Roadha Mihaaru
މަޖިލީހުން މެމްބަރުން ނެރުނީ ސިފައިންނެއް ނޫން

ރިޔާސީ ބަޔާންގެ ޖަލްސާ: ޗެމްބަރުން މެމްބަރުން ނެރުނީ ސިފައިންނެއް ނޫން

07 ފެބުރުއަރީ 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިހަށް އިއްޔެ ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް، މަޖިލިހުގެ ތަޅުމުގައި އިހުތިޖާޖު ކުރި އިދިކޮޅު މެމްބަރުން ތަޅުމުން ނެރުމުގައި ހަރަކާތްތެރިވީ ސިފައިން ނޫން ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލިހަށް އިއްޔެ ރިޔާސީ ބަޔާން އިއްވުމާ ދިމާކޮށް، މަޖިލިހުގެ ތަޅުމުގައި އިހުތިޖާޖު ކުރި އިދިކޮޅު މެމްބަރުން ތަޅުމުން ނެރުމުގައި ހަރަކާތްތެރިވީ ސިފައިން ނޫން ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ޖަލްސާގައި އިއްޔެ ރައީސް ރިޔާސީ ބަޔާން އިއްވަވަން ފެއްޓެވުމުން އިދިކޮޅު މެމްބަރުންތަކެއް ވަނީ އެ މަނިކުފާނުގެ ކުރިފުޅު މައްޗަށް އެއްވެ ތިބެ އިހުތިޖާޖު ކޮށްފަ އެވެ. އެހެންވެ، ރިޔާސީ ބަޔާން އިއްވަވަން އަލުން ފެއްޓެވީ އެ މެމްބަރުންގެ ނަންތައް މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު އިއްވަވައި ޗެމްބަރުން ނެރުމަށް ފަހު އެވެ.

ނަޝީދުގެ "އޯޑަރަށް" އަދި އެ މަނިކުފާނުގެ ބެއްލެވުމުގެ ދަށުން މެމްބަރުން ނެރުނީ ސިފައިން ކަމަށް ގިނަ ބަޔަކަށް ހީވެ، އެ ކަމުގެ ފާޑުކިޔުންތައް ވެސް ގިނަވި އެވެ. އަދި އެ ކަމުގައި އަންހެނުންތަކެއް ބައިވެރި ކުރީތީ ވެސް ފާޑުކިޔެވެ.

އެމްއެންޑީއެފުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިއްޔެގެ ޖަލްސާގައި ޗެމްބަރުގެ ތެރޭގައި ސެކިއުރިޓީ ބަލަހައްޓަން ހަރަކާތްތެރިވީ ގައުމީ ދިފާއީ ބާރުން ނޫން ކަމަށެވެ.

"އެކަމުގައި ހަރަކާތްތެރިވީ މަޖިލީހުގެ ސެކިއުރިޓީންނެވެ. އަދި މި ކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ގައުމީ ދިފާއީ ބާރުގައި އެދިފައި ނުވާ ކަމުގައި ވެސް ދަންނަވަމެވެ،" އެމްއެންޑީއެފްގެ މެސެޖުގައި ބުންޏެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ -- ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ -- ފޮޓޯ: ރައީސް އޮފީސް

މަޖިލީހުގެ ތެރޭގައި އެ ވަގުތު ސެކިއިރިޓީއަށް ފިރިހެނުން ތިބި ނަމަވެސް، މަޖިލީހުގެ ރައީސް ނަޝީދުގެ އެންގެވުމަށް އިދިކޮޅުގެ މެމްބަރުން ދުރުކުރަން ވެއްދީ މަޖިލީހުގެ ސެކިއުރިޓީގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންނެވެ.

އެ މީހުން މެމްބަރުން ދުރުކުރަން މަސައްކަތް ކުރި އިރު ފިރިހެން ސެކިއުރިޓީ މުވައްޒަފުން ވެސް ކައިރީގައި ތިއްބެވެ. ވަކި ހިސާބަކުން އެ މުވައްޒަފުން ވެސް މެމްބަރުން ނެރެން އެހީވި އެވެ.

މަޖިލީހުގެ އިދާރާ އިން މިއަދު ބުނީ، މަޖިލިހުގެ ސަލާމަތީ ކަންކަން ބަލަން 10 ވަރަކަށް މީހުން ތަމްރީނު ކޮށްފައިވާ ކަމަށާއި އެ މީހުންގެ ބޭނުން ހިފާ ކަމަށެވެ. އެހެންވެ، އިއްޔެ ޖަލްސާގައި ނަން އިއްވި މެމްބަރުން ނެރުނީ އެ މީހުން ކަމަށް މަޖިލިހުގެ އިދާރާ އިން ވެސް ބުންޏެވެ.

އިދިކޮޅުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ މަޖިލިހުގެ ފިރިހެން މެމްބަރުންގެ ގައިގައި ސެކުއިރިޓީގެ އަންހެން މުވައްޒަފުން އަތްލާފައިވާތީ އެކަން ކުށްވެރިކޮށްފަ އެވެ.

މަޖިލީހުގެ ރިޔާސަތުން މެމްބަރެއްގެ ނަން އިއްވުމުން، އެ މެމްބަރަކު ނެރެން ޖެހެނީ މަޖިލީހުގެ ސާޖަންޓް އެޓް އާމްސް އެވެ. އިއްޔެ، ރިޔާސީ ބަޔާން އިއްވި އިރު ސާޖަންޓް އެޓް އާމްސްގެ މަގާމުގައި އެއްވެސް މީހަކު ނެެތެވެ. އެ މަގާމަށް މީހަކު ހޯދަން މިދިޔަ ދައުރުގައި އިއުލާން ކުރުމުން އެޕްލިކޭޝަންތަކެއް ލިބިފައިވާ ކަމަށް މަޖިލިހުގެ އިދާރާ އިން ބުންޏެވެ.

މީގެ ކުރިން މަޖިލީހުގެ ސާޖަންޓް އެޓް އާމްސްގެ މަގާމުގައި ހުންނެވި މުހައްމަދު ހަލީމް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އޮފީސް ބަގްކޮށް، ދައްކާ ވަހަކަތައް ސިއްރުން އަޑުއެހޭނެ ގޮތް ހެދި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި ސަސްޕެންޑުކުރުމަށް ފަހު ވަނީ ވަޒީފާ އިން ވަކިކޮށްފަ އެވެ.