Roadha Mihaaru
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 7

ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 7

24 ނޮވެމްބަރ 2016

(ނޮވެމްބަރު 17، 2016ގެ އަދަދާ ގުޅޭ)

(ނޮވެމްބަރު 17، 2016ގެ އަދަދާ ގުޅޭ)

ކީރިތި ޤުރްއާނުގެ މައުޟޫއަކީ ހިދާޔަތުގެ ވާހަކަ ކަމާއި އަދި މިވާހަކަ ބަޔާން ކުރެވެނީ ތަޤުވާވެރި މުއުމިނުންނަށް ޓަކައިކަން ކަނޑައަޅާލުމަށް ފަހު، ދެން އޮތް ތިން އާޔަތުގައި އެމީހުންގެ، ބައެއް މުހިއްމު ސިފަތައް ބަޔާން ކުރެވިފައިވެއެވެ. މިގޮތުން ދެންއޮތް އާޔަތުގައި ވަނީ لَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ، 'އެމީހުން ޣައިބަށް އީމާންވެ، ނަމާދު ޤާއިމުކޮށް އަދި ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވި އެއްޗަކުން ހޭދަކުރެއެވެ'، މިހެންނެވެ. މިއާޔަތުގައި މުއުމިނުންގެ ތިން ސިފަ ބަޔާން ކުރެވިފައި ވެއެވެ. 'ޣައިބަށް އީމާންވުމާއި' 'ނަމާދު ޤާއިމު ކުރުމާއި' އަދި 'އެހެން މީހުންގެ މައްޗަށް ހޭދަކުރުން' މި ތިން ސިފަ އެވެ. މިތިން ސިފައިގެ މައްޗަށް އިތުރަށް ބަލައިލަމާ ތޯ އެވެ.

ފާހަގަ ކުރެއްވޭނޭ ފަދައިން، މި އާޔާތުގައި، ތަޤުވާވެރި މުއުމިނުންގެ އެއްމެ ފުރަތަމަ ސިފަޔަކަށް، ބަޔާން ކުރެވިފައިވަނީ އެ މީހުންނަކީ 'ޣައިބަށް' އީމާންވާ ބައެއް ކަމުގަ އެވެ. 'ޣައިބު'، މި ލަފްޒުން، އިޝާރަތް ކުރެވެނީ، ހިއްސުތަކުގެ ޒަރީއާ އިން، އިންސާނާގެ ހިތަށް، އެއެއްޗެއްގެ ނުވަތަ އެކަމެއްގެ ވާގިއު (ރިއަލިޓީ ނުވަތަ އެއްޗެއް ނުވަތަ ކަމެއްގެ ހަގީގަތް އޮންނަ ގޮތް) އިދުރާކު ނުކުރެވޭ (ދެނިނުގަނެވޭ) އެއްޗިއްސާއި ކަންކަމެވެ. މިސާލަކަށް މާތްﷲގެ ޒާތުފުޅުގެ ވާގިއު އެވެ. މަލާއިކަތް ބޭކަލުންނާއި ޖިންނީންގެ ވާގިއު އެވެ. އާޚިރަތް ދުވަހާއި އެދުވަހާ ގުޅިފައިވާ އަލުން ދިރުއްވުމާއ، މަޙްޝަރު ކުރެއްވުމާއި ހިސާބު ބެއްލެވުމާއި، ސުވަރުގެ އާއި ނަރަކައާއި މިކަންކަމުގެ ވާގިއު އެވެ. މިދެންނެވި އެއްޗިއްސާއި ކަންކަމުގެ ހަގީގަތް އޮންނަ ގޮތް، އެއީ އިންސާނީ ހިތަށް ނަގައިގަނެވޭ ކަންކަމެއް ނޫނެވެ. މިކަމުގެ ސަބަބު ދެނެގަތުމަށްޓަކައި އިންސާނުންނަށް އެއްޗެހި ވިސްނެނީ ކިހިނެއްކަން ބަލައިލާން ޖެހެ އެވެ.

