Roadha Mihaaru
ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 8

ކޮލަމް ކޯދު: ބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 8

01 ޑިސެމްބަރ 2016

(ނޮވެމްބަރު 24، 2016ގެ އަދަދާ ގުޅޭ)

(ނޮވެމްބަރު 24، 2016ގެ އަދަދާ ގުޅޭ)

ހަތަރުވަނަ އާޔަތުގައި މުއުމިނުންގެ އިތުރު ސިފަތައް ބަޔާން ކުރެވިފައި ވެއެވެ. والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون، އަދި އެމީހުންނަކީ ކަލޭގެ ފާނުގެ މައްޗަށް ބާވާލެއްވުނު އެއްޗަކަށާއި އަދި ކަލޭގެފާނުގެ ކުރިން ބާވާލެއްވުނު އެއްޗިއްސައްވެސް އީމާންވާ މީހުންނެވެ، އަދި އެމީހުން، އާޚިރަތް ދުވަސް އަންނާނޭ ކަމާއި މެދު ޔަގީން ކުރެއެވެ، މިއާޔަތުގަ އެވެ.

މި އާޔަތުގައި ފުރަތަމަ އަށް ބަޔާން ކުރެވިފައިވަނީ މުއުމިނުންނަކީ މާތްﷲ ބާވާލެއްވި ފޮތްތަކަށް އީމާންވާ މީހުން ކަމެވެ. މިގޮތުން، އެންމެ ފުރަތަމަ އެމީހުން ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ މުހައްމަދުގެފާނުގެ މައްޗަށް ބާވާލެއްވުނު ފޮތް ކަމުގައިވާ ކީރިތި ޤުރުއާނަށް އީމާން ވެ އެވެ. މީގެ މާނައަކީ، އެފޮތަކީ މާތްﷲ ބާވައިލެއްވި ފޮތެއްކަން ހިތުގެ އަޑިން ގަބޫލު ކުރުމެވެ. އަދި އެ ފޮތުގައިވާ ވާހަކަތައް އެއީ ތެދު ވާހަކަތަކެއް ކަމުގައި ވެސް ގަބޫލު ކުރުމެވެ. އަދި މިގަބޫލު ކުރުން މުއުމިނުންގެ ކިބައިން ފެނިގެން ދެއެވެ. އެމީހުނަކީ، އެފޮތުގައި އެންގަވާފައިވާ ގޮތުގެ މަތީން، އެމީހުންގެ އަމަލުތައް، ބެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ބައެކެވެ.

މި އަށް ފަހު، ދެން އޮތީ އެމީހުންނަކީ މުހައްމަދުގެފާނުގެ ކުރީގެ ނަބީބޭކަލުންގެ މައްޗަށް ބާވައިލެއްވުނު ފޮތްތަކަށް ވެސް އީމާންވާ ބައެއް ކަމުގަ އެވެ. ސަލާމްލެއްވި އިބްރާހީމްގެފާނަށް ދެއްވުނު ސުހުފުތަކަށާއި – ފަތްފުށްތަކަށާއި -، ސަލާމްލެއްވި މޫސާގެފާނަށް ބާވައިލެއްވުނު ތައުރާތަށާއި ސަލާމްލެއްވި ދާއޫދުގެފާނަށް ބާވާލެއްވުނު ޒަބޫރަށާއި އަދި ސަލާމްލެއްވި އީސާގެފާނަށް ބާވައިލެއްވުނު އިންޖީލަށް ވެސް 'އީމާންވާ' މީހުންނެވެ. މި ފޮތްތަކަށް އީމާންވުމުގެ މާނައަކީ، އެ ފޮތްތަކަކީ ވެސް އިލާހީ ފޮތްތަކެއް ކަމުގައި ޤަބޫލު ކުރުމެވެ.

