Roadha Mihaaru
ލިވަޕޫލް ކަޓައި، ރެއާލް ސެމީ އަށް

ލިވަޕޫލް ކަޓައި، ރެއާލް ސެމީ އަށް

15 އެޕްރީލް 2021

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ލިވަޕޫލާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ލިވަޕޫލް މުބާރާތަށް އަލްވަދާއު ކިޔައިފި އެވެ. އަދި 3-1ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައި، ރެއާލް އިން ވަނީ ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފަ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި ރޭ ލިވަޕޫލާއި ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވެ، ލިވަޕޫލް މުބާރާތަށް އަލްވަދާއު ކިޔައިފި އެވެ. އަދި 3-1ގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައި، ރެއާލް އިން ވަނީ ސެމީ ފައިނަލްގެ ޖާގައެއް ހޯދައިފަ އެވެ.

ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުން 3-1 އިން ރެއާލް މޮޅުވެފައި އޮތުމުން، ދެވަނަ ލެގަށް ނިކުތްއިރު ލިވަޕޫލަށް އޮތީ ލަނޑުތަކެއް ޖެހުމަށް މަޖުބޫރުވެފަ އެވެ. އެހެން ނަމަވެސް، ލިވަޕޫލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގުގައި ލިވަޕޫލަށް ރެއާލްގެ ޑިފެންސް ފޫއަޅުވާލެވޭ ގޮތެއްނުވި އެވެ.

މުހައްމަދު ސަލާހް އާއި ޖޭމްސް މިލްނާގެ ހަމަލާތައް ރެއާލްގެ ގޯލްކީޕަރު ތީބޯ ކޯޓުއާ ދިފާއުކުރިއިރު، ޖޯޖީނިއޯ ވައިނާލްޑަމް ވެސް ވަނީ ރަނގަޅު ފުރުސަތެއް ބޭކާރުކޮށްލައިފަ އެވެ.

ސެމީ ފައިނަލްގައި ރެއާލްއާ ދެކޮޅަށް ނުކުންނާނީ ޗެލްސީ އެވެ.

"އަހަރަމެންނަށް ސެމީ ޖާގައެއް މި ގެއްލުނީ މި މެޗަކުން ނޫން. މެޑްރިޑްގައި (ފުރަތަމަ ލެގު) ކުޅުނު މެޗުން އަހަރަމެންނަށް ސެމީގެ ފުރުސަތު ގެއްލުނީ،" މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުންޏެވެ. "މި މެޗުގައި އަހަރަމެން ރަނގަޅަށް ކުޅުނު. ފުރުސަތުތައް ވެސް ހޯދި. އެކަމަކު ދިމާވި މައްސަަލައަކީ ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުން."'

މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ރެއާލް ޖާގަ ހޯދި 30 ވަނަ ފަހަރެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރެއާލްގެ އަމާޒު ހާސިލްވުމުން ވަރަށް ހިތްހަމަޖެހިއްޖެ ކަމަށެވެ.

"މި މެޗުގައި އަހަރަމެންނަށް އެނގޭ ލިވަޕޫޕުން އަހަރަމެންގެ ޑިފެންސަށް ބާރުބޮޑުކުރާނެކަން. އެކަމަށް ވިސްނައިގެން ތިބެ ކުޅެ، އަހަރެމެން ބޭނުންވި ނަތީޖާ ލިބުމުން ވަރަށް ހިތްހަމަޖެހިއްޖެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ މެޗުތައް ފަސޭހައެއްނުވާނެ،" ޒިދާން ބުންޏެވެ.