އިންސާނާގެ ހިތަށް އެއްޗެއްގެ ހަގީގަތް ވިސްނި ފަހުމުވުން ބިނާވެފައި އޮންނަނީ، ކުރީން، އެއެއްޗެއްގެ ހަގީގަތް، އޭނާ އަށް ފެނި ނުވަތަ ތަޖުރިބާކުރެވި، އޭގެ ތަސައްވުރު ހިތުގައި ހަރުކޮށްލެވިފައި ވުމުގެ މައްޗަށް ބިނާކޮށެވެ. މިސާލަކަށް، 'ފޮތެކޭ' ބުނުމުން އޭގެ މަފްހޫމު ނުވަތަ މާނަ ވިސްނެނީ ފޮތުގެ ހަގީގަތަކީ ކޮބައިކަން ކުރިން އެނގިފައި އަދި އޭގެ ތަސައްވުރު، އޭގެ ސިފަ، ހިތަށް ނެގި، ހިތުގައި ހަރުކޮށްލެވިފައި ވާތީ އެވެ. މީގެ އިތުރުން، އިންސާނާގެ ހިތަށް، ފަސޭހަ އިން ނަގައިގަނެ، އޭގެ ހަގީގަތް ދެނެގަނެވެނީ، އޭނާގެ އަމިއްލަ ވެށި ކަމުގައިވާ ތަބީއީ ދުނިޔެ (ފިޒިކަލް ވާރލްޑް)އާ ގުޅިފައިވާ ހިއްސީ (ކޮންކޮރީޓް) މަފްހޫމުތަކެވެ. ގަސްގަހާގެހި، މާމެލާމެލި، ޖަނަވާރާއި ދޫނިސޫފި ފަދަ މަފްހޫމުތަކެވެ.

މިފަދަ މަފްހޫމުތަކަކީ އިންސާނާގެ ހިއްސުތަކުގެ ޒަރީއާ އިން އޭގެ ހަގީގަތް ދެނެގަނެވި، އަދި އެހެންވެ، އޭނާގެ ހިތަށް އެއެއްޗެހީގެ ވާގިއު، ނަގައިގަނެވޭ އެއްޗިއްސެވެ. މިސާލަކަށް، ބަލި ޖައްސާ އެކިއެކި ޖަރާސީމުތަކުގެ ވާޤިއު، އަޅުގަނޑުމެންނަށް، ދެނެގަނެ ވެއެވެ. އެޖަރާސީމުތައް އުފެދޭ ގޮތާއި ބަލި ޖައްސާ ގޮތާއި އަދި އެއިން ދިފާއުވެވޭނޭ ގޮތް ވެސް، އެ ޖަރާސީމުތައް މުލާހަޒާކޮށް އިލްމީ ތަޖުރިބާތަކުގެ އަލީގައި، ދެނެގަނެވެ އެވެ. އެހެނީ އެ ޖަރާސީމުތަކަކީ އަޅުގަނޑުމެންގެ ތަބީއީ ދުނިޔޭގެ ދާއިރާގެ ތެރޭގައި ހިމެނޭ އަޅުގަނޑުމެންގެ ހިއްސުތަކުގެ ޒަރިއްޔާއިން އޭގެ ވާގިއު ދެނެގަނެވޭ އެއްޗަކަށް ވާތީ އެވެ.

ކީރިތި ޤުރްއާންގެ ޞަފްހާއެއް.

ކީރިތި ޤުރްއާންގެ ޞަފްހާއެއް.

