Roadha Mihaaru
ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އަމިއްލައަށް ބަލަހަައްޓަނީ

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އަމިއްލަ އަށް ބެލެހެއްޓޭނެ ގާބިލްކަން އިތުރުކުރަނީ!

05 ފެބުރުއަރީ 2024

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ރާއްޖޭގެ އަސްކަރިއްޔާގައި ވަރަށް އަވަހަށް ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން ރާއްޖޭގެ އަސްކަރިއްޔާގައި ވަރަށް އަވަހަށް ގާއިމް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް މުއިއްޒު އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުންނެވެ.

ރައީސް ވިދާޅުވީ، އެ މަނިކުފާނު ގަބޫލުފުޅު ކުރައްވާ ގޮތުގައި އެއްގަމާއި ވަޔާއި ކަނޑުގެ މަގުން ވެސް ރާއްޖެ ދިފާއު ކުރެވޭނެ ޒަމާނީ އަސްކަރީ ގާބިލްކަން ރާއްޖޭގައި ވަރުގަދަ ކުރަންޖެހޭ އެވެ.

"އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަން ފަށައިފިން. ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،" މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުމަތީގައި.

އެމްއެންޑީއެފްގެ ކޯސްޓްގާޑުގެ އުޅަނދެއް ކަނޑުމަތީގައި.

ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުމަށް ތާރީހީ ގޮތުން އެކިއެކި ބޭފުޅުން ކުރެއްވި ބައެއް މަސައްކަތްތައް ވެސް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ. ރާއްޖެ ދުށް އެންމެ ވަރުގަދަ ގައުމީ ބަތަލުންގެ ތެރޭގައި ހިމެނޭ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންނާއި ބޮޑުރަސްގެފާނާއި އިސްކަންދަރު މަހާރަދުން ފަދަ ކޮންމެ ލީޑަރެއްގެ ޒައާމަތުގައި ވެސް ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރައްވަން މަސައްކަތްތަކެއް ކުރެއްވި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

"ބޮޑުރަސްގެފާނުގެ ޒަމާނުގައި މަލާބާރީންނާއި ކަންނައްނޫރު އަލީރާޖާގެ ހަމަލާތަކުން ދަފަރާވުމަށް، ފުރަމާލޭގައި ބުރުޒުތައް ހައްދަވައި، އަސޭކަރައިން ރަތުލޯބަޑީގެ 14 ބަޑި ހޯއްދެވި ގޮތުގެ ވާހަކަ ދިވެހި ތާރީހުގައި އެބައޮތް. އެއީ އެ ޒަމާނަށް ބަލާއިރު ވަރު ހުރި ދިފާއީ އާލާތްތަކެއް،" ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ 900،000 އަކަކިލޯ މީޓަރުގެ ބޮޑު އެކްސްކްލޫސިވް އިކޮނޮމިކް ޒޯން 24 ގަޑިއިރު ހުއްޓުމެއް ނެތި ބެލެހެއްޓޭނެ ގާބިލްކަން އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ދިވެހި އަސްކަރިއްޔާގައި ގާއިމް ކުރެވިގެންދާނެ،"--- ރައީސް މުއިއްޒު

ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އާންމުކޮށް ބެލެހެއްޓުމުގައި މިހާތަނަށް އެހީތެރިކަން ހޯދަމުން އައީ އިންޑިއާގެ އަސްކަރިއްޔާ އިން ކަމަށް ވިޔަސް ރާއްޖޭގައި ތިބި އެ ގައުމުގެ ސިފައިން ބޭލުމުގެ މައްސަލާގައި ގުޅުން އެހާ ރަނގަޅެއް ނޫނެވެ. އަދި ހުއްދަ ހޯދުމެއް ނެތި، ބައިނަލްއަގްވާމީ ކަނޑުގެ ގާނޫނުތަކާ ވެސް ހިލާފަށް ހަތިޔާރާ އެކު އިންޑިއާގެ ކޯސްޓްގާޑުގެ ސިފައިން ވަދެ، ރާއްޖޭގެ ތިން މަސްދޯންޏަކަށް އަރައި މަސްވެރިންނާ ސުވާލުކޮށް ބިރުދެއްކި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.

ދިވެހި ސަރުކާރަށް އެނގުމެއް ނެތި އިންޑިއާ ސިފައިން ރާއްޖޭގެ ސަރަހައްދަށް ވަދެ އެ އަމަލު ހިންގި ސަބަބު ލިޔުމަކުން ހޯދަން މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ރާއްޖެ އިން ރަސްމީކޮށް އިންޑިއާގައި އެދުނަސް މިހާތަނަށް ޖަވާބެއް ނުދޭ ކަމަށް ވެ އެވެ.

ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެޓް ޖެނެރަލް އަބްދުއްރަހީމާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ބައްދަލުކުރައްވަނީ: މިހާތަނަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އެހީތެރިކަން ހޯދީ އިންޑިއާ އިން---ފޮޓޯ: އެމްއެންޑީއެފް

ރާއްޖޭގެ ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެޓް ޖެނެރަލް އަބްދުއްރަހީމާއި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު މުނޫ މަހާވަރު ބައްދަލުކުރައްވަނީ: މިހާތަނަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމުގައި އެހީތެރިކަން ހޯދީ އިންޑިއާ އިން---ފޮޓޯ: އެމްއެންޑީއެފް

އެނގިފައިވާ ގޮތުގައި ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބަލަހައްޓަން ޒަމާނީ އާލާތްތައް ހޯދުމުގެ މަސައްކަތް ދިވެހި ސަރުކާރުން ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި އެންމެ ޒަމާނީ ޑްރޯންތައް ގަތުން ހިމެނޭ ކަަމަށް ވެ އެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ މަހުގެ ފަހުކޮޅު ނެރުނު ބަޔާނެއްގައި ބުނީ، ދިވެހި ސިފައިންނަށް އަސްކަރީ އަދި މަދަނީ ދިފާއީ ދައުރު އަދާކުރުމަށް ބޭނުންވާ, އެއްގަމާއި ކަނޑާއި ވައިގެ ޒަމާނީ ޕްލެޓްފޯމްތަކާއި ވަސީލަތްތައް ހޯދައިދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

"މި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގެ ގާބިލުކަން ހުރި، އަދި ބަދަލުވަމުންދާ ސަލާމަތީ މަސްރަހުގައި ކުރިމަތިލާން ޖެހިދާނެ ސަލާމަތީ ގޮންޖެހުންތަކާއި، ކޮންމެ ނުރައްކަލަކާ ކެރިގެން ކުރިމަތިލުމުގެ ގާބިލުކަން ހުރި ޒަމާނީ އަސްކަރިއްޔާއަކަށް ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރު ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ އިސްކަން ދެއްވާ އެއް ކަންތަކެވެ،" ބަޔާނުގައި ވެ އެވެ.