Roadha Mihaaru
މަޖިލީހުގައި އެމްއެންޕީގެ ޕީޖީއަށް ފުރުސަތު ގެއްލިއްޖެ

މަޖިލީހުގައި އެމްއެންޕީ ތަމްސީލުކުރުމުގެ ފުރުސަތު ގެއްލިއްޖެ

21 ނޮވެމްބަރ 2023

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތަމްސީލުކުރައްވަމުން ގެންދެވި ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އުޝާމް އެ ގޮނޑިން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ޕާޓީއަށް މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ތަމްސީލުކުރައްވަމުން ގެންދެވި ވިލިމާލެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އުޝާމް އެ ގޮނޑިން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ ޕާޓީއަށް މަޖިލީހުގައި ތަމްސީލު ކުރުމުގެ ފުރުސަތު ގެއްލިއްޖެ އެވެ.

މަޖިލީހުގައި މީގެ ކުރިން ތިއްބަވަނީ އެމްއެންޕީގެ ތިން މެންބަރުންނެވެ. އެއީ އުޝާމާއި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒްގެ އިތުރުން ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. އުޝާމް އިސްތިއުފާ ދެއްވީ މި ސަރުކާރުގެ އެޓާނީ ޖެނެރަލް ކަމުގެ މަގާމު ލިބިވަޑައިގަތުމުންނެވެ.

އެމްއެންޕީ އުފައްދައި މަޖިލީހުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕް (ޕީޖީ) ތަމްސީލް ކުރުމުގެ ފުރުސަތު ލިބުނީ ތިން މެމްބަރުން ތިއްބްވުމުންނެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މަޖިލީހުގައި ތަމްސީލު ކުރަން އެދޭ ޕާޓީގެ މެންބަރުންގެ އަދަދު އެއްވެސް ހާލަތެއްގައި ތިން މެންބަރުންނަށް ވުރެ މަދުވެއްޖެނަމަ، އެ ހައިސިއްޔަތު ގެއްލޭނެ ކަމަށެވެ.

"މޯލްޑިވްސް ނެޝަނަލް ޕާޓީ މަޖިލީހުގައި ތަމްސީލު ކުރަން މަޖިލީހުގެ 33 ވަނަ މާއްދާގެ ނ ގެ ދެ ވަނަ ނަންބަރުގެ ދަށުން އެ ޕާޓީ ތަމްސީލު ކުރުމަށް ލިބުނު ހައިސިއްޔަތު މިހާރު އެ ޕާޓީއަށް ގެއްލިފައިވާތީ މަޖިލީހުގެ 33 ވަނަ މާއްދާގެ ބ ގެ ދަށުން އެކަން އިއުލާނު ކުރަން،" އަސްލަމް ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ، އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބެވި ރިޔާޒާއި ނާޒިމް މިހާރު މަޖިލީހުގެ ދަފްތަރުގައި ހިމެނިވަޑައިގަންނަވާނީ މިނިވަން މެންބަރުންގެ ގޮތުގައި ކަމަށެވެ.

މަޖިލީހުގައި ކުރިން އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ތުލުސްދޫ ދާއިރާގެ މެންބަރު ޕީއެންސީގެ ދަފްތަރުގައި ހިމަނާފައިވާ ކަން ވެސް މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

މަޖިލީހުގެ ދަފްތަރު މިހާރު އެކުލެވިގެންވަނީ އެމްޑީޕީގެ 56 މެންބަރުން، ޑިމޮކްރެޓްސްގެ 13 މެންބަރުން، ޕީޕީއެމްގެ ދެ މެންބަރުން، ޕީއެންސީގެ ދެ މެންބަރުން، އެމްޑީއޭގެ ދެ މެންބަރުން، ޖޭޕީގެ ދެ މެންބަރުން، އަދި މިނިވަން 4 މެންބަރުންނެވެ.