Roadha Mihaaru

ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް: އޭޖީ އުޝާމް

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ނުކުރާ ކަމަށާއި އެކަމުގެ ނިޔަތެއް ވެސް ނެތް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމްކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ނެތް:އޭޖީ
ނާޒިމް ހަސަން
ނާޒިމް ހަސަން

11 ޑިސެމްބަރ 2024

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ބަދަލު ގެނައުމުގެ މަސައްކަތް ސަރުކާރުން ނުކުރާ ކަމަށާއި އެކަމުގެ ނިޔަތެއް ވެސް ނެތް ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.

އުޝާމް މިހެން ވިދާޅުވީ "ގާނޫނުއަސާސީގެ ދިފާއުގައި ރައްޔިތުން"ގެ ނަމުގައި ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުގެ ބާރު ގަދަކުރުމުގެ ގޮތުން ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރާނެ ކަމަށާއި އެކަން ނުކޮށް މި ސަރުކާރުން ހުއްޓައެއް ނުލާނެ ކަމަށް ވިދާޅުވެފައިވާތީ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އޭޖީ އުޝާމް ވިދާޅުވީ އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މި ސަރުކާރުގެ ސްޓޭންޑަކީ ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވުން ކަމަށާއި އަދި މިހާތަނަށް ވެސް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް ތަނުގައި ވެސް ސަރުކާރުގެ ސްޓޭންޑް އޮންނާނީ އެގޮތަށް ކަމަށާއި ޝަރުއީ ދާއިރާގެ އެއްވެސް ކަމަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ބެންޗު ބަދަލު ކުރުން ވެސް، އެހެން ކޯޓެއްގެ ބެންޗު ބަދަލު ކުރުން ވެސް އަދި އެއްވެސް ކޯޓެއްގެ އެއްވެސް ކަމަކާ ގާނޫނާ ހިލާފަށް ބެހުމަކީ ސަރުކާރުގެ އެއްވެސް ނިޔަތެއް އޮތް ކަމެއް ނޫން، އަދި ސަރުކާރުން ކުރިއަށް ދާާނީ ވެސް އެ ގޮތުގައި،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

އޭޖީ އުޝާމް: ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ސަރުކާރުގެ ނެތް ކަމަށް ވިދާޅުވި

އޭޖީ އުޝާމް: ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމުގެ ނިޔަތެއް ސަރުކާރުގެ ނެތް ކަމަށް ވިދާޅުވި

އުޝާމް ވިދާޅުވީ ފަނޑިޔާރުންނާ ގުޅޭ ވަކި މައްސަލައެއް ވަކި ގޮތަކަށް ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އެންގުން ފަދަ ކަންކަމަކީ މި ސަރުކާރުން އެއްގޮތަކަށް ވެސް ކުރާނެ ކަމެއް ނޫން ކަމަށާއި އަދި ފަނޑިޔާރުންނާ ގުޅޭ އެފަދަ ކަންކަން ހިނގާނީ ސަރުކާރުގެ އެއްވެސް ނުފޫޒެއް ނެތި އެ އޮންނަ އުސޫލުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލުކުރިކަން އުޝާމް ފާހަގަ ކުރެއްވި އެވެ. އަދި ހައި ކޯޓުގެ ބެންޗަށް ވެސް ބޮޑު ބަދަލެއް ގެނެސް، ދަށުގެ ކޯޓުތަކުގެ ގާޒީން ވެސް ކުރީގެ ސަރުކާރުގައި ބަދަލުކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންގެ މައްސަލަތައް ޖޭއެސްސީއިން ބަލައި، އެ ފަނޑިޔާރުން ވަކިކުރަން ނިންމައިފައިވެ އެވެ. މިހާރު ބެންޗުގައި ތިއްބެވި ހުރިހާ ފަނޑިޔާރުންނަކީ ވެސް ކުރީގެ ރައީސް އައްޔަން ކުރައްޔަން ކުރެއްވި ބޭފުޅުންނެވެ.

އޭގެކުރިން އޮތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ވެސް ދެ ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލު ގެނެސްފައިވެ އެވެ. އެންމެ ފުރަތަމަ ގާނޫނު ބަދަލުކޮށްގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، އޭރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި މިހާރުގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމު އަދުނާން ނާގާބިލް ކަމަށް ބުނެ މަގާމުން ވަކިކުރި އެވެ.

ދެވަނަ ފަހަރަށް ބެންޗަށް ބަދަލު ގެނައީ 2018 ވަނަ އަހަރު ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެންނެވެ. އެކަމާ ގުޅިގެން، އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށް، ޖަލަށްލުމުން ދެ ބޭފުޅުން މަގާމު ގެއްލުނެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އަލުން އިތުރުކުރީ މިދިޔަ ސަރުކާރުގަ އެވެ.