Roadha Mihaaru
ޗައިނާ އިން ހަނދުގައި އިންދި އޮށުން ގަސް ފަޅައިފި

ޗައިނާ އިން ހަނދުގައި އިންދި އޮށުން ގަސް ފަޅައިފި

15 ޖެނުއަރީ 2019

ޗައިނާ އިން ހަނދަން ފޮނުވި އުޅަނދުގައި ގެންދިޔަ އޮށް ހަނދުގައި އިންދައި، އެއިން މިހާރު ގަސް ފަޅާފައިވާ ކަމަށް ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނެފި އެވެ.

ޗައިނާ އިން ހަނދަން ފޮނުވި އުޅަނދުގައި ގެންދިޔަ އޮށް ހަނދުގައި އިންދައި، އެއިން މިހާރު ގަސް ފަޅާފައިވާ ކަމަށް ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަނުން މިއަދު ބުނެފި އެވެ.

މިއީ ހަނދުގައި ބަޔޮލޮޖިކަލް އެއްޗެއް މިގޮތަށް އުފެއްދުނު ފުރަތަމަ ފަހަރެވެ.

ދުނިޔެއިން ހަނދަށް ގެންދިޔަ އޮށް އިންދީ ޗައިނާ އިން ހަނދުގެ، ދުނިޔޭގެ ބިތްދޮށް ފަރާތަށް ފޮނުވި "ޗާންގީ 4" ގެ ނަން ދީފައިވާ އުޅަނދުންނެވެ. އެ އުޅަނދު ހަނދަށް ތިރިކުރީ މި މަހުގެ ތިން ވަނަ ދުވަހު އެވެ.

މީގެ ކުރިން އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) ގައި ގަސް ހައްދާފައިވެ އެވެ. ނަމަވެސް ހަނދުގައި މިކަމެއް ނުކުރެ އެވެ.

ޗައިނާއިން ހަނދަން ގެންދިޔައީ ކަފަ އާއި އަލުވި އޮށުގެ އިތުރުން ޔީސްޓް އަދި މެހީގެ ބިހެވެ. އިންދި އޮށްތައް ހައްދަނީ ހަނދަށް ގެންދިޔަ ހާއްސަ އެއްޗެއްގެ ތެރޭގަ އެވެ. އެއީ ވަކި ގޮތަކަށް ކޮންޓްރޯލްކޮށްފައިވާ މާހައުލެކެވެ. ޗައިނާގެ ސްޓޭޓް މީޑިއާ އިން ބުނީ ކަފަ އޮށްތައް ފަޅައިގެން ހެދެން ފަށާފައިވާ ކަމަށެވެ. އަދި މިއީ ހަނދުގައި އިންސާނުން ކުރި ބަޔޮލޮޖިކަލް ފުރަތަމަ އެކްސްޕެރިމެންޓް ކަމަށް ވެސް ބުންޏެވެ.

ހަނދުގައި ގަސް ހެއްދުން ވެގެން ދާނީ ޕްލެނެޓްތަކަށް އިންސާނުން ފޮނުވައިގެން ގިނަ ދުވަހު ގެންގުޅެން ބަލާ ނަމަ ފައިދާހުރި ކަމަކަށެވެ. އެއީ ދުނިޔެއިން ކާނާ ގެންދަން ދިގު ދަތުރެއް ކުރަން ނުޖެހި، އެ ޕްލެނެޓެއްގައި ތިބެގެން ކާނާ އުފެއްދޭނެ ގޮތް ވާނެތީ އެވެ.