Roadha Mihaaru
މުހުސިނާއި ނަޝީދު އެމްއެންޕީއާ ދުރަށް!

މުހުސިނާއި ނަޝީދު އެމްއެންޕީއާ ދުރަށް!

14 ސެޕްޓެމްބަރ 2021

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ޕާޓީ ރަޖިސްޓަރީ ކުރަން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ތައްޔާރުވަނިކޮށް، އެ ޕާޓީއާއެކު ކުރިން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އެމްއެންޕީއާ ދުރަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އިސްވެ އުފައްދަން މަސައްކަތް ކުރައްވާ ޕާޓީ ރަޖިސްޓަރީ ކުރަން މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަން ތައްޔާރުވަނިކޮށް، އެ ޕާޓީއާއެކު ކުރިން ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އެމްއެންޕީއާ ދުރަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

މިދިޔަ ޖުލައި 26 ގައި ބޭއްވި އެމްއެންޕީގެ ފުރަތަމަ ނިއުސް ބްރީފިންގައި ނިލަންދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނޮޅިވަރަމް ދާއިރާގެ އަމިއްލަ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ބައިވެރިވެވަޑައިގެންނެވި ނަމަވެސް އެ ދެ ބޭފުޅުން މިހާރު ނިންމަވާފައި ވަނީ އެމްއެންޕީއާ ދުރަށް ވަޑައިގަތުމަށެވެ.

ނަޝީދު "މިހާރު" އަށް މިރޭ ވިދާޅުވީ، އެމްއެންޕީގެ ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތީ އެ ޕާޓީ އުފެއްދުމަށް އެހީތެރިވި މެމްބަރެއްގެ ހައިސިއްޔަތުން ކަމަށެވެ. ނަމަވެސް އެމްއެންޕީ އަށް ސޮއި ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސިޔާސީ މަސްރަހު މިހާރު އެނބުރޭ ގޮތުން އެ ޕާޓީއާއެކު ކުރިއަށް ދާ ގޮތަކަށް ނޫން އަޅުގަނޑު މި ހުރީ،" ނަޝީދު ވިދާޅުވި އެވެ.

"ދިވެހި ޗެނަލް" ގެ ޕްރޮގްރާމެއްގައި މުހުސިން މިރޭ ވިދާޅުވީ، އޭނާގެ ސޮއެއް ވެސް އެމްއެންޕީގައި ނޯންނާނެ ކަމަށެވެ.

މުހުސިނާއި ނަޝީދު އެމްއެންޕީއާ ދުރަށް ވަޑައިގަންނަވަން ނިންމެވުމުން ނާޒިމްއާއެކު މިހާރު ތިއްބަވާނީ އޭނާ ހިމެނިވަޑައިގަންނަވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އެންމެ ތިން މެމްބަރެކެވެ. އެއީ ދަނގެތި ދާއިރާގެ މެމްބަރު ނާޒިމްގެ އިތުރުން އަނެއް ފައުންޑިން މެމްބަރުން ކަމަށްވާ ތިމަރަފުށި ދާއިރާގެ އަބްދުﷲ ރިޔާޒާއި ވިލިމާލެ ދާއިރާގެ އަހުމަދު އުޝާމެވެ.

މުހުސިން ވިދާޅުވީ، އެމްއެންޕީއާއެކު މަސައްކަތް ކުރައްވަން ނިންމެވީ ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ވެސް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އުއްމީދާއެކު އަދި އެ ގޮތަށް ވާހަކަތައް ވެސް ދައްކައިގެން ކަމަށެވެ. އެކަމަކު، މިއަދާ ހަމައަށް ވެސް އެކަން އެ ގޮތަށް ކުރިއަށް ނުދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނެއް ކަމެއްގެ ގޮތުގައި މުހުސިން ފާހަގަކުރެއްވީ 2023 ގައި އޮންނަ ރިޔާސީ އިންތިހާބަށް ވާދަކުރައްވަން ޕާޓީގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށް ފުރަތަމަ ނިއުސް ކޮންފަރެންސްގައި ވެސް ނާޒިމް އިއުލާނު ކުރެއްވުމެވެ. ސިޔާސީ ދާއިރާ އަށް އާ މީހުންނަށް ފުރުސަތު ދިނުމަށް އޭގެ ސަބަބުން ހުރަސް އެޅޭނެ ކަމަށް މުހުސިން ދެކެވަޑައިގަންނަވަ އެވެ.

"ދިވެހި ޗެނަލް" ގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އޭނާ އަކީ އަދިވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަޕޯޓަރެއް ކަމަށެވެ. އެ މަނިކުފާނުގެ ސިޔާސަތުތަކަށް "ދެގޮތެއް ނުވެ" ތާއީދު ކުރައްވާ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އޭނާގެ އެއް ކަންބޮޑުވުމަކީ ފަސް ބޭފުޅަކު ގުޅިގެން އުފައްދަން މަސައްކަތް ފެށި އެމްއެންޕީއަކީ "ނާޒިމްގެ ޕާޓީ" ކަމަށް މީޑިއާ އިން ކިޔާތީ އެވެ.

"އުޝާމްގެ ނަމުގައި އިލެކްޝަންސް އިން ހުއްދަ ދީފައި އޮތީ. ދެން ކީއްވެބާ އުޝާމްގެ ޕާޓީއޭ ނުކިޔަނީ. ނާޒިމް ކަންނޭނގޭ އެންމެ އެކްޓިވްކޮށް މީގައި ހަރަކާތްތެރިވާ ތަން މި ފެންނަނީ،" ނަޝީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ނޮޅިވަރަމް ދާއިރާގައި އެމްއެންޕީގެ ފިކުރެއް އަދި ނެތް ކަމަށާއި އެ ފުރުސަތު އެ ޕާޓީގެ ތެރެއިން ވެސް ފަހިވެފައި ނެތް ކަމަށެވެ. އެގޮތުން އެމްއެންޕީ އަށް މީހުން އިތުރުކުރަން ފޯމުތައް ފުރުމުގެ މަސައްކަތަށް އަމިއްލަ ޖީބުން ހަރަދު ކުރެވެން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެ ހަރަދުތައް ކުރެވޭނީ ޕާޓީން އެ ކަންތައް ކުރީމާ. އަޅުގަނޑުމެން ފުރަތަމަ ވެސް ޕާޓީގައި އެދުނިން ހިނގާށޭ މި ގޮތަށް ފޯމުތަކެއް ފުރިދާނެއޭ. އެކަމަކު އޭގައި ވެސް އެއްވެސް އަލިމަގެއް ނުފެނޭ. އަޅުގަނޑު ހަފުތާއަކަށް ބެލިން. ބަލާފައި އެއްވެސް އަލިމަގެއް ނުފެނުނީމާ އަޅުގަނޑު މި ހިސާބުން ދުރަށް ޖެހުނީ ވެސް،" އެންމެ ފަހުން އިދިކޮޅު ޕީއެންސީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ނަޝީދު ވިދާޅުވި އެވެ.

އެމްއެންޕީން ބުނެފައި ވަނީ އެ ޕާޓީ ރަޖިސްޓަރީ ކުރަން އިލެކްޝަންސް ކޮމިޝަނަށް މާދަމާ ހެނދުނު ހުށަހަޅަނީ 5،000 މީހުންގެ ސޮޔާއެކު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގައި ސިޔާސީ ޕާޓީއެއް ރަޖިސްޓަރީ ކޮށްދޭނީ ސައްހަ 3،000 މެމްބަރުންގެ ސޮޔާ އެކުގަ އެވެ.