Roadha Mihaaru
ލިޓަންގެ މަރު: ނިޒާމްގެ މައްޗަށް ދައުވާ ކުރަނީ

ކަނޑުމަތިން ފެނުނު ހަށިގަނޑަކީ ލިޓަންކަން އަދި ކަށަވަރެއް ނުވޭ، އެކަމަކު ދައުވާކުރާނެ

14 ފެބުރުއަރީ 2023

ވ. ވެންފަރު ކައިރިން އޮޔާދަނިކޮށް ފެނުނު އިންސާނެއްގެ ހަށިގަނޑަކީ މަރާލާފައިވާ ކަމަށް ބެލެވޭ މުހައްމަދު ލިޓަންގެ ހަށިގަނޑުކަން ޑީއެންއޭ ޓެސްޓުތަކުން އަދި ކަށަވަރު ނުވިޔަސް، ތުހުމަތު ކުރެވޭ މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކުރެވޭނެ ގާނޫނީ ސަބަބުތައް ހުރުމުން ދައުވާކުރަން ނިންމައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ވ. ވެންފަރު ކައިރިން އޮޔާދަނިކޮށް ފެނުނު އިންސާނެއްގެ ހަށިގަނޑަކީ މަރާލާފައިވާ ކަމަށް ބެލެވޭ މުހައްމަދު ލިޓަންގެ ހަށިގަނޑުކަން ޑީއެންއޭ ޓެސްޓުތަކުން އަދި ކަށަވަރު ނުވިޔަސް، ތުހުމަތު ކުރެވޭ މުހައްމަދު ނިޒާމްގެ މައްޗަށް ދައުވާކުރެވޭނެ ގާނޫނީ ސަބަބުތައް ހުރުމުން ދައުވާކުރަން ނިންމައިފި އެވެ.

މިދިޔަ ޑިސެމްބަރު 27 ވަނަ ދުވަހު ތެޔޮ ބޯޓެއްގައި ވިލިމާލެއިން ފުރި، ގދ. ތިނަދޫ މަނާރު، މުހައްމަދު ނިޒާމް، 45، އާއި ބަންގުލަދޭޝްގެ މުހައްމަދު ލިޓަން، 35، ކަނޑުމައްޗަށް ގެއްލިގެން ރިޕޯޓުކުރީ ޖެހިގެން އައި ދުވަހު އެވެ.

އެ ދެ މީހުން ހޯދަމުން ދަނިކޮށް ސޯޝަލް މީޑިއާގައި މީހަކު އާންމުކުރި ފޮޓޯއަކުން ނިޒާމް މާލޭގައި ހުރިކަން ހާމަވި ފަހުން މީހަކު މަރާލުމުގެ ތުހުމަތުގައި ފުލުހުން ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރި އެވެ. ޖެނުއަރީ 4 ވަނަ ކްރިމިނަލް ކޯޓުން އޭނާ ދެ މަހަށް ބަންދުކުރި ގޮތަށް އަދިވެސް ހުރީ ބަންދުގަ އެވެ.

ލިޓަންގެ މަރުގެ ތަހުގީގު އަދިވެސް ކުރިއަށް ދާއިރު، އެ މައްސަލަ ޑިއުޓީ ޕްރޮސެކިއުޝަނަށް ޕީޖީ އޮފީހަށް ވަނީ ހުށަހަޅައިފަ އެވެ. ޑިއުޓީ ޕްރޮސެކިއުޝަން އަކީ މައްސަލަ ޕީޖީ އަށް ފޮނުވުމުގެ ކުރިން، އެ މައްސަލައަކާ މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، ލަފާދިނުމަށެވެ.

ނިޒާމްގެ މައްޗަށް ކުރާނެ ދައުވާއެއް އަދި ނިންމާފައި ނުވިޔަސް، ޕީޖީ އޮފީހުން ބުނީ ވަރަށް އަވަހަށް އެ މައްސަލައިގައި ނިޒާމްގެ މައްޗަށް ދައުވާކޮށް ކޯޓަށް ހުށަހަޅާނެ ކަމަށެވެ.

ލިޓަން ގެއްލިގެން ހޯދަނިކޮށް، ވ. އަތޮޅު ކައިރިން އިންސާނެއްގެ ހަށިގަނޑު ކަނޑުމަތިން އޮޔާ ދަނިކޮށް ފެނިފައިވެ އެވެ. އެ ހަށިގަނޑުގެ ޑީއެންއޭ ޓެސްޓު ހަދާފައިވިޔަސް، ފުރަތަަމަ މަރުހަލާގައި އެއީ ލިޓަން ކަމެއް ޔަގީނެއް ނުވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ހަށިގަނޑަކީ ލިޓަންކަން ކަށަވަރު ކުރުމަށް އަދިވެސް މަސައްކަތް ކުރަމުން އަންނަ އިރު، އެކަން ކަށަވަރު ނުވިޔަސް ނިޒާމްގެ މައްޗަށް ދައުވާ ކުރެވޭނެ އެވެ. އެއީ އެންމެ ފަހުން ދިރިހުއްޓާ ފެނުނު މީހަކު ޒިންމާވާންޖެހޭ އުސޫލުތަކެއް މީގެ ކުރިން މަތީ މަރުހަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާތީ އެވެ.

ފުލުހުން ތުހުމަތުކުރަނީ ނިޒާމް ލިޓަން މަރާލީ އެ ދެ މީހުންގެ ދެމެދުގައި ޖެހުނު ފައިސާގެ މައްސަލައެއްގައި ކަމަށެވެ.

ނިޒާމް އާއި ލިޓަން ދަތުރުކުރި ތެޔޮ ބޯޓު ހުޅުލޭ ކައިރިން އޮޔާ ދަނިކޮށް ފެނުނު ފަހުން، އެ އުޅަނދުގައި ހުރި ކަމަށް ބުނާ ނިޒާމް މާލޭގައި ހުރިކަން އެނގުނީ އޭނާ ކޮފީ ޝޮޕެއްގައި ހުއްޓައި މީހަކު ނެގި ސްލްފީއެއް ސޯޝަލް މީޑިއާގައި އާންމު ކުރުމުންނެވެ.