ނަމަވެސް ތަބީއީ ދުނިޔެއިން ބޭރުގައިވާ މާވަރާއީ ދުނިޔެ (މެޓަފިޒިކަލް ވާރލްޑް)އާ ގުޅިފައިވާ މައުނަވީ (އެބްސްޓްރެކްޓް) މަފްހޫމުތަކުގެ ވާގިއު ދެނެގަތުމަކީ އިންސާނާގެ ސިކުނޑި އަށް ކުޅަދާނެވެގެންވާ ކަމެއް ނޫނެވެ. ކުރިންވެސް ނަންގަނެވުނު ފަދައިން މާތްﷲ، މަލާއިކަތުން، ސުވަރުގެ، ނަރަކަ، މިލަފުޒުތަކުން އިޝާރަތް ކުރެވޭ ވާގިއުގެ ހަގީގީ ތަސައްވުރު، އިންސާނީ ހިތަށް ގެނެސްގަތުމަށް އިންސާނާގެ ސިކުނޑި ކުޅެދިގެންނުވެ އެވެ.

ސަބަބަކީ މިއީ އިންސާނާގެ ތަޖުރިބާ އިން ބޭރުގައިވާ ކަންކަމަށްވާތީ އެވެ. އޭނާއަށް، މާތް ﷲ ނުވަތަ މަލާއިކަތް ބޭކަލުން، ފެނިފައެއްނުވެ އެވެ. އަދި ސުވަރުގެ އާއި ނަރަކަ ފެނި ތަޖުރިބާ ކުރެވިފައެއް ނެތެވެ. މިނަންގަތް ފަދަ އެއްޗިއްސާއި ކަންކަމަކީ އަޅުގަނޑުމެންގެ ތަބީއީ ދުނިޔޭގެ ކަންތައްތައް ފަދައިން ހޯދައި އޭގެ ހަގީގަތް އޮންނަ ގޮތް ދެނެގަނެވޭނޭ އެއްޗިއްސާއި ކަންކަމެއް ނޫނެވެ. މާތްﷲ ވޮޑިގެންވުމާއި، އުޚްރަވީ ހަޔާތާ ގުޅޭ ސުވަރުގެ އާއި ނަރަކަ އަކީ، ޖަރާސީމު ފަދަ ތަބީއީ ދުނިޔޭގެ ކަންތައްތައް ފަދައިން ބަލައި މުލާހަޒާ ކުރެވޭ އެއްޗިއްސާއި ކަންކަމެއް ނޫނެވެ.

އެހެންވެ، މިފަދަ އެއްޗިއްސާއި ކަންކަމީ އިލްމީ ތަޖުރިބާގެ އަލީގައި ސާބިތު ކޮށް ދެވޭނޭ ނޫނީ އޭގެ އަލީގައި އެއީ ބާތިލު ކަންތައްތަކެއް ކަމުގައި ކަނޑައަޅައިލެވޭނޭ ކަންކަމެއް ވެސް ނޫނެވެ. އެހެނީ، މިފަދަ ކަންކަމީ އިލްމީ ތަޖްރިބާތަކުގެ ދާއިރާ ކަމުގައިވާ ތަބީއީ ދުނިޔެ އިން ބޭރުގައި ހިމެނޭ މާވަރާއީ ދުނިޔެ (މެޓަފިޒިކަލް ވާރލްޑް) އާ ގުޅޭ ކަންކަމަށް ވާތީ އެވެ. އާދެ، 'ޣައިބު' މިލަފްޒުން އިޝާރަތް ކުރަނީ މާވަރާއީ ދުނިޔޭގައި ހިމެނޭ މިދެންނެވި ފަދަ އެއްޗިއްސާއި ކަންކަމުގެ ވާގިއު ތަކަށެވެ.

އަޅުގަނޑުމެން އިންސާނުންގެ ވާގިއު ގުޅިފައިވަނީ ހަމައެކަނި ތަބީއީ ދުނިޔެއާ ނޫންކަމާއި އަދި އަޅުގަނޑުމެންގެ ހިއްސުތަކުގެ ޒަރީއާ އިން ދެނެގަނެވޭނޭ ކަންތައްތަކާ ނޫންކަމާއި އަދި އަޅުގަނޑުމެންގެ ވާގިއު ފުރިހަމަވަނީ އެކަމުގައި މާވަރާއީ ދުނިޔެއާ ގުޅޭ ކަންތައްތަކެއް ވެސް ހިމެނިގެންކަން، ހިތުގެ އަޑިން ގަބޫލު ކުރެވިގެން މެނުވީ އިންސާނާއަކަށް، މާތްﷲ ވޮޑިގެންވާ ކަމާއި އަދި ހަޔާތުގެ ހަގީގީ މާނައެއް އޮތްކަން ދެނެއެއް ނުގަނެ ވެއެވެ.

