Roadha Mihaaru
ނަފުސާނީ ސިއްހަތުގެ މައްސަލަ ހައްލު ނުކުރެވޭ: ރިޔާޒު

ނަފުސާނީ ސިއްހަތުގެ މައްސަލަ ހައްލު ނުކުރެވޭ، ގިނަ ބަޔަކު އުޅެނީ ވޭނާއި ތުރާލުގައި: ރިޔާޒު

07 ފެބުރުއަރީ 2023

ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ގަރާރުގައި ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދިނުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަމަށް ރައްޔިތުންގެ މަޖިލީހަށް ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހުށަހެޅުއްވި ގަރާރުގައި ބުނެފި އެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ނައިބު ރައީސްކަން ވެސް ކުރައްވާ ރިޔާޒު މިދިޔަ އަހަރުގެ ނޮވެމްބަރު އެއް ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވި ގަރާރު އެޖެންޑާކޮށް ބަހުސް ފެށީ މިއަދެވެ.

ރިޔާޒުގެ ގަރާރުގައި ސަރުކާރަށް ގޮވައިލެއްވީ ނަފްސާނީ ދުޅަހެޔޮކަމުގެ ބޮޑު މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅައި، ގަރާރުގައި ހިމަނާފައިވާ ކަންކަން ވެސް ހިމެނޭ ގޮތަށް، ހަރުދަނާ ނިޒާމެއްގެ ތެރެއިން ނަފުސާނީ ސިއްހަތުގެ ހިދުމަތްތައް އެކަށޭނެ ގޮތެއްގައި ރާއްޖޭގައި ގާއިމް ކުރުމަށެވެ.

އެ ގަރާރުގައި ވަނީ، ސަރުކާރުން ތަންފީޒު ކުރަން ޖެހޭ ކަންކަން ތަންފީޒު ނުކުރުމުގެ ސަބަބުން، ރައްޔިތުންނަށް އެފަދަ ބަލިތަކަށް ފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކާއި އެ މީހުން ތަހައްމަލު ކުރަމުންދާ ވޭނާއި ތަކުލީފުތަކަށް ލުޔެއް ނުލިބި ގިނަ ބަޔަކު އުމުރުގެ ބޮޑު ބައެއް ވެއަތަކުރަމުންދާ ކަމަށް ބެލެވޭ ސަބަބުތައް ދިވެހި މުޖުތަމައުން ފާހަގަވަމުންދާ ކަމަށެވެ.

ނަފުސާނީ ހިދުމަތްތަކާއި ފަރުވާ ދެވޭނެ ހަރުދަނާ އޮނިގަނޑެއް ރާއްޖޭގައި ނެތް ކަމަށް އޭގައި ފާހަގަކޮށްފައި ވެ އެވެ. އަދި ރާއްޖޭގެ އާބާދީއާ އެކަށޭނެ ވަރަކަށް އެ ހިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށް ވެ އެވެ. އޭގެ އިތުރުން، ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލު އައިޖީއެމްއެޗްގައި ވެސް ނަފުސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންގެ ބޮޑު ކިއޫއެއް އޮންނަ އިރު ފަރުވާއަށް އެދޭ މީހުންނަށް އެކަށީގެންވާ އަވަސް މިނެއްގައި ފަރުވާގެ ފުރުސަތު ނުލިބޭކަން ފާހަގަކުރި އެވެ.

އެ ގަރާރުގައި ވަނީ ސަރުކާރުން ސްޓްރެޓަޖިކް އެކްޝަން ޕްލޭން 2019-2023 ގައި ވެސް އެފަދަ ބަލިތައް ހުންނަ މީހުންނަށް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ ނިޒާމެއް ގާއިމް ކުރާނެ ވާހަކަ އޮތް އިރު، އެ ސިޔާސަތު ތަންފީޒު ކުރަން އަހައްމިއްޔަތު ކަމެއް ދޭ ކަމަށް ބެލެވޭ ވަރުގެ ނަތީޖާތަކެއް ނުފެންނަ ކަމަށެވެ.

