Roadha Mihaaru
މޯޓިވް ނުހޯދޭތީ ޝިއާއުގެ މަރުގެ ތަހުގީގު އަދި ނުނިމޭ

ޝިއާއުގެ މަރަށް ތިން މަސް؛ މޯޓިވް ނުހޯދޭތީ އަދިވެސް ތަހުގީގު ކުރިއަށް

08 ނޮވެމްބަރ 2022

މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށާއި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ އޭނާ މަރާލި ސަބަބު ނުވަތަ މޯޓިވް ނުހޯދޭތީ ކަމަށް ފުލުހުން ބުނެފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

މާލޭގެ އެޕާޓްމެންޓެއްގެ ތެރޭގައި ޝިއާއު މުހައްމަދު ސައީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށާއި އަދިވެސް ތަހުގީގު ކުރިއަށް ގެންދަނީ އޭނާ މަރާލި ސަބަބު ނުވަތަ މޯޓިވް ނުހޯދޭތީ ކަމަށް ފުލުހުން ބުނެފި އެވެ.

ހ. ޝީރީންވިލާގޭގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓެއްގައި އޮގަސްޓް ހަ ވަނަ ދުވަހުގެ ރޭ ޝިއާއު މަރާލައި ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީފައި އޮއްވައި ފެނުނު މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކުރީ، ޒުވާން ސްކޭޓަރު، އަލީ ޝާހިލް، 23 އެވެ. އޭނާ ފިޔަވައި އިތުރު މީހެއްގެ ބައިވެރިވުން މިކަމުގައި އޮތް ކަމަށް ނުބެލެވޭ ކަމަށް ފުލުހުން ބުނެފައިވާއިރު، އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ޝިއާއުގެ މަރަށް މިދިޔަ އާދީއްތަ ދުވަހު ތިން މަސް ވެފައިވާއިރު، މިދިޔަ މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިި ފުލުހުން ބުނެފައި ވަނީ މަރުގެ މައްސަލައިގެ ތަހުގީގު ދެ ހަފްތާގެ ތެރޭގައި ނިންމައި ޕީޖީ އޮފީހަށް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ދެ ހަފްތާއަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށެވެ.

ފުލުހުންގެ މީޑިއާ ޔުނިޓުގެ ވެރިޔާ ފާތިމަތު ނަޝްވާ "މިހާރު" އަށް ވިދާޅުވި ގޮތުގައި، އެ ތަހުގީގުގައި ކުރިއަށްދަނީ ޝާހިލްގެ ފޯޯނުން މައުލޫމާތު ހޯދުމުގެ މަސައްކަތެވެ. އެއީ އޭގައި ހުރި މައުލޫމާތުތައް ބޭނުންކޮށްގެން އޭނާ ޝިއާއު މަރާލި ކަމަށް ބެލެވޭ ސަބަބު ނުވަތަ "މޯޓިވް" ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި، ފޯނު ހުޅުވަން ޝާހިލް ދެކޮޅު ހަދާފައިވާތީ އޭގައި ހުރި މައުލޫމާތުތައް ހޯދަން ފުލުހުން ވަނީ ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިފަ އެވެ. އަދި މިހާރު އޭގައި ހުރި ޑޭޓާތައް ފުލުހުންނަށް ވަނީ ލިބިފަ އެވެ.

ނަޝްވާ ވިދާޅުވީ، ފޯނުގައި ހުރި ޑޭޓާތައް ތަހުލީލުކޮށް މޯޓިވް ހޯދުނުހާ އަވަހަކަށް އެ މައްސަލައިގައި ޝާހިލްގެ މައްޗަށް ދައުވާ ކުރުމަށް އެދި ޕީޖީ އޮފީހަށް ހުށަހަޅާނެ އެވެ.

އެ މައްސަލައިގެ ތަހުގީގުގެ މުއްދަތު ޕީޖީ އޮފީހުން އަންނަނީ ފުލުހުންނަށް އިތުރުކޮށްދެމުންނެވެ. ޕީޖީ އޮފީހުގެ ތަރުޖަމާނު އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "މިހާރު" އަށް ކުރިން ވިދާޅުވެފައިވާ ގޮތުގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބެނީ 15 ދުވަހެވެ. އެކަމަކު، ފުލުހުން އެދޭ ނަމަ، 15 ދުވަހުން 15 ދުވަހުން ތަހުގީގުގެ މުއްދަތު ޕީޖީ އޮފީހަށް އިތުރުކުރެވިދާނެ ކަމަށް ޝަފީއު ވިދާޅުވި އެވެ. މުއްދަތު އިތުރު ކުރެވޭނެ ވަކި ވަރެއް ވެސް ނޯވެ އެވެ.

މިދިޔަ މަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފައި ވަނީ ޝާހިލްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ލިބިފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށާއި މަރާލި ގޮތުގެ ތަފުސީލު ވެސް އެބަހުރި ކަމަށެވެ. އަދި ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ޝާހިލްގެ މައްޗަށް ކުރެވޭނެ ކަމަށް ފުލުހުން ބުންޏެވެ.

އެކަމަކު، އެ ދުވަހު ފުލުހުން ދެއްކި ވާހަކަތަކުން އެނގުނު ގޮތުގައި އެ ދުވަހާ ހަމައަށް ވެސް މި މައްސަލައިގައި މޯޓިވް ނުވަތަ ޝިއާއު އަށް ހަމަލަދިން ސަބަބު ފުލުހުންނަށް ޔަގީންކުރެވިފައެއް ނުވެ އެވެ. އެ ސަބަބު ވަރަށް ބޮޑަށް މުހިންމު ވާތީ އެކަން ދެނެގަންނަން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ޝާހިލް ތަހުގީގަށް އެއްބާރުލުން ނުދޭއިރު، ފަހުން ބޭރުގެ ބައެއްގެ އެހީތެރިކަމާ އެކު ފޯނުގައި ހުރި ޑޭޓާ ހޯދައި، އެ އޭގެ މައްޗަށް މޯޓިވް ހޯދޭނެ ކަމަށް ގަބޫލުކުރާ ކަމަށް އެ ދުވަހު ވެސް ބުންޏެވެ.

ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ރިޕޯޓާ ހަވާލާދީ ފުލުހުން ބުނެފައި ވަނީ އޭނާ މަރުވެފައި ވަނީ ހަށިގަނޑަށް ދިން އަނިޔާތަކުގެ ސަބަބުން ކަމަށާއި އެއީ ގަސްތުގައި ދީފައި ހުރި އަނިޔާތަކެއް ކަމަށެވެ. އަދި އޭނާ މަރުވި ފަހުން ވެސް ހަށިގަނޑަށް ވަރަށް ގިނަ އަނިޔާތަކެއް ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

ޝިއާއުގެ ހަށިގަނޑު ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ ޝާހިލްއާ އެކު އެ އެޕާޓްމެންޓުގައި އުޅުނު ދެމަފިރިންނެވެ. ފުލުހުން އެ ތަނަށް ދިޔަ އިރު ޝާހިލް ހުރީ އެތަނުގައި މަސްތުގެ ހާލަތުގަ އެވެ.