Roadha Mihaaru
ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 24،000 އަށް

ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 24،000 އިން މައްޗަށް

11 ފެބުރުއަރީ 2023

ހަޓައި (ފެބްރުއަރީ 11) - ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 24،000 އިން މައްޗަށް ހިނގައްޖެ އެވެ.

ހަޓައި (ފެބްރުއަރީ 11) - ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް މިދިޔަ ހޯމަ ދުވަހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 24،000 އިން މައްޗަށް ހިނގައްޖެ އެވެ.

އެ ދުވަހު ވިދިވިދިގެން އައި ބާރުގަދަ ދެ ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ވީ ތުރުކީން 20,665 މީހުން ވަނީ މަރުވެފަ އެވެ. އަދި ސީރިއާއިން 3،500 މީހުން ވަނީ މަރުވެފަ އެވެ.

ތުރުކީގެ 10 ޕްރޮވިންސަކަށް ބޮޑެތި ގެއްލުންތައް ވެފައިވެ އެވެ.

ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން ވިދާޅުވީ މީހުން ސަލާމަތްކުރުމާއި އެހީ ފޯރުކޮށް ދިނުމުގެ މަސައްކަތަށް ބޭނުންވާ ސްޕީޑްގައި އަދިވެސް ނުގެންދެވޭ ކަމަށެވެ. ސީރިއާގައި އަދި އެހީ ފޯރުކޮށް ދިނުމުގައި ހުރި ގޮންޖެހުންތައް މާ ބޮޑެވެ.

އ.ދ އިން ބުނީ ބިންހެލުމުގެ ސަބަބުން ސީރިއާގައި 5.3 މިލިއަން މީހުންނަށް ގެދޮރު ގެއްލިފައިވާ ކަމަށެވެ. އަދި ތުރުކީގައި 900،000 މީހުންނަށް ކާބޯތަކެތީގެ އެހީ މިހާރުން މިހާރަށް ބޭނުންވާ ކަމަށް އ.ދ އިން ވަނީ ބުނެފަ އެވެ.

ތުރުކީ އަށް 99 ގައުމަކުން ވަނީ އެހީވެފަ އެވެ. އެހީގެ ސާމާނު ހިފައިގެން އަރްމީނިއާ އިން ތުރުކީ އަށް ދާ ޓްރަކުތަކަށް ވަނުމުގެ ފުރުސަތު ދިނުމުގެ ގޮތުން 30 އަހަރަށް ފަހު އަރްމީނިއާ އާއި ތުރުކީގެ ބޯޑަރު ފުރަތަމަ ފަހަރަށް ވަނީ ހުޅުވައިލައިފަ އެވެ. ތުރުކީގެ އަނަޑޮލޫ ނިއުސް އެޖެންސީން ބުނީ، މީގެ ކުރިން ތުރުކީ-އަރްމީނިއާ ބޯޑަރު ހުޅުވާލީ 1989 ގައި އަރްމީނިއާ އަށް އައި ބިންހެލުމުގައި ތުރުކީން އެހީގެ ސަމާނު އެ ގައުމަށް ގެންދަން ކަމަށެވެ.

ސީރިއާ އަށް އެހީވުމުގައި އެންމެ އުނދަގޫ ކަމަކީ އެމެރިކާއިން އެ ގައުމަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކެވެ. އދ ގެ އެހީގެ ސާމާނު ފޯރުކޮށް ދިނުމަށް 180 ދުވަސް ވަންދެން ސީރިއާ އަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދޭން އެމެރިކާއިން މިހާރު ވަނީ ނިންމައިފަ އެވެ.