Roadha Mihaaru
މަޖިލީހުގެ ދައުރު އަނެއްކާވެސް ދަންމާލައިފި

ވަޒީރުންނަށް ރުހުން ދޭން މަޖިލީހުގެ ދައުރު ތިންވަނަ ފަހަރަށް ދަންމާލައިފި

18 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަށް ރުހުން ދިނުމުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިން ވަނަ ދައުރު މި މަހުގެ 28 އާ ހަމައަށް ދަންމާލަން އަނެއްކާވެސް ފާސްކޮށްފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަން ކުރައްވާފައިވާ ބޭފުޅުންނަށް ރުހުން ދިނުމުގެ މަސައްކަތް ނިންމުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ ތިން ވަނަ ދައުރު މި މަހުގެ 28 އާ ހަމައަށް ދަންމާލަން އަނެއްކާވެސް ފާސްކޮށްފި އެވެ.

މަޖިލީހުގެ ދައުރު މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް ހަމަވިޔަސް، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ނުނިމޭތީ، މި މަހުގެ ހަތް ވަނަ ދުވަހަށް ދައުރު ދަންމައިލި އެވެ. އެކަމަކު އެ ދުވަހާ ހަމައަށް ވެސް އެ މަސައްކަތް ނުނިމޭތީ، މިއަދާ ހަމައަށް ދައުރު އިތުރުކުރަން މަޖިލީހުން އޮތީ ފާސްކޮށްފަ އެވެ.

މިއަދު ބޭއްވި ދައުރުގެ ފަހުގެ ޖަލްސާގެ އެޖެންޑާގައި ރައީސް ޑރ. މުއިއްޒުގެ ކެބިނެޓަށް ރުހުން ދިނުން އޮތީ އެޖެންޑާކޮށްފަ އެވެ.

ނަމަވެސް، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ ވަރު ބަލާ ކޮމިޓީން ކެބިނެޓުގެ 22 ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް ނިންމާފައިވަނީ، މި ސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓު ފާސްނުކޮށް ކަމަށް ބުނެ އެމްޑީޕީން އުފެއްދި ސުވާލުތަކާ ގުޅިގެން އެ މައްސަލަ އަނބުރާ ކޮމިޓީ އަށް ފޮނުއްވަން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމެވީ އެވެ.

އެ މަސައްކަތް ނިންމުމަށްޓަކައި މަޖިލީހުގެ ދައުރު އަނެއްކާވެސް އިތުރުކުރަންޖެހޭ ކަމަށް މިއަދުގެ ޖަލްސާ ފައްޓަވަމުން އަސްލަމް ވިދާޅުވި އެވެ.

އެއާ އެކު، ރުހުން ދިނުމުގެ މަސައްކަތް ނިންމުމަށްޓަކައި މި މަހުގެ 28 އާ ހަމައަށް މަޖިލީހުގެ ތިންވަނަ ދައުރު ދަންމާލަން ފާސްކުރީ، އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.

އާ ސަރުކާރުގެ މިނިސްޓްރީތަކުގެ މެންޑޭޓް ފާސްނުކޮށް، ވަޒީރުންނަށް ރުހުން ނުދެވޭނެ ކަމަށް މަޖިލިހުގެ ރިޔާސަތުން ނިންމިޔަސް މެންޑޭޓް ފާސްކުރުމަށް ސަރުކާރުން އޮތީ މަޖިލިހަށް ފޮނުވައިފަ އެވެ. އެކަމަކު، މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީން މިހާތަނަށް އޮތީ އެ ކަން ނުކޮށެވެ.