އެ އެކްޝަން ޕްލޭނުގައިވާ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ނަފްސު އެސެސްކޮށް ބައްޔަކަށް ނުވަނީސް އަމިއްލައަ ށް ހައްލު ކުރެވޭނެ އެއްވެސް ކަމެއް ރާވާފައި ނުވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އޭގެ އިތުރުން، ކްލިނިކްތަކަށާއި ހޮސްޕިޓަލުތަކަށް ދާން ފަސް ޖެހޭ ހާލަތްތަކުގައި އަމިއްލަ އަށް ފަރުވާ ހޯދޭނެ "ސެލްފް ކެއާ" ނިޒާމެއް ނުވަތަ ޕްރޮގްރާމުތަކެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ނަފްސާނީ މައްސަލަތަކަށް ފަރުވާ ދޭ ތަންތަން ވެސް ރާއްޖޭގައި މަދު ކަމާއި ހާއްސަކޮށް އަތޮޅު ތެރޭގައި ފަރުވާ ލިބޭނެ ގޮތެއް ނެތް ކަމަށް ރިޔާޒް ވިދާޅުވި އެވެ. ވިދާޅުވީ، މާލެ އާއި އަތޮޅު ތެރޭގައި އެކަމުގައި އޮތް ފަރަގު ކުޑަކޮށް އަތޮޅުތެރޭގައި ހިދުމަތް ގާއިމު ކުރަން ޖެހޭ ކަމަށެވެ.

އެހެން ދާއިރާތަކަށް ވެސް ފަންނީ މީހުން ރާއްޖެއިން ބޭރުން ހޯދަމުންދާ ގޮތަށް ނަފުސާނީ ފަރުވާ ދިނުމަށް ބޭނުންވާ ފަންނީ މީހުން ވެސް ރާއްޖެ އިން ބޭރުން ގެނެވެން އޮތް އިރު އެގޮތަށް އަމަލުކުރެވެމުން ނުދާ ކަމަށް ވިދާޅުވި އެވެ.

ދުނިޔޭގައި ކޮންމެ 8 މީހަކުން އެކަކީ ނަފްސާނީ މައްސަލަ ހުންނަ މީހުންކަން ޑަބްލިއުއެޗްއޯއިން ހާމަކޮށްފައިވާއިރު، ރާއްޖޭގައި އެކަނަ އޮތް މިންވަރު އެނގޭ ފުން ދިރާސާއެއް ހެދިފައި ނެތް ކަމަށްވެ އެވެ.

ނަފްސާނީ ބަލީގައި ޖުމްލަކޮށް ރާއްޖޭގެ ހާލަތެއް އަދި ނޭނގެ އެވެ. އެކަމަކު، ޑަބްލިއުއެޗްއޯގެ ސްޓެޕްސް ރިސާޗު އޮން ރިސްކް ފެކްޓާސް ފޯ ނޮން-ކޮމިއުނަބްލް ޑިސީސްގެ ރިޕޯޓުގައި ބުނީ ރާއްޖޭގައި ކޮންމެ ފަސް މީހުންގެ ތެރެއިން އެކަކަކީ ޑިޕްރެޝަންގެ އުނދގޫ ހުންނަ މީހުން ކަމަށެވެ.

ނަފްސާނީ ބަލިތަކަށް ފަރުވާ ދިނުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ސެންޓަރެއް ހުޅުވީ މާޗު، 2019 ގަ އެވެ. އައިޖީއެމްއެޗްގައި ހުޅުވި މެންޓަލް ހެލްތު ސެންޓަރުން ވަނީ އެތައް ހާސް ބަޔަކު ފަރުވާ ހޯދައިފަ އެވެ. އޭގެ ފަހުން، ހުޅުމާލެ ހޮސްޕިޓަލުގައި ވެސް މެންޓަލް ހެލްތު ސެންޓަރެއް ގާއިމްކޮށްފައިވެ އެވެ. އަދި މިދިޔަ ޑިސެމްބަރު 22ގައި ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމެންޓުގެ ނަމުގައި ހެލްތު މިނިސްޓްރީގެ ދަށުން ޑިޕާޓްމެންޓެއް ވެސް އުފައްދާފައިވެ އެވެ.

އަމިއްލަ ތަންތަނުން ނަފްސާނީ ފަރުވާ ހޯދުމަށް އާސަންދަ ދޭން ފެށީ ފެބްރުއަރީ 1، 2020 ގަ އެވެ. ސައިކޯތެރަޕީ ސެޝަނަކަށް އާސަންދައިން ކަނޑައަޅާފައިވަނީ 100ރ. އެވެ. އޭގެ އިތުރަށް ކޯ-ޕޭމަންޓުގެ ގޮތުގައި އަމިއްލަ ތަންތަނުން 30 މިނެޓުގެ ތެރަޕީއަކަށް 400-600ރ. އާ ދެމެދުގެ އަގެއް ނަގަ އެވެ.