ސޫރަތުލް ބަޤަރާގެ ފުރަތަމަ ފަސް އާޔަތް

ސޫރަތުލް ބަޤަރާގެ ފުރަތަމަ ފަސް އާޔަތް

މުއުމިނުންގެ ސިފަތަކުގެ ތެރޭގައި ޣައިބަށް އީމާންވުން ހިމަނާލެވިފައި ވުމުން ދޭހަވަނީ، ކީރިތި ޤުރްއާނުގައި ހުށަހަޅާލެވިފައިވާ އިލާހީ ތެދުމަގުގެ ފައިދާ ލިބިގަތުމަށްޓަކައި މިއީ މުހިއްމު ސިފައެއް ކަމެވެ. މިސިފަ ލިބިގެން ނުވާ މީހުންނަކަށް، ކީރިތި ޤުރްއާނުގައި ހުށަހަޅާލެވޭ އިލާހީ ހިދާޔަތުން ކުރާނޭ ފައިދާއެއް ނެތްކަމެވެ.

ތަޤުވާވެރިން ނުވަތަ މުއުމިނުންގެ ދެވަނަ ސިފަޔަކަށް ބަޔާންކުރެވިފައިވަނީ "وَيُقِيمُونَ الصَّلَاةَ" މިފަދައިންނެވެ. އެމީހުންނަކީ ނަމާދު ޤާއިމު ކުރާބައެއްކަމުގައެވެ. الصلاة، ނަމާދުން މިތަނުގައި އިޝާރަތް ކުރެވެނީ، މުސްލިމުންގެ އެއްމެ އިސް ދީނީ ޝިޢާރު ކަމުގައިވާ ފަރުޟު ފަސް ނަމާދަށެވެ. ނަމާދު ޤާއިމު ކުރުމަކީ، ފަރްޟު ފަސް ނަމާދު ދާއިމީ ސިފައެއްގައި ކުރުމެވެ.

ކޮންމެ ދުވަހަކުމެ، ނަމާދު ކުރުމަށް ކަނޑައެޅިފައިވަ ވަގުތުތަކުގައި، ނަމާދު ކުރަން އަންގަވާފައިވާ ސިފައިގައި ނަމާދު ކުރުމަށެވެ. އެއީ، ނަމާދުގެ ސޫރަ، ނަމާދުގެ ހަރަކާތްތަކާއި ކިޔުންތައް، އެކަން އޮންނަ ގޮތުގައި ފުރިހަމަ ކުރުމެވެ. ނަމާދުގެ ޤިޔާމު އާއި ރުކޫޢު އާއި އިއުތިދާލު އާއި ސަޖިދަ އާއި ދެސަޖިދަ މެދު އިނުމާއި ފުރަތަމަ އައްތަހިޔާތާއި ފަހު އައްތަހިއްޔާތާއި ސަލާމް ދިނުމާއި އަދި މި މަގާމުތަކުގައި ކިޔަން ޖެހޭ ދުއާތަކާއި ތަސްބީހަތައް އެކަންކަން ކުރަން އޮންނަ ގޮތަށް ކުރުމެވެ.

