މާލޭ މީހުންނަށް ނުހިއްކާ ހުރި ފަޅުތަކުން ގޯތި ދިނީ އެއީ ވަރަށް އަވަހަށް ހިއްކާ ނިމޭނެ ތަންތަން ކަމަށް ވާތީ ކަމަށް ކުރީ ސަރުކާރުގެ ގޯއްޗާއި ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
06 ޑިސެމްބަރ 2023
މާލޭ މީހުންނަށް ނުހިއްކާ ހުރި ފަޅުތަކުން ގޯތި ދިނީ އެއީ ވަރަށް އަވަހަށް ހިއްކާ ނިމޭނެ ތަންތަން ކަމަށް ވާތީ ކަމަށް ކުރީ ސަރުކާރުގެ ގޯއްޗާއި ފްލެޓް ކޮމިޓީގެ ޗެއާމަންކަން ކުރެއްވި އަކްރަމް ކަމާލުއްދީން މިއަދު ވިދާޅުވެއްޖެ އެވެ.
އަކްރަމް އެގޮތަށް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިއުލާން ކޮށްފައިވާ ފްލެޓްތަކުގެ ލިސްޓުގެ މައްސަލާގައި ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީ އަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމަށް އޭނާ ހާޒިރުކުރުމުންނެވެ.
އެ ބައްދަލުވުމުގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވަނީ ނުހިއްކާ ހުރި ތަންތަނުން ގޯތި ދިނީ ކީއްވެގެންތޯ އަކްރަމްއާ ސުވާލުކުރައްވައިފަ އެވެ.
"ނުހިއްކާ އޮތް ތަނަކުން ދޭކަށް ނޫން، އަޅުގަނޑުމެންގެ މަގުސަދަކަށް ވީ ދިނުން. މި ދެންނެވީ އެ ހިކެމުން ދަނީއޭ، ނިމެނުންނޭ އެ ދަނީ،" އަކްރަމް ވިދާޅުވި އެވެ.
ޕެޓިޝަން ކޮމިޓީގައި ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ކުރީ ސަރުކާރުން ޕްލޭންކޮށްފައި އޮތް ގޮތަށް މަސައްކަތް ދާ ނަމަ، ގޯތި ދީފައިވާ ހުރިހާ ބިމެއް އަންނަ މަހުގެ ނިޔަލަށް ހިއްކާ ނިމޭނެ ކަމަށް އަކްރަމް ވިދާޅުވި އެވެ. އަދި އެ ތަންތަނުން ގޯތި ދިނުމަށް ގާނޫނު ތަންދޭ ކަމަށާއި ގޯތި ދިނީ ގާނޫނީ ގޮތުން ހުރިހާ އިޖުރާތެއް ފުރިހަމަ ކޮށްފައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ހިއްކަންވެގެން އެގްރިމެންޓުކޮށް ހިއްކެމުން އެ ދަނީ. ހަމަ ކޮންމެ އިރެއްގައި ވެސް ނިމިދާނެ. މޫސުމަށް އަންނަ ބަދަލަކުން، ދިމާވާ ކަމަކުން ލަސްވަމުން އެބަދޭ. އެހެންމަ، ކޮންމެ ގޮތެއް ވިޔަސް މި ހުރިހާ ތަނެއް ހިއްކާ ނިމޭނެ އަޅުގަނޑުމެންގެ ޝެޑިއުލް އޮތް ގޮތުން ޖެނުއަރީގެ ނިޔަލަށް،" އަކްރަމް ވިދާޅުވި އެވެ.
އާ ސަރުކާރުން ބުނެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭ މީހުންނަށް ދިން ބިންތައް އަތެއް ނުލާނެ ކަމަށާއި އެކަމަކު ބައެއް މީހުންނަށް ބިން ދީފައި ހުރި ލޮކޭޝަންތަކަށް ބަދަލުތަކެއް އަތުވެދާނެ އަންނާނެ ކަމަށެވެ.
މިހާރުގެ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެފައި ވަނީ ކުރީ ސަރުކާރުން ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ގޯތި ދީ އަދި ގޯތީގެ ރަޖިސްޓްރީ ދީފައި ވިޔަސް، އޭގެ ތެރޭގައި ވުޖޫދުގައި ނެތް ބިންތައް ހިމެނޭ ކަމަށެވެ. ބިމާ ބެހޭ ގާނޫނާއި ގަވާއިދުތައް ބަޔާންކުރާ ގޮތުގައި ގޯތީގެ ރަޖިސްޓްރީ ދެވޭނީ ބިން އޮތް ތަނަކުން ކަމަށާއި އެހެންވެ، އެ ބިންތަކަކީ ގާނޫނީ ގޮތުން ސުވާލު އުފެދިފައިވާ ތަންތަން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ވުޖޫދުގައި ނެތް ތަންތަނުން ގޯތި ދީފައި ވަނީ އެއްވެސް ޕްލޭނެއް ނެތި އެވެ. ގޯތި ދީފައި ހުރީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް އެއްވެސް ޖާގައެއް ކަނޑަނާޅާ ކަމަށާއި ނަމަވެސް އާ ސަރުކާރުން ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅަށް ހާއްސަ ޕްލޭނެއް ހަދާފައިވާ ކަމަށް ވިދާޅުވި އެވެ. ދެން މަސައްކަތް ކުރިއަށް ގެންދަވާނީ އާ ސަރުކާރުގެ ޕްލޭންގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ގޮޅިތަކެއް ޖަހާލާފައި ހުރީ. އެއްވެސް އެހެން ކަހަލަ ހިދުމަތެއް ދޭނެ ބިމެއް، ނުވަތަ ހުސް ޖާގައެއް ދޭނެ ބިމެއް ވެސް ނެތް،" ހައިދަރު ވިދާޅުވެފައިވެ އެވެ.
ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ.
އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނު ނަމަވެސް ގަވާއިދަށް ބަދަލު ގެނެސްގެން ވަނީ ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.
"ޕޮއިންޓާ ކުޅުނު ކަމަށް ބުނީ އެކްސެސް ނުދެނީސް"
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
ކުރީގެ ބިން ދޫކޮށްލަން ޖެހޭ މުއްދަތު އިތުރުކޮށްފި
ގޯތި ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފި
ގޯތި ލިސްޓަށް 800 އެއްހާ ޝަކުވާ ހުށަހެޅި: އަކްރަމް
ގޯތި ދޫކުރާއިރު ހާލަތު ބަލަން ގޭގެއަކަށް ނުދާނެ
މާލޭން ގޯތި ލިބޭ މީހުންނަށް އޮތީ ހަތަރު ޝަރުތެއް
އެފްޑީސީގެ ފްލެޓްތައް ހާއްސަކުރަނީ މާލޭގެ މީހުންނަށް
ހުޅުމާލެ 2 ގެ ހުރިހާ ގޯއްޗެއް ހަވާލުކޮށްފި
ހައުސިން މިނިސްޓްރީން މަޖިލީހަށް ނުދިއުމުން ނުރުހުން!