Roadha Mihaaru
އިޒްރޭލު ސަރުކާރާ ދެކޮޅު މުޒާހަރާ 5 ވަނަ ހަފުތާއަށް

ނަތަންޔާހޫގެ އިސްލާހީ ފިޔަވަޅުތަކާ ދެކޮޅު މުޒާހަރާ ފަސް ވަނަ ހަފުތާއަކަށް

05 ފެބުރުއަރީ 2023

އިޒްރޭލުގެ ގާނޫނީ އަދި ޝަރުއީ ނިޒާމު އިސްލާހް ކުރުމަށް އެ ގައުމު ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއުލާން ކުރައްވާފައިވާ އިސްލާހީ ފިޔަވަޅުތަކާ ދެކޮޅަށް އިޒްރޭލުގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތައް މެދު ނުކެނޑި ފަސް ވަނަ ހަފުތާ އަށް ދެމިގެން ހިނގައްޖެ އެވެ.

އިޒްރޭލުގެ ގާނޫނީ އަދި ޝަރުއީ ނިޒާމު އިސްލާހް ކުރުމަށް އެ ގައުމު ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫ އިއުލާން ކުރައްވާފައިވާ އިސްލާހީ ފިޔަވަޅުތަކާ ދެކޮޅަށް އިޒްރޭލުގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތައް މެދު ނުކެނޑި ފަސް ވަނަ ހަފުތާ އަށް ދެމިގެން ހިނގައްޖެ އެވެ.

ވެރިރަށް ތެލް އަބީބްގައި އިއްޔެ ކުރި މުޒާހަރާގައި ވެސް، ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައި ވެސް އެތައް ހާސް ބަޔަކު ބައިވެރިވެ، ސަރުކާރާ ދެކޮޅަށް އަޑު އުފުލި އެވެ. މުޒާހަރާގައި ބައިވެރިވި ބައެއް މީހުން ބުނި ގޮތުގައި އެމީހުން ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުން ދަނީ، ޑިމޮކްރެސީއެއްގެ ގޮތުގައި އޮތް މިނިވަން ދައުލަތެއް، ޚުދުމުޚުތާރު އަނިޔާވެރި ދައުލަތެއްގެ މިސްރާބަށް ބަދަލުކުރުމަށް ބަޔަކު މަސައްކަތް ކުރާތީ އެވެ.

ބޮޑުވަޒީރު ނަތަންޔާހޫ ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ އެންމެ ބޮޑު ބޭނުމަކީ، އެ ގައުމުގެ ސުޕްރީމް ކޯޓުގެ ބާރުތައް ހަނިކޮށް، އެ ބާރުތައް ސަރުކާރުގެ ވަކި މިނިސްޓަރަކަށް ލިބިދިނުމެވެ. ނަތަންޔާހޫގެ ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެސްފި ނަމަ، އެ ގައުމުގައި ޒަމާނުއްސުރެ އުފެދި އަމަލުކުރަމުން އަންނަ، ފާރަވެރިވުމާއި ޒިންމާދާރުކުރުމުގެ ނިޒާމު މުލުން ލުހިގެންދާނެ އެވެ.

ނަތަންޔާހޫގެ ސަރުކާރުން އިއުލާންކޮށްފައިވާ އިސްލާހީ ޕްރޮގްރާމަށް އަމަލުކުރަން ފެށުމުން، އިޒްރޭލުގެ ހައި ކޯޓަށް ލިބިގެންވާ ބައެއް ބާރުތައް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް، އަދި ބައެއް ބާރުތައް ޖަސްޓިސް މިނިސްޓްރީ އަށް ލިބިގެންދާނެ އެވެ. އެ ގޮތުން ގާނޫނު ހަދާ މަޖިލީހަށް ލިބިގެންދާނެ ބައެއް ބާރުތަކަކީ، ގާނޫނުއަސާސީއާ ޚިލާފު ކަމަށް ބުނެ، މީގެ ކުރިން ހައި ކޯޓުން ބާތިލުކޮށްފައިވާ ބައެއް ގާނޫނުތައް އަލުން ފާސްކުރުމުގެ ބާރު، ގާނޫނު ހަދާ މަޖިލީހަށް ލިބުމެވެ.

އިސްލާހީ ޕްރޮގްރާމްގެ ތެރެއިން ގާނޫނު ހަދާ މަޖިލީހަށް ލިބިދޭނެ އަނެއް ބާރަކީ، ސުޕްރީމް ކޯޓުން ނިންމާ ނިންމުންތައް ވެސް، ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޖުމްލަ 120 މެމްބަރުންގެ ތެރެއިން، މަޖިލީހުގެ ސާދާ އަޣުލަބިއްޔަތު ކަމަށްވާ 61 މެމްބަރުންގެ ވޯޓުން ބަދަލުކޮށްލުމުގެ ބާރު ލިބުމެވެ.

އިޒްރޭލުގެ ނޫސްތައް ބުނާ ގޮތުގައި ނަތަންޔާހޫގެ ސަރުކާރާ ދެކޮޅަށް، އެ ގައުމުގެ 20 ސަހަރެއްގައި އިއްޔެ ވެސް އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ މުޒާހަރާ ކުރި އެވެ. ހައިފާގައި އިއްޔެ ކުރި މުޒާހަރާގައި ކުރީގެ ބޮޑުވަޒީރު ޔައީރް ލެޕިޑް ވެސް ބައިވެރިވި އެވެ.

މުޒާހަރާގައި ބައިވެރިވުމަށް ފަހު އޭނާ އާންމު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފު ގައުމެއްގައި އުޅެން ބޭނުން ނުވާތީ، އެފަދަ ގައުމަކަށް އިޒްރޭލު ވިޔަ ނުދިނުމަށްޓަކައި އެންމެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.