Roadha Mihaaru
ކޯޓުތައް މިހާރު މިނިވަން، އިތުބާރު އެބަލިބޭ: ރައީސް

ޝަރުއީ ދާއިރާ މިހާރު ހިނގަނީ މިނިވަންކޮށް، ރައްޔިތުންގެ އިތުބާރު އެބަ ލިބޭ: ރައީސް

09 ފެބުރުއަރީ 2023

ޝަރުއީ ދާއިރާ މިހާރު ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާ އަށް ލިބެމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޝަރުއީ ދާއިރާ މިހާރު ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި މިނިވަންކަމާ އެކު ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރައްޔިތުންގެ އިތުބާރު ޝަރުއީ ދާއިރާ އަށް ލިބެމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ޖުޑީޝަލް އަހަރު ފެށުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މެދުގައި އިންސާފުން މައްސަލަތައް ނިންމޭނީ އިސްލާމީ ޝަރީއަތާއި ގާނޫނާ އެއްގޮތަށް ހުކުމް ކޮށްގެން ކަމަށެވެ. އެ މިނިވަންކަން ފަނޑިޔާރުންނަށް ގާނޫނުއަސާސީން ދީފައިވާ ކަން ފާހަގަ ކުރައްވައި، މިހާރު ޝަރުއީ ދާއިރާ ހިނގަމުން ދަނީ އެއްވެސް ނުފޫޒެއް ނެތި ފުރިހަމަ މިނިވަންކަމާ އެކު ކަމަށް ރައީސް ވިދާޅުވި އެވެ.

"ފަނޑިޔާރު ގެއިން ކަން ކުރަންވީ ގޮތާއި ނުކުރަންވީ ގޮތް ބުނެދޭންޖެހޭ އެހެން ބަޔަކު ނުތިބޭނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އިންސާނުން މައްސަލަ ނިންމުމާ އެކު އަވަހަށް މައްސަލަތައް ނިންމުމަކީ ވެސް ކުރަންޖެހޭ ކަމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ޝަރުއީ ދާއިރާއާ މެދު ރައްޔިތުންގެ އިތުބާރު އުފެއްދުމަކީ އަމާޒެއް ކަމަށް ވިދާޅުވެ، އެ މަގްސަދު ހާސިލްވަމުންދާ މަންޒަރު މިހާރު ފެންނަމުންދާ ކަމަށް ވިދާޅުވި އެވެ.

"ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގައި އަންނަނީ އިތުބާރު އުފެދެމުން. އެ އިތުބާރު އުފެއްދުމަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ވަރަށް ބޮޑު އަމާޒެއް. ފަނޑިޔާރުގޭގެ ނިންމުންތަކާ މެދު ރައްޔިތުންގެ ހިތްތަކުގެ އިތުބާރު އުފެދެނީ އަދުލަށް ހުކުމް ކުރެވުމުން،" ރައީސް ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ރައީސާއި އުއްތަމަ ފަނޑިޔާރު ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

މިރޭގެ ޖަލްސާގައި ރައީސާއި އުއްތަމަ ފަނޑިޔާރު ނައިބު ރައީސް ބައިވެރިވެ ވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވޭ ގޮތް ބަދަލުކުރަން މި އަހަރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަން ފާހަގަ ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިގޮތުގައި އެ ބަދަލު ގެނަޔަސް ޝަރުއީ ދާއިރާ ތަރައްގީ ކުރަންޖެހޭ މަސައްކަތް އަބަދުވެސް ކުރަން ޖެހެ އެވެ.

ރައީސް ވިދާޅުވީ، ޝަރުއީ ދާއިރާގެ ބަޖެޓް އަހަރުން އަހަރަށް އިތުރު ކުރަމުން ދަނީ ވެސް ރައްޔިތުންނަށް ފަސޭހައިން އިންސާފް ލިބޭނެ ގޮތް ހަމަޖެއްސުމަށް ކަމަށެވެ. އަދި ގާނޫނު އިސްލާހުކޮށް، ޑިސްޓްރިކް ކޯޓާއި ސާކިޓް ކޯޓު އުފެއްދުމާ އެކު މައްސަލަތައް އަވަހަށް ނިމޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އަޅުގަނޑު ހާމަކޮށްފައިވާ ފަދައިން ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެންދާއިރު ޝަރުއީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލެއް އަންނާނެ،" --- ރައީސް

"އެ ކޯޓު އުފެއްދުމުން ރަށްރަށުގައި ދިރިއުޅޭ މީހުން އަދުލު އިންސާފަށް ވާސިލްވުމަށް މިހާރު އުފުލަންޖެހޭ ބުރަ ވަރަށް ބޮޑަށް ކުޑަވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ ނަޒާހާތްތެރިކަން ކަށަވަރުކުރަން މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު ފާސްވުމުން ފަނޑިޔާރުންނަށް ފްލެޓް ހާއްސަކޮށް އަދި އެލަވަންސްތަކެއް ހަމަޖެހޭނެ ކަމަށާއި އަދި މުޅި ދައުލަތުގެ މުސާރަތައް އެއް ހަމަކޮށް ނިމޭއިރު ޝަރުއީ ދާއިރާގެ މުސާރައަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަހަރުގެ ރިޔާސީ ބަޔާނުގައި ވެސް އަޅުގަނޑު ހާމަކޮށްފައިވާ ފަދައިން ސަރުކާރުން މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތް ނިމިގެންދާއިރު ޝަރުއީ ދާއިރާގެ މުސާރަތަކަށް ހެޔޮ ބަދަލެއް އަންނާނެ،" ރައީސް ވިދާޅުވި އެވެ.

ކޯޓުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރަން ހުޅުމާލެ އާއި އައްޑޫގައި ހަދާ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ޝަރުއީ ދާއިރާއަށް ހުރިހާ ގޮތަކުން ވެސް ކުރިއެރުން ގެނެސް ދިނުމަކީ އަމާޒެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.