Roadha Mihaaru
ޝިއާއުގެ މަރުގެ ތަހުގީގު އެންމެ ފަހު މަރުހަލާގައި

ޝިއާއުގެ މަރުގެ ތަހުގީގު އޮތީ ފަހު މަރުހަލާގައި: ފުލުހުން

02 އޮކްޓޯބަރ 2022

ހ. ޝީރީންވިލާ ގޭގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހ. ޝީރީންވިލާ ގޭގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގު މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މިދިޔަ އޮގަސްޓު ހަ ވަނަ ދުވަހުގެ ރޭ ޝިއާއު، 22، މަރާލާފައި އޮއްވައި ފެނުނު އިރު އޭނާގެ ހަށިގަނޑަށް ހުރީ ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ. އޭނާގެ ހަށިގަނޑު ފެނުނީ އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް މިހާރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އަލީ ޝާހިލް، 23 އުޅެމުން ދިޔަ އެޕާޓްމެންޓުގެ ތެރޭގަ އެވެ.

ޝިއާއުގެ ހަށިގަނޑާ މެދު އަމަލުކޮށްފައިވާ އަނިޔާވެރި ގޮތުންނާއި އާއިލާގެ އެދުމުގެ މަތިން ފުލުހުން މީގެ ކުރިން މައްސަލައާ ގުޅޭ ތަފްސީލުތަކެއް ނުދެ އެވެ.

ނަމަވެސް، ފުލުހުން މިއަދު "މިހާރު" އަށް ބުނީ ޝިއާއުގެ މަރުގެ މައްސަލައިގައި މިހާރު ކުރަމުން އަންނަނ ތަހުގީގުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކަމަށެވެ.

ޝިއާއު މަރާލުމުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާ ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުން ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ޕީޖީ އޮފީހުން މިއަދު ބުނި ގޮތުގައި، އެ މައްސަލަ ތަހުގީގު ކުރަން ފުލުހުންނަށް ތޫނު ހަތިޔާރު މަނާ ކުރުމުގެ ގާނޫނުގެ ދަށުން ލިބިގެންވާ މުއްދަތު ހަމަވުމުން، މިހާރު އެ އޮފީހުން އަންނަނީ ފުލުހުންނަށް ތަހުގީގު ކުރުމަށް ލިބޭ މުއްދަތު އިތުރުކޮށްދެމުންނެވެ. މުއްދަތު ހަމަަވުމުން ކޮންމެ 15 ދުވަހަކުން އިތުރު ކުރަމުން ގޮސްފައިވާ ކަމަށް ބުނެފައިވެ އެވެ.

ތޫނު ހަތިޔާރު މަނާކުރުމުގެ ގާނޫނުގެ ދަށުން މައްސަލަ ތަހުގީގުކޮށް ނިމުމުން ފުލުހުން ޕީޖީ އޮފީހަށް މައްސަލަ ފޮނުވާތާ 15 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ދައުވާކޮށް މައްސަލަ ކޯޓަށް ވައްދަން ޖެހޭނެ އެވެ.

ޝިއާއުގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ ޝާހިލްއާ އެކު އެ އެޕާޓްމެންޓުގައި އުޅުނު ދެމަފިރިންނެވެ. ފުލުހުން އެ ތަނަށް ދިޔަ އިރު ޝާހިލް އެތަނުގައި ހުރި ކަމަށާއި އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން ބުނެފައިވެ އެވެ. ހާދިސާ ހިނގި ތަނުން ޝާހިލް ހައްޔަރުކޮށްފައިވާ ނަމަވެސް، އޭނާ ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ނުދެ އެވެ.

ޝިއާއުގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން މީގެ ކުރިން ފުލުހުން ވަނީ އޮޓޯޕްސީ ރިޕޯޓެއް ފޮނުވައިފަ އެވެ. އެހެންނަމަވެސް، އެ ރިޕޯޓުގެ ހޯދުންތައްކާ ގުޅޭ މައުލުމާތެއް ފުލުހުން ރަސްމީކޮށް ހާމަކޮށްފައި ނުވެ އެވެ.