Roadha Mihaaru
ބޮޑުތަކުރުފާނު މަގުގެ ބާކީ ބައިގައި ތާރު އަޅަނީ

ބޮޑުތަކުރުފާނު މަގުގެ ބާކީ ބައިގައި ތާރު އެޅުމުގެ މަސައްކަތް ރޯދަމަހުގެ ފަހުން ފަށަނީ

16 ފެބުރުއަރީ 2023

ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ހިސާބުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ރޯދަމަހުގެ ފަހުން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ހިސާބުގައި ތާރު އެޅުމުގެ މަސައްކަތް އަންނަ ރޯދަމަހުގެ ފަހުން ފަށާނެ ކަމަށް ޕްލޭނިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން "މިހާރު" އަށް ވިދާޅުވީ ބޮޑުތަކުރުފާނު މަގުގައި ތާރު ނާޅައި އޮތް ހިސާބުގައި އެ މަސައްކަތްކުރުމަށް އަންނަ މަހު ބަޔަކާ ހަވާލުކުރާނެ ކަމަށެވެ. ނަމަވެސް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާނީ ރޯދަމަހުގެ ފަހުން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ މަސައްކަތް ހަވާލުކުރަނީ ކޮން ބަޔަކާ ކަމެއް ވިދާޅެއް ނުވެ އެވެ.

"ތާރު އަޅަން ފެށުމާ ގުޅޭ ތައްޔާރީތައް ރޯދަމަހުގެ ކުރީގައި އަޅުގަނޑުމެންނަށް އޭރަށް ކުރިއަށް ގެންދެވޭނެ،" އަކްރަމް ވިދާޅުވި އެވެ.

ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަސް ފެށެނީ އަންނަ މަހު 23 ގަ އެވެ.

މާލޭގައި ހުންނަ ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާ ހަމައަށް ބޮޑުތަކުރުފާނު މަގުގައި ތާރު އެޅީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އެ ހިސާބުގައި ތާރު އެޅީ ސިނަމާލެެ ބްރިޖު ހުޅުވިއިރު، ބްރިޖަށް ދަތުރުކުރާ އުޅަނދުތައް ތޮއްޖެހުނަ ނުދިނުމަށެވެ.

ބޮޑުތަކުރުފާނު މަގުގެ ފެމެލީ ކޯޓު އިމާރާތް ކުރިމަތީގައި ތާރު އަޅައިފައި: އެ މަގުގެ ބާކީ އޮތް ބައިގައި ތާރު އަޅަން އަންނަ މަހު ބަޔަކާ ހަވާލުކުރަން ވަނީ ނިންމައިފައި -- ފޮޓޯ: މިހާރު

ބޮޑުތަކުރުފާނު މަގުގެ ފެމެލީ ކޯޓު އިމާރާތް ކުރިމަތީގައި ތާރު އަޅައިފައި: އެ މަގުގެ ބާކީ އޮތް ބައިގައި ތާރު އަޅަން އަންނަ މަހު ބަޔަކާ ހަވާލުކުރަން ވަނީ ނިންމައިފައި -- ފޮޓޯ: މިހާރު

މި ސަރުކާރުން އަންނަނީ އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ މަސައްކަތް ފެށިތާ ހަތަރު މަސް ފަހުން، އެ މަގުގެ އެންމެ އިރުން ފެށިގެން ސްޓެލްކޯގެ އިމާރާތާ ހަމައަށް މިހާރު އޮތީ ތާރު އަޅައި ނިންމާލައިފަ އެވެ. މާދަމާ އެ ސަރަހައްދު އާންމުނަށް ހުޅުވާލުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އާރްޑީސީއާ އެވެ. ނަމަވެސް، އާރްޑީސީގެ ތާރު މެޝިން ބަހައްޓާނެ ޖާގަ މާލެ އިން އަދި ނުލިބިގެން އެ މަގުގައި ސްޓެލްކޯގެ އިމާރާރާތާ ހަމައަށް ތާރު އަޅައިދިނީ އެމްޓީސީސީންނެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ތާރު އެޅުން ލަސްވެ، އެ މަގުގައި ހިނގައިވެބިނގާވެ އުޅުމަށް އާންމުންނަށް ދަތިވުމުން އެ މައްސަލައަށް އަވަސް ހައްލެއް ހޯދުމަށެވެ.

ދައުލަތުން 80 މިލިއަން ރުފިޔާ ހަރަދުކޮށްގެން މިދިޔަ އަހަރު ޖުލައި މަހު، 10 މަސް ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި އަމީނީ މަގުގެ މަސައްކަތް އެ މުއްދަތުގެ ތެރޭގައި ނުނިމޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން މި ފަހުން ވަނީ ބުނެފަ އެވެ.

އަކްރަމް މިއަދު ވިދާޅުވީ، އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިމޭނެ ތާރީހެއް ކަމަށް މިހާރު ބަލަނީ އަންނަ މޭ މަހު ކަމަށެވެ.