Roadha Mihaaru
އިންޑިއާގެ ހުރިހާ އެހީއެއް ތުރުކީއާއި ސީރިޔާއަށް ދޭނެ

ދެވެން އޮތް ހުރިހާ އެހީއެއް ތުރުކީއާއި ސީރިޔާ އަށް ދޭނެ: އިންޑިއާ

15 ފެބުރުއަރީ 2023

މިދިޔަ ހަފުތާގެ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުމުގައި ތުރުކީ ވިލާތާއި ސީރިޔާ އިން ގެއްލުން ލިބުނު މީހުންނަށް ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.

މިދިޔަ ހަފުތާގެ ހޯމަ ވިލޭރެ އާއި ހޯމަ ދުވަހު ތުރުކީ ވިލާތަށް އައި ބާރު ގަދަ ބިންހެލުމުގައި ތުރުކީ ވިލާތާއި ސީރިޔާ އިން ގެއްލުން ލިބުނު މީހުންނަށް ވެދެވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކަށް އަންގަވައިފި އެވެ.

ބޮޑުވަޒީރުގެ މި އެންގެވުމާ ގުޅިގެން އިންޑިއާ ސިފައިން މިހާރު ވަނީ އޮޕަރޭޝަން ދޯސްތުގެ ނަމުގައި ޚާއްސަ ހަރަކާތެއް ފަށައިފަ އެވެ. މި އޮޕަރޭޝަންގެ ތެރެއިން މިހާރު ވަނީ، ބިންހެލުމުގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމުގައި ބައިވެރިވާނެ ޓީމުތަކާއި ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުތައް ތުރުކީ އަށް ފޮނުވައިފަ އެވެ.

އިންޑިއާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ބިންހެލުމުގައި ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތުރުކީ ވިލާތުން އެދުމާ އެކު، އިންޑިއާ އިން ވަނީ އެކަމަށް އިޖާބަ ދީފަ އެވެ. އަދި ބިންހެލުން އައި ފުރަތަމަ ދުވަހުން ފެށިގެން މިހާތަނަށް 250 އަށް ވުރެ ގިނަ ތަޖުރިބާކާރުންގެ ޓީމުތައް ވަނީ ތުރުކީ ވިލާތަށް ފޮނުވައިފަ އެވެ.

އޭގެ ތެރޭގައި ސިއްހީ ފަރުވާ ދޭނެ މީހުންނާއި، 135 ޓަނުގެ އެހީގެ ސާމާނު ހިމެނެ އެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން މީހުން ހޯދުމަށް ތަމްރީން ކޮށްފައިވާ ކުއްތާތަކާއި، އެއްގަމު އުޅަނދުތަކާއި އެނޫން އާލާތްތައް ވެސް ވަނީ ތުރުކީ އަށް ފޮނުވައިފަ އެވެ.

އިންޑިއާގެ ޚާރިޖިއްޔާ އިން ބުނި ގޮތުގައި ބިންހެލުމުގައި އަނިޔާ ލިބުނު މީހުންނާއި ޒަޚަމްވި މީހުންނަށް ފަރުވާ ދިނުމަށް، އިންޑިއާ ސިފައިންގެ، 30 އެނދުގެ ފީލްޑް ހޮސްޕިޓަލެއް ވެސް ވަނީ ތުރުކީ ވިލާތަށް ފޮނުވައިފަ އެވެ. އޭގެ އިތުރުން ސީރިޔާ އަށް ވެސް ހަ ޓަނުގެ ކުއްލި އެހީގެ ސާމާނު އިންޑިއާ އިން ވަނީ ފޮނުވައިފަ އެވެ.

ހޯމަ ދުވަހު އައި ބިންހެލުންތަކުގައި ތުރުކީ ވިލާތުން އެކަނިވެސް 12000 އަށް ވުރެ ގިނަ އިމާރާތް ބިމާ ހަމަވެފައިވާ އިރު، އެ އިމާރާތްތަކުގެ ދަށުވެގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 35400 އަށް އަރައިފަ އެވެ. އަދި ސީރިޔާގައި ވެއްޓުނު އިމާރާތްތަކުގެ ދަށުވެގެން މަރުވި 5800 އަށް ވުރެ ގިނަ މީހުންނާއެކު، ދެ ގައުމުން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 41000 އަށް ވުރެ މައްޗަށް ގޮސްފަ އެވެ.

ހޯމަ ދުވަހުގެ ބިންހެލުންތަކުގައި ތުރުކީ ވިލާތުގެ 10 ޕްރޮވިންސަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، ހަތަރު މިލިއަނަށް ވުރެ ގިނަ އިމާރާތަށް ވަނީ އެކި ވަރުގެ ގެއްލުންތައް ލިބިފަ އެވެ.

ހޯމަ ވިލޭރޭގެ ފުރަތަމަ ބިންހެލުން އައީ، ރިކްޓާ މިންގަނޑުން 7.8ގެ ބާރުމިނުގައި، އެރޭގެ ދަންވަރު 4:17ގަ އެވެ. އެއީ އިރު އެރުމުގެ 4 ގަޑިއިރު ކުރި ކަމަށްވާތީ، ބިންހެލުން އައި ވަގުތު ގިނަ މީހުން ތިބީ ނިދައިފަ އެވެ. އޭގެ 11 މިނެޓް ފަހުން 6.7 ގެ ބާރުމިނުގައި އިތުރު ލޮޅުމެއް އެރި އެވެ. އަދި ފުރަތަމަ ބިންހެލުން އައިތާ ހަ ގަޑިއިރު ތެރޭގައި 4.0 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 25 ލޮޅުން އަރާފައިވެ އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނި ގޮތުގައި ފުރަތަމަ ބިންހެލުން އައިތާ ނުވަ ގަޑިއިރު ފަހުން، ހޯމަ ދުވަހުގެ މެންދުރު ފަހު 1:24 ގައި ރިކްޓާ މިންގަނޑުން 7.5ގެ ބާރުމިނުގައި، ތުރުކީގެ ގަހްރަމާން މަރައަސް ޕްރޮވިންސަށް ބާރުގަދަ ބިންހެލުމެއް އައެވެ. މި ބިންހެލުން އައި ވަގުތުން ފެށިގެން 12 ގަޑިއިރުގެ ތެރޭގައި ގިނަ އަދަދެއްގެ ލޮޅުންތައް އެރި އިރު އޭގެ ތެރޭގައި 6.0ގެ ބާރުމިނުގެ ދެ ލޮޅުމެއް ހިމެނެ އެވެ.