ކީރިތި ޤުރްއާން ފަދައިން، އެފޮތްތަކުގެ އަސްލު ވެސް ބާވައިލެއްވީ މާތްﷲ ކަން ޤަބޫލު ކުރުމެވެ. މިއަދު، އަޅުގަނޑުމެންގެ އަތުގައި މިއިން އެއްވެސް ފޮތެއްގެ އަސްލެއް ނެތެވެ. އެހެންވެ، މިފޮތްތަކުގައިވާ ތަފްސީލީ ވާހަކަތަކަށް އީމާންވުން އެމީހުންގެ މައްޗަކަށް ލާޒިމުވެގެން ނުވެ އެވެ. އެފޮތްތަކުގެ ތަފްސީލީ ވާހަކަތަކަށް ބަލައިލާ އިރު، އޭގައި ހިމެނޭ، ކީރިތި ޤުރްއާނާއި ތައާރުޟުނުވާ އާދެ، ފުށުނާރާ ވާހަކަތައް މުއުމިނުން ގަބޫލުކުރެ އެވެ.

އިލާހީ ފޮތްތަކަށް އީމާންވުން ރަމްޒުކޮށް ދެނީ އިލާހީ ހިދާޔަތަކީ މަގުދެއްކުމަކީ ކީރިތި ޤުރްއާނާ ހިސާބުން ފެށުނު ކަމެއް ނޫން ކަމެވެ. ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށީއްސުރެން ވެސް މާތްﷲ މީސްތަކުންނަށް ހިދާޔަތު ދައްކަވަމުން ގެންދެވި ކަމެވެ. އިންސާނީ ތާރީޚުގައި މީސްތަކުންގެ އަޚުލާގީ ހާލަތު އޮތް ގޮތުގެ މައްޗަށް ބަލައި، އެފަދަ ހިދާޔަތަކަށް ބޭނުންވެފައި ވި ވަގުތުތަކުގަ އެވެ. މީގެ މިސާލުތައް ކީރިތި ޤުރްއާނުގެ އެކިއެކި ސޫރަތްތަކުގައި ބަޔާން ކުރެވިފައި ވެއެވެ. މީގެ ތަފްސީލު އެއާޔަތްތަކުގެ ތަފްސީރު ލިޔެވޭއިރު އިރާދަކުރެއްވިއްޔާ ގެނެސް ދެވޭނެ އެވެ.

ސޫރަތުލް ބަޤަރާގެ ފެށޭ ކޮޅުގެ އާޔަތްތައް

ސޫރަތުލް ބަޤަރާގެ ފެށޭ ކޮޅުގެ އާޔަތްތައް

މުއުމިނުންނަކީ އިލާހީ ފޮތްތަކަށް އީމާންވާ ބައެއްކަން ބަޔާންކޮށް ދިނުމަށް ފަހު، ދެން އޮތީ އެމީހުންނަކީ އާޚިރަތް ދުވަހަށް އީމާންވާ ބައެއް ކަމުގަ އެވެ. އާޚިރަތް ދުވަސް އަންނާނޭކަމާ މެދު ކުޑަ ވެސް ޝައްކުކަމެއް ނެތި ކަށަވަރުކޮށް ޔަގީންކޮށް ހިތުގެ އަޑިން އެކަން ގަބޫލު ކުރާ ބައެއް ކަމުގަ އެވެ. މީގެ މާނައަކީ، އެމީހުން ޔަގީން ކުރާ ގޮތުގައި މާތްﷲ ފިޔަވައި ކައުނާއި ކާއިނާތުތައް ދުނިޔެއާއި ދުނިޔޭގައި ލެއްވިގެންވާ ހުރިހާ އެއްޗެއް ނެތިކުރައްވާނޭ ދުވަހެއް އަންނާނެ އެވެ. ހުރިހާ މަޚްލޫގުންމެ މަރުވެ، ނެތިގޮސް، އަޅުގަނޑުމެން މިދަންނަ ހަޔާތާއި ވުޖޫދަށް ނިމުން އައިސް މި ވުޖޫދު ނެތި ދާނޭ ދުވަހެއް އަންނާނެ އެވެ.

