Roadha Mihaaru
ޒަޔާންގެ މަރުގެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

ޒަޔާންގެ މަރުގެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަނީ

18 ފެބުރުއަރީ 2023

އައްޑޫގެ ދެ ގޭންގެއްގެ ދެމެދުގައި އޮންނަ މައްސަލައަކާ ހެދި މިދިޔަ އަހަރުގެ ޖޫން މަހު މަރާލި ޒަޔާން މުހައްމަދު މޫސާގެ މަރުގެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

އައްޑޫގެ ދެ ގޭންގެއްގެ ދެމެދުގައި އޮންނަ މައްސަލައަކާ ހެދި މިދިޔަ އަހަރުގެ ޖޫން މަހު މަރާލި ޒަޔާން މުހައްމަދު މޫސާގެ މަރުގެ މައްސަލައިގެ ޝަރީއަތް މާދަމާ ފަށަން ތާވަލުކޮށްފި އެވެ.

މުހައްމަދު ޒަޔާން މޫސާ، 21، އަށް ޖޫން މަހުގެ ދެ ވަނަ ދުވަހުގެ ރޭ ދަންވަރު ހަމަލަދިނީ ފޭދޫގެ ދެ ސަރައްދެއްގައި އޮންނަ ދެ ގޭންގެއްގެ ދެމެދުގައި އޮންނަ މައްސަލައަކާ ގުޅިގެންނެވެ. އަމިއްލަ ގޭގެ ގޯތި ތެރޭގައި ހުއްޓައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ ފަހަތުން ދިން އެ ހަމަލާގައި އޭނާ މަރުވީ، ލިބުނު ޒަހަމްތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އެ މައްސަލައިގައި ހަތަރު ކުޑަކުއްޖަކާއި 18 އަހަރުން މަތީގެ ހަތް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވެ އެވެ. އޭގެ ތެރެއިން ކުޑަކުދިންގެ ބައި ޖުވެނައިލް ކޯޓުގައި ކުރިއަށްދާއިރު، ކްރިމިނަލް ކޯޓުގައި ދައުވާކުރާ މީހުންގެ މައްސަލަ ފަށަން ތާވަލުކޮށްފައި ވަނީ މާދަމާ މެންދުރު 1:30 ގަ އެވެ.

އެ މީހުންގެ މައްޗަށް ދައުވާކޮށް ކޯޓަށް މައްސަލަ ހުށަހެޅީ މިދިޔަ ނޮވެމްބަރު 27 ވަނަ ދުވަހު އެވެ.

އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާ ލިބޭ މީހުންނަކީ؛

1. ޔައީޝް އަންވަރު، ސ. ހިތަދޫ، ކަދުރުމާގެ

2. އައިލިޝް އަލީ، ސ. ފޭދޫ، ފުފޫމާގެ

3. އަހުމަދު ޝުއާއު، ސ. ފޭދޫ، ދިރިމާގެ

4. އަހުމަދު ނަބީލް، ސ. ފޭދޫ ސަންޝައިން

5. އަބްދުﷲ ނިޒާރު، ސ. ފޭދޫ، ކާމަރަނގަގެ

6. އަހުމަދު އަބްދުﷲ، ސ. ފޭދޫ، ކަރަންފޫގެ

7. އަބްދުﷲ ޝިޔާއު ރަޝީދު، ސ. ފޭދޫ، ދިރިމާގެ

އޭގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމުގެ ދައުވާ ކުރަނީ ޔައީޝް އަންވަރާއި އައިލިޝް އަލީގެ މައްޗަށެވެ. ދެން ތިބި ފަސް މީހުންގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމަށް އެހީތެރިވުމުގެ ދައުވާ ކޮށްފައިވެ އެވެ.

އޭގެ އިތުރުން، އެ އެންމެންގެ މައްޗަށް ވެސް ޖިނާއީ ކުށެއްގައި ކުޑަކުއްޖަކު ބައިވެރިކުރުމުގެ އެކި ދައުވާ އުފުލާފައިވެ އެވެ. އަދި އަބްދުﷲ ޝިޔާއު ރަޝީދު ފިޔަވައި ދެން ތިބި މީހުންގެ މައްޗަށް ބިރު ދެއްކުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ.

ޖުވެނައިލް ކޯޓުގައި ދައުވާ ކުރި ހަތަރު ކުދިންގެ ތެރެއިން އެކެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްފައިވާއިރު، ދެން ތިބި ތިން ކުދިންގެ މައްޗަށް އުފުލީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ އެވެ.

ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ކުށުގެ ދައުވާ ލިބޭ ތިން ކުދިންގެ ތެރެއިން ދެ ކުދިން ކުށަށް އިއުތިރާފުވެ، ޑައިވާޝަން ފުރުސަތަށް އެދިފައިވާތީ ކުޑަކުދިންގެ އަދުލުގެ ދަށުން ޑައިވާޝަން އެގްރީމެންޓު އެކުދިންނާއެކު ހަދާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެ އެވެ.

ޑައިވާޝަން އެގްރީމަންޓަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން، ކުށް ކުރާ ކުދިން ޖަލަށްލުމުގެ ބަދަލުގެ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭ އެގްރީމަންޓެކެވެ.

ގަސްދުގައި މީހަކު މެރުމުގެ ކުށުގެ އަދަބަކީ 25 އަހަރުގެ ޖަލު ހުކުމެއް ކަމަށް ވިޔަސް، ކުޑަކުއްޖަކަށް ދައުވާ ކުރާ ހާލަތުތަކުގައި އެ އަދަބު ތިން ބައި ކުޅަ ދެ ބަޔަށް ކުޑަވާނެ އެވެ. ކުޑަކުއްޖަކަށް ވާތީ މަރުގެ އަދަބު ވެސް ނުދެވޭނެ އެވެ. އަދި ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ކުށުގެ އަދަބަކީ 15 އަހަރާއި 25 އަހަރާ ދެމެދުގެ ޖަލު ހުކުމަކަށް ވާއިރު ކުޑަކުއްޖަކަށް ވާތީ، އެ ކުށް ސާބިތުވިތަސް ތަންފީޒު ކުރަން ޖެހޭނީ އަދަބުގެ ތިން ބައި ކުޅަ ދެ ބަ އެވެ.