Roadha Mihaaru
ރެއާލް މޮޅުވި އިރު ބެންޒެމާ އަށް އުފާވެރިކަން

ރެއާލް މޮޅުވި އިރު ބެންޒެމާ އަށް އުފާވެރިކަން

16 ފެބުރުއަރީ 2023

ސްޕެނިޝް ލީގުގައި ރޭ އެލްޗޭ އަތުން 4-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ދެ ލަނޑު ޖަހައި އެ ޓީމުގެ ފޯވާޑް ކަރީމް ބެންޒެމާ، ލީގުގެ ތާރީހުގައި ރެއާލަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ސްޕެނިޝް ލީގުގައި ރޭ އެލްޗޭ އަތުން 4-0 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގައި ދެ ލަނޑު ޖަހައި އެ ޓީމުގެ ފޯވާޑް ކަރީމް ބެންޒެމާ، ލީގުގެ ތާރީހުގައި ރެއާލަށް ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފް ހޯދައިފި އެވެ.

ބެންޒެމާ ދެ ވަނަ އަށް އެރީ 230 ލަނޑު ހަމަކޮށްގެންނެވެ. ކުރިން ދެ ވަނައިގައި އޮތް، އެކަމަކު މިހާރު ތިން ވަނަ އަށް ވެއްޓިފައިވާ ރައުލް ގޮންޒާލޭޒް ޖަހާފައިވަނީ 228 ގޯލެވެ. މި ލިސްޓުގެ އެއް ވަނައިގައި 311 ލަނޑާ އެކު އޮތީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މީގެ އިތުރުން ބެންޒެމާ ވަނީ ލީގުގެ ތާރީހުގައި ފަސް ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފް ވެސް ހޯދައިފަ އެވެ. އޭނާގެ ކުރީގައި އޮތީ ހޫގޯ ސަންޗޭޒް، ޓެލްމޯ ޒަރާ، ރޮނާލްޑޯ އަދި ލިއޮނަލް މެސީ އެވެ.

ރޭގެ މޮޅާ އެކު ރެއާލް ވަނީ އެއް ވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު އަށް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ބާސެލޯނާ އެއް ވަނައިގައި 56 ޕޮއިންޓާ އެކު އޮތްއިރު ރެއާލް ދެ ވަނައިގައި އޮތީ 48 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި 42 ޕޮއިންޓާ އެކު އޮތީ ރެއާލް ސޮސިއެޑާޑް އެވެ.

އަމިއްލަ ދަނޑުގައި ރެއާލް ކުޅުނު މެޗުގެ 8 ވަނަ މިނެޓުގައި އެ ޓީމަށް ލީޑު ނަގައިދިނީ މާކޯ އަސެންސިއޯ އެވެ. އަނެއް ދެ ލަނޑު ޖެހީ ޕެނަލްޓީން ބެންޒެމާ އެވެ. އަދި އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖެހީ ލޫކާ މޮޑްރިޗް އެވެ.

ރެއާލުގެ މިހާރުގެ ކެޕްޓަން ބެންޒެމާގެ ދައުރު، ރޮނާލްޑޯ ދިއުމުން އެ ޓީމުގައި ވަނީ ބޮޑުވެފަ އެވެ. މިދިޔަ އަހަރު އެ ޓީމާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ބެންޒެމާ ވަނީ ބެލޮންޑިއޯ އެވޯޑް ހޯދައިފަ އެވެ. އެކަމަކު އަނިޔާގެ ސަބަބުން ފްރާންސް ޓީމަށް ވޯލްޑް ކަޕުގައި ކުޅެވޭ ގޮތެއް ނުވި އެވެ.