Roadha Mihaaru
ބޮންޑޭއަށް އެމްޑީޕީގެ އިނާޔަތްތައް ކަނޑާލަން އަންގައިފި

ވިޕާ ޚިލާފުވުމުން ބޮންޑޭއަށް އިނާޔަތްތައް ކަނޑާލަން އަންގައިފި

07 ފެބުރުއަރީ 2023

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މުހިއްމު ބިލްތަކަކަށް ނެރުނު ވިޕާ ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށް ބުނެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އަށް އެމްޑީޕީގެ އިނާޔަތްތައް ކަނޑާލަން އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން މުހިއްމު ބިލްތަކަކަށް ނެރުނު ވިޕާ ތަކުރާރުކޮށް ޚިލާފުވެފައިވާ ކަމަށް ބުނެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)އަށް އެމްޑީޕީގެ އިނާޔަތްތައް ކަނޑާލަން އަންގައިފި އެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ބޮންޑޭއަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ތިން ފަހަރަށް ވިޕްލައިނާ ޚިލާފުވެވަޑައިގެންފައިވާ ކަމަށެވެ. ފިޔަވަޅެއްގެ ގޮތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ހިންގާ ގަވާއިދުގެ 41 ވަނަ މާއްދާގެ (ނ)ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ޕާޓީން ދޭ އިނާޔާތްތައް ކަނޑާލަން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ދަންނަވާފައިވާނެ ކަމަށެވެ.

އަސްލަމްގެ ސިޓީތަކުގައިވާ ގޮތުން ބޮންޑޭ ޚިލާފުވީ ސަޕްލިމެންޓްރީ ބަޖެޓާއި މި އަހަރަށް ލަފާކުރި ބަޖެޓްގެ އިތުރުން ޖީއެސްޓީ ބޮޑުކުރުމުގެ ބިލް ފާސްކުރަން ނެރުނު ތްރީ ލައިން ވިޕާ އެވެ. ތްރީ ލައިން ވިޕެއް ނެރެފި ނަމަ މަޖިލީހަށް ހާޒިރުވެ ވޯޓުދޭން ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަށް ލާޒިމްވާ ކަމަށް އަސްލަމްގެ ސިޓީގައިވެ އެވެ.

"ލީޑަޝިޕަށް ގަބޫލްކުރެވޭ ފަދަ ސީރިއަސް ހާލަތެއް މެދުވެރިވެގެން ކުރިން ހުއްދައަށް އެދުމަކާ ނުލައި ތްރީ ލައިން ވިޕަށް އަމަލުކުރުމަށް މަޖިލީހަށް ހާޒިރު ނުވުމާއި ވޯޓުގައި ބައިވެރި ނުވުމަކީ ކުށެކެވެ," އަސްލަމް ވިދާޅުވި އެވެ.

ޕާލަމެންޓްރީ ގްރޫޕްގެ ގަވާއިދުގައި ވިޕްލައިނާ ޚިލާފުވުމުން އެޅިދާނެ ފިޔަވަޅުތަކުގެ ތެރޭގައި އިނާޔަތްތައް ކަނޑާލުން މާނަކޮށްފައި ވަނީ ކޮމިޓީތަކާއި ހަރަކާތްތަކުގައި ބައިވެރިނުކުރުން ކަމަށް ވެ އެވެ. މިއީ ތިން ވަނަ ފަހަރަށް ވިޕްލައިނާ ޚިލާފުވުމުން އަޅާ ފިޔަވަޅެވެ.

ހަތަރު ވަނަ ފިޔަވަޅެއްގެ ގޮތުގައި އޮތީ ޕާޓީގެ މަގާމެއްގައި ހުރި ނަމަ ވަކިކުރުމާއި އަހަރެއް ވަންދެން އެތެރޭގެ އިންތިހާބެއްގައި ވާދަނުކުރެވޭ ގޮތް ހެދުމެވެ. ފަސް ވަނަ ފަހަރު އަދަބެއްގެ ގޮތުގައި އެ ގަވައިދުގައި އޮތީ ޕާޓީން ވަކިކުރެވިދާނެ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކުގައި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް ވެސް ވަނީ ދެބައިވެފަ އެވެ. ގިނަ މެމްބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފަޅީގައި ތިއްބެވި އިރު އަނެއް ބަޔަކު ތިއްބެވީ ނަޝީދާ އެކުގަ އެވެ.

