Roadha Mihaaru
"އެސްޑީއެފް ބިލް ބޭރުކޮށްލީ އޮޅުވާލުމެއްގެ ތެރެއިން"

ޕީޕީއެމް/ޕީއެންސީން ތުހުމަތުކުރަނީ އެސްޑީއެފް ބިލް ބޭރުކޮށްލީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށް!

28 މާޗް 2024

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި، ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާ ގުޅޭ ބިލްގެ ވޯޓު މަޖިލިހުގެ ރިޔާސަތުން ނެގީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ޕާލަމެންޓަރީ ގުރޫޕުން ތުހުމަތުކޮށްފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި، ސޮވަރިން ޑިވެލޮޕްމަންޓު ފަންޑާ ގުޅޭ ބިލްގެ ވޯޓު މަޖިލިހުގެ ރިޔާސަތުން ނެގީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށް ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ ޕާލަމެންޓަރީ ގުރޫޕުން ތުހުމަތުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައި، ދައުލަތުގެ ދަރަނި ދެއްކުމުގެ ބުރަ ކުޑަކުރަން އުފައްދާފައިވާ އެސްޑީއެފާ ގުޅޭ ބިލް ބަލައިގަތުމާ މެދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވީ އެންމެ ދެ މެންބަރުންނެވެ. ބިލް ބޭރުކޮށްލާފައިވަނީ އެކެއް އެކަކުން ވޯޓު އެއްވަރުވުމުން، ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނައިބު ރައީސް އަދި ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމު ދެކޮޅަށް ވޯޓު ދެއްވުމުންނެވެ.

އެހެންވެ، މި މައްސަލާގައި މަޖިލީހުގެ މައިނޯރިޓީ ޕާޓީ، ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައިނޯރިޓީ ލީޑަރު އަދި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، އެސްޑީއެފް ބިލަށް ވޯޓަށް އެހި ވަގުތަކީ އެންޓި-ޑިފެކްޝަން ބިލް ބަލައިގަނެ ފޮނުވަން އުފެއްދި ހާއްސަ ކޮމިޓީއާ މެދު ހިތްހަމަނުޖެހި، ސަރުކާރުގެ މެންބަރުން މަޖިލީހުގެ ކޯރަމް ގެއްލުވައިލި ވަގުތު ކަމަށެވެ.

އެ ވަގުތު ތިބީ އެ ކޮމިޓީއާ މެދު ޕީޖީގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރުމަށް ކަމަށް ސިރާޖު ވިދާޅުވި އެވެ.

އެ ވަގުތު ސަރުކާރު ފަޅީގެ މެންބަރުން ތިއްބެވީ އެކަމާ މެދު މަޝްވަރާ ކުރުމަށް މަޖިލިހުގެ އިދާރާގެ ކުޑަދަށުގައި ކަމަށާއި ވޯޓު ނެގީ ވޯޓަށް ބެލް ޖެހުމެއް ނެތި، އަދި އާންމު އުސޫލުން މަޖިލިހު މެމްބަރުންގެ ވަޓްސްއެޕް ގުރޫޕުގައި ވެސް އެންގުމެއް ނެތި ކަމަށް ސިރާޖު ވިދާޅުވި އެވެ.

"މި ބިލު ބޭރުކޮށްލުމަކީ އުސޫލުތަކާ ހިލާފަށް މަޖިލިސް އެ ވަގުތު އޮތްކަން އަޅުގަނޑުމެންނަށް ނާންގާ ވޯޓު ގަޑީގައި އޮންނަ އިޖުރާއަތްތަކާ ހިލާފަށް މެދުކަނޑާލުމަށް ފަހު އަދި އޭގެ ފަހުން ވެސް ހިނގާކަން ނާންގާ ކުރިއަށް ގެންގޮސް ނެގި ވޯޓެއް. މިއީ ވަރަށް ބިރުވެރި ކަމެއް،" ސިރާޖު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކޯރަމެއް ނެތި މި ގޮތަށް ދެ މެންބަރުން ވޯޓު ލައިގެން ބިލު ބޭރުކޮށްލުމަކީ ރައްޔިތުން ބަލަން ޖެހޭ ކަމެއް ކަމަށެވެ. ވޯޓަށް އެހިކަން އެނގުނު ނަމަ، މިފަދަ މުހިންމު ބިލެއްގެ ވޯޓުގައި ސަރުކާރު މެންބަރުން ބައިވެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، އެ ދުވަހުގެ ވޯޓުގެ ކަންކަން ހިނގާފައިވަނީ ބޮޑު އޮޅުވާލުމެއް އަދި މަކަރުވެރިކަމެއްގެ ތެރެއިން ކުރިއަށް ގެންގޮސް، އެމްޑީޕީން ބޭނުންވާ ގޮތަށް ކަމަށެވެ.

މިއީ ގައުމީ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި މެންބަރުން ވަނީ މިފަދަ މުހިންމު ކަމެއްގައި މިފަދަ އޮޅުވާލުމުގެ ތެރެއިން މި ބިލް ބޭރުކޮށްލުމަކީ ކަންބޮޑުވާން ޖެހޭ ފަދަ ކަމެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ.

އިއްޔެ ބޭއްވި ޖަލްސާގައި ވެސް ސަރުކާރުގެ މެންބަރުން ވަނީ މި ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ވޯޓު ނެހީ މަޖިލިހުގެ ގަވައިދުގައިވާ ގޮތުގެ މަތިން ކަމަށާއި 15 މިނިޓު ފަހުން މެދުކަނޑާލާކަން އެންގުމަށް ފަހު ޖަލްސާ އަލުން ފެށި ކަމަށެވެ.

އަސްލަމް ވިދާޅުވީ، ވޯޓާ ގުޅޭ ހުރިހާ އިޖުރާއަތަކަށް އަމަލުކޮށް، ވޯޓު ނަގާކަން މެންބަރުންނަށް ކުރިއާލައި އަންގާފައިވާ ވެސް ވާ ކަމަށެވެ.