Roadha Mihaaru
ބިޔަ ޓްރާންސްފާތަކާ އެކު ޗެލްސީގެ ފުރަތަމަމެޗު އެއްވަރު

ބިޔަ ޓްރާންސްފާތަކާ އެކު ޗެލްސީގެ ފުރަތަމަ މެޗު އެއްވަރު

04 ފެބުރުއަރީ 2023

ލަންޑަން (ފެބްރުއަރީ 4) - ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ބާކީ ތިބި ކުލަބުތަކާ ނުބައްދަލު ޓްރާންސްފާތަކާ އެކު އިނގިރޭސި ކްލަބް ޗެލްސީ ކުޅުނު ފުރަތަމަ މެޗު، އަވަށްޓެރި ފުލަމް އާ ދެކޮޅަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެއްޖެ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ފެބްރުއަރީ 4) - ނިމިދިޔަ ޓްރާންސްފާ ބާޒާރުގައި ބާކީ ތިބި ކުލަބުތަކާ ނުބައްދަލު ޓްރާންސްފާތަކާ އެކު އިނގިރޭސި ކްލަބް ޗެލްސީ ކުޅުނު ފުރަތަމަ މެޗު، އަވަށްޓެރި ފުލަމް އާ ދެކޮޅަށް ލަނޑެއް ނުޖެހި 0-0 އިން އެއްވަރު ވެއްޖެ އެވެ.

ލީގު ތާވަލްގެ މެދަކާ ހަމައިގައި އޮތް ޗެލްސީ އަށް ގަދަ ހަތަރެއް ޔަގީން ކޮށްދޭން ކޯޗު ގްރަހަމް ޕޮޓާ އަށް ބޭނުންވާ ކުޅުންތެރިން ގަންނަން ޗެލްސީގެ ވެރިން ވަނީ ޖެނުއަރީ ބާޒާރުގައި 288 މިލިއަން ޕައުންޑް (347 މިލިއަން ޑޮލަރު) ހޭދަ ކޮށްފަ އެވެ.

އިނގިރޭސި ލީގުގެ ރެކޯޑް ޓްރާންސްފާއެއްގައި ފަހުވަގުތު ގެނައި އެންޒޯ ފެނާންޑޭޒްގެ އިތުރުން، ފްރާންސްގެ ޕީއެސްޖީ އަށް ދޫކޮށްލަން އުޅުނު ހަކީމް ޒިޔެޝް ވެސް ފުރަތަމަ 11 ގައި ހިމަނައިގެން ކުޅުނު މި މެޗުގައި، އަނިޔާގައި ގިނަ ދުވަހު ތިބި ރީސް ޖޭމްސް އާއި ބެން ޗިލްވެލް ވެސް ކުޅުނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުން ވެސް ގޯލު ޖަހަން ފުރުސަތު ހޯދި އެވެ. ފުލަމްގެ އަންޑްރެއަސް ޕެރޭރާ ފޮނުވާލި ހަމަލާއެއް ކީޕަރު ކެޕާ އަރިޒަބަލާގާ ހުށިޔާރު ކަމާ އެކު ދިފާއު ކުރި އިރު، ކައި ހަވާޓްޒް އަށް ލިބުނު ތިން ފުރުސަތުގައި ވެސް ބޭނުމެއް ނުކުރެވުނެވެ. ހާފް ނިމެނިކޮށް ހަވާޓްޒް ފޮނުވާލި ހަމަލާއެއް ގޯލު ދަނޑިއަށް ވެސް އަމާޒު ވިއެވެ.

ޗެލްސީ އިން ބޮޑު އަގުގައި ގެނައި ޔޫކްރޭނުގެ މިކައިލޯ މުޑްރިކް އަށް ފުރަތަމަ ހާފުގައި އެއްވެސް ކަމެއް ނުކުރެވުމުން ޕޮޓާ ދެވަނަ ހާފު ފެށީ އަލަށް ގެނައި ނޮނީ މަޑުއެކޭ އަރުވައިގެންނެވެ. ޗެލްސީ އިން ގިނަ ފުރުސަތުތަކެއް ހޯދި މި ހާފުގައި ފަހުން އެރުވި ޑޭވިޑް ޑާޓޯ ފޮފާނާ ވަނީ ފުލަމްގެ ކީޕަރު ބާން ލެނޯ ކައިރިން ނައްޓާފައި ވެސް ހަމަލާއެއް ފޮނުވާލައިފަ އެވެ. ނަމަވެސް އެ ހަމަލާ ދިފާއު ކުރީ ފުލަމްގެ އެމެރިކާ ޑިފެންޑަރު ޓިމް ރީމް އެވެ.

މިދިޔަ މަހު ލިގުގައި އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރި ފުލަމް ވަނީ ޗެލްސީން ލަނޑެއް ޖެހިޔަ ނުދީ ހުއްޓުވަން މުޅި މެޗުގައި ވެސް މޮޅަށް ޑިފެންސް ކޮށްފަ އެވެ.

އެންމެ ފަހުން ޗެލްސީ ކުޅުނު 12 މެޗުގެ ތެރެއިން ތިން މެޗު އެއްވަރު ވެފައި ވާއިރު ހަތް މެޗުން ވަނީ ބަލިވެފަ އެވެ. މޮޅުވީ އެންމެ ދެ މެޗުންނެވެ.

މި ނަތީޖާއާ އެކު ފުލަމް ވަނީ 22 މެޗުން 32 ޕޮއިންޓް ހޯދައިގެން ތާވަލްގެ ހަވަނައަށް ޖެހިލައިފަ އެވެ. އަދި ޗެލްސީ ވަނީ 21 މެޗުން 30 ޕޮއިންޓް ހޯދައި ވަގުތީގޮތުން ނުވަވަނައަށް ޖެހިލައިފަ އެވެ.