Roadha Mihaaru
ބެންޒެމާގެ ދެ ގޯލާ އެކު ރެއާލުން ވެލެންސިއާ ބަލިކޮށްފި

ބެންޒެމާގެ ދެ ގޯލާ އެކު ރެއާލުން ވެލެންސިއާ ބަލިކޮށްފި

19 ޖޫން 2020

މެޑްރިޑް (ޖޫން 19) – ފްރާންސް ފޯވާޑް ކަރިމް ބެންޒެމާގެ ދެ ގޯލާ އެކު ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 3-0 އިން ވެލެންސިއާ ބަލިކޮށްފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެޑްރިޑް (ޖޫން 19) – ފްރާންސް ފޯވާޑް ކަރިމް ބެންޒެމާގެ ދެ ގޯލާ އެކު ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން 3-0 އިން ވެލެންސިއާ ބަލިކޮށްފި އެވެ.

ރޭގެ މެޗަށް ރެއާލް ނުކުތްއިރު ބާސެލޯނާ އެއް ވަނައިގައި އޮތީ ފަސް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެކަމަކު ރެއާލް މޮޅުވުމުން އެ ލީޑުވަނީ ދެ ޕޮއިންޓަށް ކުޑަވެފަ އެވެ. ދެ ޓީމު ވެސް 29 މެޗު ކުޅެފައިވާއިރު، ބާސެލޯނާގެ އޮތީ 64 ޕޮއިންޓެވެ. އަދި ރެއާލަށް ލިބިފައިވަނީ 62 ޕޮއިންޓެވެ.

ރޭގެ މެޗުގައި ބެންޒެމާ ޖެހި ދެ ގޯލާ އެކު އޭނާ ވަނީ ރެެއާލްގެ ތާރީހުގައި އެ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގެ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. ފެރެންކް ޕުސްކަސް ފަހަތަށް ޖަައްސާލައި ބެންޒެމާ ކުރިއަށް ޖެހިލީ 243 ގޯލު ހަމަކޮށްގެންނެވެ.

ރޭގެ މެޗުގައި ލީޑު ނަގަން ފުރުސަތު ލިބުނީ ވެލެންސިއާ އަށެވެ. އެ ޓީމުގެ ސްޕެއިނުގެ ފޯވާޑް ރޮޑްރީގޯ މޮރޭނޯ ފޮނުވާލި ހަމަލައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އޭނާ ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ބަލައިނުގަންނަން ރެފްރީ ނިންމި އެވެ.

ރެއާލުން މެޗުގައި ޖެހި ތިން ގޯލު ވެސް ކާމިޔާބުކުރީ ފަހު 30 މިނިޓް ތެރޭގަ އެވެ. އެ ޓީމަށް ލީޑުނަގައިދިން ގޯލު ބެންޒެމާ ޖެހީ މެޗުގެ 61 ވަނަ މިނިޓްގައި އެޑެން ހަޒާޑް ދިން ބޯޅައަކުންނެވެ. ކުޅެން އެރިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި މެޗުގެ 74 ވަނަ މިނިޓްގައި އަސެންސިއޯ ރެއާލުގެ ލީޑު ފުޅާކޮށްދިނެވެ. އޭގެ 12 މިނިޓް ފަހުން ރެއާލުގެ ތިން ވަނަ ގޯލް ވައްދާލީ ބެންޒެމާ އެވެ.

މި ލަނޑަކީ ވަރަށް މޮޅު ގޯލެކެވެ. އަސެންސިއޯ ޖައްސާލި ބޯޅަ ކަނާތު ފައިން ކޮންޓްރޯލް ކުރުމަށް ފަހު އަނެއް ފައިން ވަނީ ގޯލުގެ މަތީ ކަނުގައި ބޯޅަ ތަތްކޮށްލައިފަ އެވެ. އެ ބޯޅަ ގޯލަށް ވަނުމާ އެކު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ވަނީ ބެންޒެމާ އަށް ވަރަށް ބޮޑަށް ތަރުހީބު ދީފަ އެވެ. އަދި މެޗަށް ފަހު ބެންޒެމާ އަށް ވަނީ ތައުރީފު ކޮށްފަ އެވެ.

"އޭނަގެ ކުޅުން ވެސް ވަރަށް ރަނގަޅު. ހާއްސަކޮށް އޭނާ އެ ޖެހި ގޯލު އާދަޔާހިލާފު. އަހަރެމެންނަށް އެނގޭ އޭނަ އަކީ ވާތު ފައިން ވެސް ބޯޅައިގައި ޖަހާ ކުޅުންތެރިއެއްކަން. އެކަމަކު އެ ފަދަ ކޮންޓްރޯލަކަށް ފަހު ބޯޅަ މަތީގައި އޮއްވައި އެއް ފަހަރުން ގޯލަށް ޖެހުމަކީ ވަރަށް ތަފާތު ހުނަރެއް،" ޒިދާން ބުންޏެވެ.