Roadha Mihaaru
ފިކުރެއްގެ ދިރުމަށް 50،000 ސޮއި ލިބިއްޖެ: ބޮންޑޭ

"ފިކުރެއްގެ ދިރުމަށް" 50،000 އަށް ވުރެން ގިނަ މީހުން ސޮއިކޮށްފި: ބޮންޑޭ

15 ފެބުރުއަރީ 2023

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރިއަށް ގެންދަވާ "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތަށް 50،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ކުރިއަށް ގެންދަވާ "ފިކުރެއްގެ ދިރުން" ސިޔާސީ ހަރަކާތަށް 50،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވާ ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ، ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު އެ ހަރަކާތް ފެއްޓެވީ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވައި ނާކާމިޔާބުވެވަޑައިގަތުމުންނެވެ. އިންތިހާބުގައި އޮޅުވާލުންތަކެއް ހުރި ކަމުގެ ތުހުމަތު ކުރައްވައި ރައީސަށް އިންތިހާބުގައި ތާއީދު ނުކުރައްވަން ނަޝީދު ވަނީ ނިންމަވައިފަ އެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި އެ ހަރަކާތުގެ އަމާޒަކީ 95،000 މީހުން ހަމަކުރުމެވެ. ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އެ އަމާޒު ހާސިލުކުރެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ އާއި މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށުން ވެސް ވަރަށް ގިނަ ބަޔަކު އަންނަނީ ފިކުރެއްގެ ދިރުން ގޮތްޕަށް ސޮއިކުރަމުން ކަމަށެވެ. އަދި މި ހަރަކާތުގައި ވޮލަންޓިއަރުންގެ ގޮތުގައި ވެސް 4،000 އަށް ވުރެ ގިނަ މީހުން އުޅޭ ކަމަށާއި ސޯޝަލް މީޑިއާ ގްރޫޕްތަކުގައި ވެސް ހާހުން މީހުން އެބަ ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

ބޮންޑޭ ވިދާޅުވި ގޮތުގައި އެ ގޮތްޕަށް ސޮއިކުރި މީހުންގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންނާއި ކުރިން އެ ޕާޓީގައި ތިއްބާ ވަކިކުރި 39،000 މެމްބަރުންގެ ތެރެއިން ބައެއް މީހުންނާއި ނަޝީދުގެ ފިކުރަށް ތާއިދުކުރާ ނަމަވެސް، އެއްވެސް ޕާޓީއެއްގައި ރަޖިސްޓްރީވެފައި ނުވާ ވަރަށް ގިނަ ބަޔަކު ވެސް ހިމެނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ): އޭނާ ވިދާޅުވީ ފިކުރެއްގެ ދިރުމަށް އަދިވެސް ގިނަ ބަޔަކު ސޮއިކުރާނެ ކަމަށް. -- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑެ): އޭނާ ވިދާޅުވީ ފިކުރެއްގެ ދިރުމަށް އަދިވެސް ގިނަ ބަޔަކު ސޮއިކުރާނެ ކަމަށް. -- ފޮޓޯ: މަޖިލިސް

އަދިވެސް ގިނަ ބަޔަކު ފޯމު ފުރަން ބޭނުންވެފައި ތިބި ކަމަށާއި އެހެންވެ، އޮންލައިންކޮށް ފޯމު ހުށަހެޅޭނެ އިންތިޒާމު ވެސް މިހާރު ހަޖައްސާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެމްޑީޕީގެ އަސާސްތަކާއި އެމްޑީޕީގެ ފިކުރާއި އެމްޑީޕީގެ މިހާރުގެ ސެކްރެޓޭރިއޭޓް އާއި މިހާރު ތިއްބެވި ބޭފުޅުން އެ ފިކުރު މަރާލައިފި. އެއީ މަރުވެފައި އޮތް ފިކުރެއް މިހާރު، މި ފިކުރު ދުރަށް މިދަނީ،" ބޮންޑޭ ވިދާޅުވި އެވެ.

"ރައްޔިތުން އެމްޑީޕީ އުފެއްދީ ގައުމު އިސްލާހުކުރަން. ސަރުކާރު ޖަވާބުދާރީ ކުރުވަން. މި ހަރަކާތުގެ މަގުސަދަކީ އެ ފިކުރު އަލުން ގެނައުން."

މިހާތަނަށް 50،000 މެމްބަރުން ހަމަވެއްޖެ ކަމަށް ބޮންޑޭ ވިދާޅުވި ނަމަވެސް މާލެ އާއި އެހެން ސަރަހައްދުތަކުން ސޮއިކޮށްފައިވާ ތަފްސީލުތަކެއް ހާމައެއް ނުކުރައްވަ އެވެ. އަދި އެހާ ގިނަ އަދަދެއްގެ ބަޔަކާ އެކު އެ ހަރަކާތް ހިންގަން ރާވާފައި އޮތް ގޮތެއް ވެސް އަދި ސާފުކޮށް ވިދާޅެއް ނުވެ އެވެ.

މިދިޔަ މަހު 28 ގައި ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ޕްރައިމަރީގައި ރައީސަށް 61 ޕަސެންޓް ވޯޓު ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ 39 ޕަސެންޓެވެ.

ޕްރައިމަރީގެ ނަތީޖާ ނަޝީދު ގަބޫލުކުރެއްވިޔަސް، އެމަނިކުފާނު ނިންމެވީ ޕާޓީގެ ތެރެއިން ވަކި ސިޔާސީ ހަރަކާތެއް ހިންގުމަށް "ފިކުރެއްގެ ދިރުން" ގޮފި އުފައްދާށެވެ. ނަޝީދު ވިދާޅުވެފައި ވަނީ އިންސާފުވެރި އިންތިހާބެއް ބާއްވައިފި ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ އެވެ.