މަޖިލީހަށް ހުށަހަޅާ ބިލްތަކާއި މައްސަލަތަކުގައި ވެސް މި ހިޔާލުތަފާތުވުންތަކުގައި އެއް ބަޔަކު އަނެއް ބަޔަކަށް ފާޑުކިޔައި ބަހުގެ ހަމަލާތައް އަމާޒުކުރެ އެވެ. ބަޖެޓު ފާސްކުރުމާއި ޓެކްސް ބިލަށް ނަޝީދުގެ ފެކްޝަނުން ދެކޮޅު ހައްދަވައި ބައެއް މެމްބަރުން ވޯޓެއް ނުދެއްވަ އެވެ.

އެ މެމްބަރުންނާ ދޭތެރޭގައި ވެސް ޕާލަމެންޓްރީ ގްރޫޕުން ވަނީ ފިޔަވަޅު އަޅައިފަ އެވެ.

ބޮންޑޭ ވިދާޅުވީ "ތަފާތުކުރުމެއް" ކަމަށް

ބޮންޑޭ ވަނީ ތްރީ ލައިން ވިޕެއް ނެރުމުން އޭނާ ވޯޓު ނުދިން މައްސަލަ ތަފްސީލްކޮށްދެއްވައި އަސްލަމަށް ސިޓީއެއް ފޮނުވައިފަ އެވެ.

އޭނާ ވޯޓު ނުދެއްވި ސަބަބު ދިފާއުކުރައްވައި ވިދާޅުވީ ސަޕްލިމެންޓަރީ ބަޖެޓްގައި ހިމަނާފައިވާ ޖަމްބޯ ބޭގުތަކުގައި ބިލިއަނުން ފައިސާގެ އަދަދު ޖަހާފައި ވަނީ އެއްވެސް ތަފްސީލެއް ނެތި ކަމަށެވެ. އެމްޑީޕީން އޭނާއަށް ކަނޑައަޅާފައިވާ އިނާޔަތްތައް ކަނޑާލައިގެން އެއްވެސް ޝަކުވާއެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެކަމަކު ޕީޖީ ލީޑަރު އަންގެވި ގޮތަށް މާފަށް އެދިވަޑައިގަންނަވާނީ އޭނާ ތަމްސީލްކުރައްވާ ދާއިރާގެ ރައްޔިތުން އެގޮތަށް އެދޭ ނަމަ ކަމަށް ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި މަޖިލީސް މެމްބަރެއްގެ ގޮތުގައި އޭނާ އިންތިހާބުކުރީ ރައްޔިތުންނެވެ. އެހެންކަމުން މަޖިލީހުގައި އޭނާ އަމަލުކުރާ ގޮތަކުން ޝަކުވާއެއް އޮތް ނަމަ އޮންނާނީ އެ ރައްޔިތުންގެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އެ ރައްޔިތުންގެ ޝަކުވާއަކީ ކޮވިޑުގެ ހާލަތުން އަރައިނުގަނެވި ދަރަނީގެ މައްޗަށް ދަރަނި އިތުރުވެ މުދަލާއި ހިދުމަތްތަކުގެ އަގުމަތިވެ އަތްމަތި ހުސްވެ ގައުމުގައި ފަގީރުކަން އިތުރުވެ ދަރަނީގެ ދަންތުރައިގައި ޖެހިފައިވާ ހާލަތެއްގައި ޓެކްސްނެގުމުގެ ޝަކުވާ އެވެ. އެ ފަދަ ހާލަތެއްގައި ޓެކްސް ބޮޑުކުރާން ވޯޓު ދިނުމަކީ ބޭއިންސާފެކެވެ." އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް މަޖިލީހުގެ ކޮމިޓިއެއްގައި.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަސްލަމް މަޖިލީހުގެ ކޮމިޓިއެއްގައި.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހު މެމްބަރުންގެ ވާޖިބަކީ އަދި ތަމްސީލްކުރަން ޖެހޭނީ ދާއިރާ އާއި ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ހައްގުތަކެވެ. އެހެންކަމުން މަޖިލީހުގައި އޭނާ ދެއްވާ ވޯޓަކީ ދާއިރާ އާއި މުޅި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ދެވޭ ވޯޓަކަށް ވާން ޖެހެ އެވެ.

