޭންގެ ގިނަ އަދަދެއްގެ ސިފައިން މަރުވެ އެތައް ބަޔަކު ޒަޚަމްވެސް ވެއްޖެ އެވެ. އެހެން ނަމަވެސް، ރަޝިޔާ ސިފައިންގެ އަތްދަށަށް އެ ސަހަރު ދިޔަ ނުދިނުމަށްޓަކައި ޔޫކްރޭން ސިފައިން ވަމުންދާ ގުރުބާނީގެ މަތިން ހަނދާން ކުރަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ޔޫކްރޭނާ ދެކޮޅަށް ރަޝިޔާ ސިފައިން ފެށި ހަނގުރާމައިގައި، ބަޚްމުތު ހިފުމަށް ރަޝިޔާ ސިފައިން ހަނގުރާމަ ކުރަމުން ދާތާ މިހާރު އަށް މަސްދުވަސް ވެއްޖެ އެވެ. އެކަމުގައި ކުރިއެރުމެއް ނުލިބުމުން، ރަޝިޔާގެ ހަމަލާތައް މިހާރު ވަރުގަދަ ކޮށްފައިވަނީ، އެ ގައުމުގެ ކުލީ ސިފައިންގެ ޖަމާއަތެއް ކަމަށްވާ ވަގްނާ ގުރޫޕްގެ ގިނަ އަދަދެއްގެ ހަނގުރާމަވެރިން، ބަޚްމުތަށް ގެންގޮސްގެންނެވެ.

ރަޝިޔާގެ ބާރުގެ ދަށަށް ބަޚްމުތު ގޮސްފައިވާ ކަމުގެ އަޑުތައް ފެތުރިފައިވާ އިރު، އދ. މަޖިލީހުގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރެސް މިހާރު ހުންނެވީ ޔޫކްރޭންގެ ވެރިރަށް ކިޔޭވްގަ އެވެ. އޭނާގެ މި ދަތުރުގައި އެ ގައުމުގެ ރައީސް ޒެލެންސްކީއާ ބައްދަލު ކުރައްވައި، އދ. އާއި ތުރުކީގެ ބެލުމުގެ ދަށުން ޔޫކްރޭނާއި ރަޝިޔާ އިން ސޮއިކޮށްފައިވާ، ގޮވާން އެކްސްޕޯޓް ކުރުމުގެ އެއްބަސްވުމުގެ މުއްދަތު އާ ކުރުމަށް ޔޫކްރޭނަށް ބާރު އަޅާނެ އެވެ.

މިދިޔަ އަހަރު ސޮއިކުރި އެ އެއްބަސްވުމުގެ މުއްދަތު މި މަހުގެ 19 ވަނަ ދުވަހު ހަމަވާނެ އެވެ. އެ އެއްބަސްވުން އާ ކުރުމާ ބެހޭ ގޮތުން ރަޝިޔާ އިން ވެސް އަދި ޔޫކްރޭނުން ވެސް މިހާތަނަށް ވަކި އެއްޗެއް ނުބުނެ އެވެ.