Roadha Mihaaru
އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅައިފި

މަޖިލިސް ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިފި

28 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ ގަރާރު، ސަރުކާރު ނިސްބަތްވާ މެންބަރުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އާއި ނައިބު ރައީސް އަހުމަދު ސަލީމްގެ އިތުބާރު ނެތް ކަމުގެ ގަރާރު، ސަރުކާރު ނިސްބަތްވާ މެންބަރުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު މޫސާ ސިރާޖު ވިދާޅުވީ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިހާރު ހުށަހަޅާފައިވާ ކަމަށެވެ. އަސްލަމްގެ އިތުރުން ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައިވާއިރު އިތުބާރު ނެތް ކަމުގެ ގަރާރުގައި 23 މެންބަރަކު ސޮއިކުރައްވާފައިވެ އެވެ.

އަސްލަމާއި ސަލީމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އިން ހުށަހެޅީ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އެމްޑީޕީ އާއި ޑިމޮކްރެޓްސް އިން ނިންމުމާ އެކު މިއަދު މަޖިލީހުގައި ހަމަނުޖެހުން ހިންގާފައިވަނިކޮށެވެ.

އިތުބާރު ނެތް ކަމުގެ ގަރާރުގައި ބުނެފައިވަނީ މިނިސްޓަރުންނަށް ރުހުން ދިނުމުގެ މައްސަލާގައި އަސްލަމާއި ސަލީމް އަމަލު ކުރައްވާފައިވަނީ ވަކި ޕާޓީއެއްގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށާއި ގާނޫނުއަސާސީ އާއި ދުސްތޫރުން މަތިކޮށްފައިވާ ޒިންމާތަކާ ހިލާފުވެފައިވާ ކަމަށެވެ.

އެމްޑީޕީން ޕީޖީ ގުރޫޕުން ނިންމާފައިވަނީ ބަންޑާރަ ނައިބު އަހުމަދު އުޝާމްގެ އިތުރުން ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަށް ރުހުން ނުދިނުމަށެވެ.

ރައްޔިތުންގެ މަޖިލިހުގެ ތެރެއިން މިހާރު އެމްޑީޕީއާ އެކު މަސައްކަތްކުރާ ޑިމޮކްރެޓްސްގެ މެންބަރުން ވެސް ވަނީ އުޝާމާއި ހައިދަރާއި ޝަހީމަށް ރުހުން ނުދޭން ނިންމައިފަ އެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޑިމޮކްރެސްޓްސް އިން ރުހުން ނުދޭން ނިންމި އަނެއް ވަޒީރަކީ ފޮރިން މިނިސްޓަރު މޫސާ ޒަމީރެވެ. އެކަމަކު، އެމްޑީޕީގެ ލިސްޓުގައި ޒަމީރުގެ ނަމެއް ނެތެވެ.

އޭގެ އިތުރުން ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލަށް ރުހުން ނުދިނުމަށް ވެސް އެ ދެ ޕާޓީގެ ވިސްނުން އެބަހުއްޓެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން ވަކި ގޮތެއް ނުނިންމަ އެވެ.

ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން ނިންމި ސަބަބުތަކުގެ ތެރޭގައި މާލެ ރައްޔިތުންނަށް ދޫ ކޮށްފައިވާ ގޯތިތައް ނުދީ ހިފެހެއްޓުމާއި އިންޑިއާއާ ގުޅުން ގޯސްވުން ހިމެނެ އެވެ. މިކަމާ ގުޅިގެން ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީން ނެރުނު ބަޔާނެއްގައި ބުނީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލި ވަޒީރުންނަށް މަޖިލީހުގެ މެންބަރުންނަށް ރުހުން ނުދިނުމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ހިދުމަތްތަކަށް ހުރަސްއެޅުން ކަމަށެވެ.