Roadha Mihaaru
އަރުހަމް މަރާލި މައްސަލަ އަލުން ބަލަން އަންގައިފި

އަރުހަމްގެ މަރު: ކުށް ސާބިތުނުވި މީހުންގެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި

04 ޑިސެމްބަރ 2023

މީގެ 11 އަހަރު ކުރިން ލޮރެންޒޯ ޕާކް ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މީގެ 11 އަހަރު ކުރިން ލޮރެންޒޯ ޕާކް ތެރޭގައި ތޫނު އެއްޗެހިން ހަމަލާދީ މަރާލި އަހުމަދު އަރުހަމްގެ މަރުގެ މައްސަލާގައި ކުށް ސާބިތުނުވެ ސަލާމަތްވި މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުން އަލުން ބަލަން ހައި ކޯޓުން މިއަދު އަންގައިފި އެވެ.

މެއި، 2012 ގައި ލޮރެންޒޯ ޕާކް ތެރޭގައި އަރުހަމް މަރާލާފައި އޮއްވާ ފެނުނު މައްސަލާގައި ދައުލަތުން ދައުވާކުރީ ލ. މާވަށް އެވާބްލޫގޭ މުހައްމަދު ވިސާމާއި އެރަށު އަސަރީގޭ މަންސޫރު ޔޫސުފާއި ގދ. ގައްދޫ ގުންޒަރު، މުހައްމަދު ސުފްޔާންގެ އިތުރުން މއ. ސީނަރީވިއު އާތިފް ރަޝީދުގެ މައްޗަށެވެ. އޭގެ ތެރެއިން ވިސާމްގެ މައްޗަށް ކުށް ސާބިތުވެ، އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން 2016 ވަނަ އަހަރު މަރުގެ ހުކުމް އިއްވިޔަސް، ދެން ތިބި މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް އޮތީ ހުކުމްކޮށްފަ އެވެ.

އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ އެ ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމުގައި އެކަށީގެންވާ ސަބަބުތަކެއް ބަޔާން ކޮށްފައިނުވާ ކަމަށެވެ. އެގޮތުން އެ މީހުންނާ ދެކޮޅަށް ގިނަ ހެކިތަކެއް ހުށަހަޅާފައި ވިޔަސް، އެ މީހުންނާ ދެކޮޅަށް ހެކި ނެތް ކަމަށް ބުނެ ދަށު ކޯޓުގެ ހުކުމުގައި ބަޔާން ކޮށްފައި އޮތީ އެންމެ ތިން ފޮޅުވަތް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.

ހުކުމުގައިވަނީ ހައި ކޯޓަކީ ދަށު ކޯޓުތަކެކޭ އެއްފަދައިން މައްސަލާގައި ކަން ހިނގި ގޮތް ބަލައި، ހެކި ވަޒަންކުރަން ޖެހޭ ކޯޓެއް ނޫން ކަމަށެވެ. އަދި ދަށު ކޯޓުން ބަލަންޖެހޭ ކަންކަން އެކަށީގެންވާ މިންވަރަށް ބަލާފައިނުވާ ނަމަ އެ މައްސަލައެއް އަލުން ބެލުމަށް ދަށު ކޯޓަށް ފޮނުވުމުގެ ބާރު ހައި ކޯޓަށް އޮންނަކަން ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ކްރިމިނަލް ކޯޓަށް އެންގީ ކަމަށް ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވެ އެވެ.

އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފައިސަލެވެ.