Roadha Mihaaru

އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ބަންދު ނުކުރަން ހައި ކޯޓުން ނިންމައިފި

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.

އަނަސްގެ މަރުގެ ދައުވާލިބޭ މީހުން ކޯޓުން ބަންދެއްނުކުރި
ނާޒިމް ހަސަން
ނާޒިމް ހަސަން

11 މާޗް 2025

މާލޭގައި ގްރޫޕަކުން ގޮސް ހަމަލާދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރާ މީހުން ބަންދު ނުކުރަން ހައި ކޯޓުން އިއްޔެ ނިންމައިފި އެވެ.

ލިޓަސް ސާވިސް ސެންޓަރު ތެރޭގައި ޖުލައި، 2017 ގައި ގްރޫޕަކުން ގޮސް ހަމަލާދީ އަނަސް މަރާލި މައްސަލައިގައި ހަތް މީހަކަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ދައުވާކުރި އެވެ. ގަސްދުގައި މީހަކު މަރާލުމުގެ ދައުވާކުރީ ޅ. ކުރެންދޫ އަސުރުމާގޭ އަހުމަދު ޒަޔާނާއި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު އަދި މ. ދިމިޝްގު އުސްމާން ޝަރީފްގެ މައްޗަށެވެ.

ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލީ ލ. ގަން ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ އާއި ދަފްތަރު ނަމްބަރު 1746 ސިމާހް މޫސާ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒްގެ އިތުރުން ތ. ކިނބިދޫ ގުލްފާމްގޭ މުހައްމަދު ޝާޒްގެ މައްޗަށެވެ.

އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތް ކުރާއިރު، އެ ހަތް މީހުން އެ ކުށުގައި ބައިވެރިވި ކަމަށް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުނުވާ ކަމަށެވެ.

އެ މައްސަލަ ދައުލަތުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރަން އެދިފައިވެ އެވެ. ނަމަވެސް ހައި ކޯޓުން އިއްޔެ ނިންމާފައިވަނީ އެ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން އަލުން ބަންދުކުރަން ޖެހޭ ހާލަތެއް ނެތް ކަމަށެވެ.

ހައި ކޯޓުގެ ނިންމުމުގައި ބުނީ ހަތް މީހުން އިސްތިއުނާފީ މަރުހަލާގައި ބަންދުކުރަން ޖެހޭ އެއްވެސް ހާލަތެއް އަދި ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. އެ ނިންމުމުގައިވާ ގޮތުން އިސްތިއުނާފީ މަރުހަލާގައި މީހަކު ބަންދު ކުރެވޭނީ މައިގަނޑު ތިން ޝަރުތެއް ފުރިހަމަވެގެންނެވެ..

އެއީ ފިލައިގެން ގޮސްދާނެ ކަމުގެ ފުރުސަތު އޮތުމާއި މުޖުތަމައުގެ މަސްލަހަތެއް ގެއްލިދާނެ ކަމަށް ބެލެވޭ ހާލަތެއް އޮތުމާއި މައްސަލަ ކާމިޔާބުވުމުގެ ފުރުސަތު ބޮޑުވުމެވެ. ނަމަވެސް އެ މައްސަލާގައި، މައްސަލަ ކާމިޔާބުވުމުގެ ފުރުސަތެއް އަދި ތުހުމަތެއް ކުރެވޭ މިންވަރުގެ ހެކިތަކެއް ނެތް ކަމަށް އެ ނިންމުމުގައިވެ އެވެ.

ކްރިމިނަލް ކޯޓުން އެ މައްސަލާގައި ކުރި ހުކުމުގައި ބުނެފައިވަނީ ދައުވާލިބޭ ހަތް މީހުން ކަށަވަރު ކުރަން ވެސް އިތުރު އެހެން އެއްވެސް ހެއްކެއް، އަދި ބާރު ދޭނެ ހެއްކެއް ވެސް ހުށަހަޅާފައި ނެތް ކަމަށެވެ. ހެކިންނާއި ސިއްރު ހެކިވެރިންނާއި ހަބީރުންގެ ހެކިބަހުން ވެސް، ކުށުގެ އަމަލު ހިންގާފައިވަނީ އެ ހަތް މީހުން ކަން ޝަރީއަތަށް ސާބިތުނުވާ ކަމަށް ހުކުމްގައިވެ އެވެ.

ހުކުމުގައިވާ ގޮތުން، ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކޯލް ރެކޯޑާއި ތަހުގީގީ ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓަށް ބުރަދަނެއް ދެވެން ނެތެވެ. އެއީ، އެ ރިޕޯޓްތަކަކީ ކުށް ސާބިތުކުރަން ރިއާޔަތް ކުރެވޭނެ އެއްޗަކަށް ނުވުމާއި ކޯލް ރެކޯޑަކީ ފުލުހުން އަމިއްލަ އަށް ތައްޔާރު ކޮށްފައިވާ އެއްޗަކަށް ވާތީ އެއީ ހެއްކެއް ކަމަށް ބަލައިގަނެވެން ނެތުމުން ކަމަށް ހުކުމްގައި ބުންޏެވެ.

އަނަސްގެ މަރާ ގުޅިގެން ހަތް މީހުންގެ އިތުރުން ކުޑަކުއްޖަކަށް ވެސް ދައުވާ ކުރި އެވެ. އެ ކުއްޖާގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމެއް ހައި ކޯޓުން ކުރިން އިއްވާފައި ވީނަމަވެސް އެ ހުކުމް ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ލުއިކޮށްދެއްވައިފަ އެވެ.