މީގެ އިތުރުން، ނަމާދުން ގަސްދުކުރެވޭ މަގުސަދު ހާސިލު ކުރުމަށް މަސައްކަތް ކުރުމެވެ. ނަމާދަކީ، ހަމަ އެކަނި އޭގެ ޒާތަށްޓަކައި ކުރެވޭ ކަމަކަށް ނުހެދުމެވެ. ކީރތި ޤުރްއާނުގައި ބަޔާން ކުރެވިފައިވާ ފަދައިން، ނަމާދުގެ މައިގަނޑު މަގުސަދަކީ، ނަމާދު މެދުވެރިކޮށް މާތްﷲ މަތިން ހަނދުމަކޮށް ތިމާ ހެޔަލަފާ މީހަކަށް ވުމަށްޓަކައި މަސައްކަތް ކުރުމެވެ. އާދެ، ނަމާދު ޤާއިމު ކުރުމަކީ މިއެވެ. ތަޤުވާވެރި މުއުމިނުންނަކީ މިފަދައިން ނަމާދު ކުރުން މަތީ ދެމި ތިބޭ ބައެކެވެ.

ތަޤުވާވެރިންގެ ތިންވަނަ ސިފައަކަށް ބަޔާން ކުރެވިފައިވަނީ މިފަދައިންނެވެ. "وَمِمَّا رَزَقْنَاهُمْ يُنفِقُونَ" "އެމީހުންނަކީ، ތިމަން ރަސްކަލާނގެ އެމީހުންނަށް ދެއްވި ރިޒްޤުން، ހޭދަކުރާ މީހުންނެވެ." ރިޒުޤުގެ ލަފްޒީ މާނައަކީ އިންސާނާ ދިރިދެމި ހުރުމަށް ބޭނުންވާ އެއްޗިއްސެވެ. ކެއުމާއި ބުއިމަށް ބޭނުން ކުރާ އެއްޗިއްސެވެ. މި އެއްޗެހި ހޯދުމަށް ބޭނުންވާ ފައިސާ އާއި މުދަލެވެ. އަދި، އެ މުދަލާއި ފައިސާ ހޯދުމަށް ކުރަން ޖެހޭ މަސައްކަތެވެ. އަދި އެ މަސައްކަތް ކުރުމަށް ބޭނުންވާ ކުޅެދުމާއި ހުނަރެވެ.

.

.

މިހުރިހާ ކަމެއް ވެސް ރިޒުގުގެ މަފްހޫމުގެ ތެރޭގައި ހިމެނެ އެވެ. މުއުމިނުންގެ ސިފަތަކުގެ ތެރޭގައި މާތްﷲ އެ މީހުންނަށް ދެއްވި ރިޒުގުން އެހެން މީހުންގެ ފައިދާ އަށް ޓަކައި ހޭދަކުރުން ހިމެނެ އެވެ. އޭގެ މާނައަކީ އެމީހުންނަށް ލިބިފައިވާ މުދަލުންނާއި ފައިސާ އިން އެހެން މީހުންނަށްޓަކައި ހޭދަ ކުރުމުވެ. އަދި، އެ މީހުންނަށް ލިބިފައިވާ ކުޅެދުމަކާއި ހުނަރެއް ބޭނުން ކޮށްގެން އެހެން މީހުންނަށް އެހީތެރިވެ ޚިދުމަތްކޮށް ދިނުމެވެ. މިސާލަކަށް، ހިލޭ ސާބަހަށް، މަސައްކަތެއް ކޮށްލަދިނުން ނުވަތަ ޚިދުމަތެއް ފޯރުކޮށްލަ ދިނުން ނުވަތަ އެއްޗެއް އުނގަންނައިލަ ދިނުން، މިއީ ވެސް އެމީހަކަށް ލިބިފައިވި ރިޒްޤުން ހޭދަކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އާދެ، މުއުމިނުންގެ ސިފަތަކުގެ ތެރޭގައި، އެމީހުންގެ މުދަލުންނާއި ފައިސާ އިން، އަދި އެމީހުންނަށް ލިބިފައިވާ ކުޅެދުމަކާއި ހުނަރު ބޭނުންކޮށްގެން، އެހެން މީހުންނަށް އެހީތެރިވެ ޚިދުމަތްކޮށް ދިނުން ހިމެނެ އެވެ.

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.