"ޕީޖީ ގްރޫޕްގެ ލީޑަރުގެ ފަރާތުން އެދިފައިވާ ގޮތަށް އަޅުގަނޑު މާފަށް އެދުމުގެ ކުރީން ދާއިރާގެ ރައްޔިތުންނާއި އަދި ރާއްޖޭގެ ގިނަ ރައްޔިތުން އެކަމަށް އެދޭ ނަމަ މާފަށް އެދޭނެ ވާހަކަ އިހްތިރާމާއެކު ޕީޖީ ލީޑަރަށް ދަންނަވަމެވެ،" ބޮންޑޭ ވިދާޅުވި އެވެ.

ބޮންޑޭ ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތައް ސިއްރުން ބާއްވާ މައްސަަލައިގައި ވެސް ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ. ގަވާއިދުގައި ބައްދަލުވުންތައް ބާއްވަން ޖެހޭނީ ހާމަކޮށްގެން ކަމަށް އޮތަސް 19 ވަނަ ރައްޔިތުންގެ މަޖިލީސް ފެށުނު ފަހުން އެމްޑީޕީގެ ބައްދަލުވުންތައް އެގޮތަށް ނުބާއްވާ ކަަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ބައްދަލުވުންތައް ޔައުމިއްޔާ ވެސް ނުކުރާ ކަމަށާއި މިއީ ޑިމޮކްރަސީގެ ރޫހާ އަދި ހެޔޮވެރިކަމުގެ އުސޫލުތަކާ މުޅިން ހިލާފު ހުދުމުހުތާރު އުސޫލެއް ކަމަށެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި ޕާލަމެންޓްރީ ގްރޫޕުން ފާސްކުރާ ވިޕަށް ވޯޓުދޭން މަޖިލީހަށް ހާޒިރުނުވުމަކީ ވެސް ވިޕްލައިނާ ޚިލާފުވުމެވެ.

"އެހެންކަމުން ފާއިތުވީ 4 އަހަރު އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން ނެރެފައިވާ ވިޕަށް ވޯޓުދޭން މަޖިލީހުގެ އެތަކެއް ޖަލްސާއަށް މަނިކުފާނު [އަސްލަމް] ވެސް ހާޒިރުނުވެ ވިޕްލައިނާ ހިލާފުވެ އަދި ވިޕްލައިނާ ހިލާފުވި އެތަކެއް މެމްބަރުންނަށް އަދި ރާއްޖޭން ބޭރުގައި ދިރިއުޅެމުންދާ މެމްބަރުންނަށް ވެސް އެއްވެސް ފިޔަވަޅެއް ނާޅައި ވަކި ބަޔަކަށް ފިޔަވަޅު އެޅުމަކީ ތަފާތުކުރުމެކެވެ. އަނިޔާއެކެވެ،" ބޮންޑޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެއީ ވަކި ފިކުރެއްނައްތާލައި ނެތިކޮށްލަން ވެސް މަސައްކަތްކުރުމެވެ. މިއީ ރާއްޖެއިން ސޮއިކޮށްފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފު ހުދުމުހުތާރު އިންސާނީ ހަމަބުއްދި ތައާރަޒްވާފަދަ އަނިޔާވެރި އަމަލެކެވެ.