Roadha Mihaaru
އުރުދުގާނަށް ބައިޑަންގެ ތައުޒިޔާ، ބައްޝާރަށް އަޅާނުލި

ބައިޑަންގެ ތައުޒިޔާ އުރުދުގާނަށް، އެކަމަކު ބައްޝާރަށް އަޅައެއްނުލެއްވި

07 ފެބުރުއަރީ 2023

އަންކާރާ (ފެބްރުއަރީ 7) - ސީރިއާ އާއި ތުރުކީގެ ބޯޑަރު ސަރަހައްދަށް އިއްޔެ އައި ބިންހެލުމުގައި ދެ ގައުމުން ވެސް މީހުން މަރުވެ ގެއްލުން ވުމުން ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާނަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ތައުޒިޔާ ވިދާޅުވި ނަމަވެސް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް އަޅައި ނުލައި ދޫކޮށްލައްވައިފި އެވެ.

އަންކާރާ (ފެބްރުއަރީ 7) - ސީރިއާ އާއި ތުރުކީގެ ބޯޑަރު ސަރަހައްދަށް އިއްޔެ އައި ބިންހެލުމުގައި ދެ ގައުމުން ވެސް މީހުން މަރުވެ ގެއްލުން ވުމުން ތުރުކީގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާނަށް، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ތައުޒިޔާ ވިދާޅުވި ނަމަވެސް ސީރިއާގެ ރައީސް ބައްޝާރުލް އަސަދަށް އަޅައި ނުލައި ދޫކޮށްލައްވައިފި އެވެ.

މިއަދު ހެނދުނު ބައިޑަން ވަނީ، އުރުދުގާން އަށް ގުޅުއްވައި ބިންހެލުމުގެ މައުލޫމާތު ހޯއްދަވައި ތައުޒިޔާ ވިދާޅުވެފަ އެވެ. އަދި ތުރުކީން އެދުނު ކޮންމެ އެހީއެއް ދިނުމަށް އެމެރިކާއިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ބައިޑަން، އުރުދުގާން އަށް ދެއްވި އެވެ.

އެމެރިކާގެ އެހީ އާއި ރެސްކިއު ޓީމެއް ވަނީ މިއަދު ތުރުކީ އަށް ވެސް ގޮސްފަ އެވެ.

އެކަމަކު ބައިޑަން ވަނީ ސީރިއާގެ ސަރުކާރަށް އެއްވެސް މެސެޖެއް ރައްދު ނުކުރައްވައި ދޫކޮށްލައްވައިފަ އެވެ. ބިންހެލުމުގައި ހާލުގައި ޖެހުނު ސީރިއާ މީހުންނަށް އެމެރިކާއިން އެހީ ދިނުމުގައި ސީރިއާގެ ސަރުކާރު ބައިވެރި ނުކުރާނެ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ވަނީ އިއުލާން ކޮށްފަ އެވެ.

ބައްޝާރުގެ ސަރުކާރަކީ ގާނޫނީ ހައިސިއްޔަތު ލިބިފައިވާ ސަރުކާރެއް ކަމަކަށް ބައިޑަންގެ ސަރުކާރުން ގަބޫލެއް ނުކުރެ އެވެ.

"މިދިޔަ 10 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް އަނިޔާވެރިކޮށް ކަންކަން ކޮށްފައިވާ ސަރުކާރަކަށް އަޅުގަނޑުމެން އަތް ދިއްކުރުމަކީ ހައިރާން ކުރުވަނިވި ކަމަކަށް ވާނެ. އަދި އެއީ އެންމެ ރަނގަޅު ގޮތެއް ވެސް ނޫން،" ސްޓޭޓް ޑިޕާޓްމެންޓްގެ ތަރުޖަމާން ނެޑް ޕްރައިސް ވިދާޅުވި އެވެ.

"އޭގެ ބަދަލުގައި ސީރިއާގެ ސަރުކާރާ ގުޅުން ނެތް އިންސާނިޔަތަށް މަސައްކަތް ކުރާ ޖަމިއްޔާތައް މީހާރު ވެސް އެ ގައުމުގައި އެބަތިބި. އެ ޖަމާއަތްތައް މެދުވެރިކޮށް އަޅުގަނޑުމެންގެ އެހީ ރައްދުކޮށް ދޭނަން."

ޕްރައިސް ވިދާޅުވީ ސީރިއާ އަށް އެހީ ބޭނުންވާ ދާއިރާތަކަކީ ކޮބައިކަން އެމެރިކާއިން މިހާރު ވެސް ދެނެގެންފައިވާ ކަމަށެވެ.

އދ.ގައި ހުންނަވާ ސީރިއާގެ ސަފީރު ބައްސާމް ސައްބާގް ވިދާޅުވީ ސީރިއާ އަށް އެހީވުމުގެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނީ ސީރިއާގެ ސަރުކާރުން ކަމަށެވެ. އެހެންވެ ސީރިއާގެ ސަރުކާރަށް އެހީ ރައްދު ކުރުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.

އެކަމަކު ބިންހެލުން އައި ސީރިއާގެ ސަރަހައްދުތަކުގެ ބޮޑު ކޮންޓްރޯލެއް ބައްޝާރުގެ ސަރުކާރަކަށް ނެތެވެ. ބިންހެލުމުގައި މީހުން މަރުވި ބައެއް ސަރަހައްދުތަކަކީ ސީރިއާގެ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރާ އަސްކަރީ ގުރޫޕްތައް ކޮންޓްރޯލް ކުރާ ސަރަހައްދުތަކެވެ. ސީރިއާގެ ސަރުކާރު ކޮންޓްރޯލް ކުރާ ސަރަހައްދުތަކުން 769 މީހުންނަށް ވުރެ ގިނައިން މަރުވި އެވެ. އަދި ސަރުކާރާ ދެކޮޅު އަސްކަރީ ގުރޫޕްތައް ކޮންޓްރޯލް ކުރާ ސަރަހައްދުން 790 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.