އެއަށްފަހު، އާ 'ދުނިޔެ'އެއް 'އާ ވުޖޫދެއް' އުފައްދަވައި މީސްތަކުން އަލުން ދިރުއްވާނެ އެވެ. ދެން މީސްތަކުން މާތްﷲގެ ހަޟްރަތުގައި މަހްޝަރުކޮށް އެއްކުރެވި ހާޒިރު ކުރެވޭނެ އެވެ. އަދި އެއަށްފަހު ދުނިޔޭގައި އެމީހުންގެ އަމަލުތައް ހުރި ނެތް ގޮތުގެ މައްޗަށް ބިނާކޮށް ހިސާބު ބެއްލެވޭނޭ އެވެ. ދެން، އެމީހުންނަށް ހައްގުވާ ޖަޒާއެއް ދެވޭނޭ އެވެ. ސުވަރުގެވަންތަވެރިންނަށް ސުވަރުގޭގެ ނިއުމަތެވެ. ނަރަކަ ހައްގުވާ މީހުންނަށް ނަރަކައިގެ އަޒާބެވެ. މުއުމިނުންނަކީ މިކަންކަން، ހިތުގައި އެއްވެސް ޝައްކަކާއި ނުލައި ކަށަވަރުކޮށް ގަބޫލު ކުރާ ބައެކެވެ.

އާޚިރަތް ދުވަހުގެ ވާހަކަ ކީރިތި ޤުރްއާނުގެ އެކިއެކި ސޫރަތްތަކުގައި އައިސްފައިވެ އެވެ. ޚާއްސަ ގޮތެއްގައި މައްކީ ސޫރަތްތަކުގަ އެވެ. ކީރިތި ޤުރްއާނުގައި އާޚިރަތުގެ ވާހަކަ ގިނަގިނަ އިން އައިސްފައިވަނީ އެއީ، އިންސާނާގެ އަޚުލާގައި ސުލޫކަށް ހެޔޮ ބަދަލެއް ގެނުވައިދޭ ބާރަކަށް ވާތީއެވެ. މިކަން އަލްމާޢޫނު ސޫރަތުން ފެނިގެން ދެއެވެ.

މައްކާގެ މުޝްރިކުންނަށް ނިސްބަތްކޮށް، އެމީހުން އާޚިރަތް ދުވަސް ގަބޫލު ކުރަން ބޭނުން ނުވާ ސަބަބު، މި ސޫރަތުގައި ބަޔާން ކުރެވިފައިވާ ބަޔާން ކުރުމުންނެވެ. أرأيت الذي يكذب بالدين، فذلك الذي يدع اليتيم ولا يحض على طعام المسكين. "ކަލޭގެފާނު، އެބަހީ، މުހައްމަދުގެ ފާނު، ޖަޒާ ދިނުމުގެ ދުވަސް (އެބަހީ، އާޚިރަތް ދުވަސް) އަންނާނޭކަމާ މެދު އިންކާރު ކުރާ މީހާގެ (ވާހަކަ) ދެނެވަޑައިގެން ހުންނެވީމުތޯ އެވެ؟ އޭނާ އަކީ، ފަހެ ޔަތީމު ކުދީންނަށް (އަޅާނުލާ) ދުރަށްލާ މީހާ އެވެ. އަދި ނިކަމެތިންނަށް އަޅާލުމާއި ކާއެއްޗެއް ފޯރުކޮށްލަ ދިނުމަށް (އެހެން މީހުންނަށް ވެސް) ބާރު ނާޅާ މީހާ އެވެ."

މިއާޔަތުން ދޭހަވަނީ އާޚިރަތް ދުވަސް އަންނާނޭކަމާ މެދު އިންކާރު ކުރަނީ، ބުއްދީގެ ހަމަތަކުން ބަލައި، އެއީ މުސްތަހީލު ކަމަކަށް ދެކިގެން ނޫން ކަމެވެ. ނަމަވެސް، އާޚިރަތް ދުވަހާ ދޭތެރޭ ފިކުރުކޮށް އެދުވަސް އަންނާނޭކަން ގަބޫލުކޮށް ބަލައިގެންފި ނަމަ، ތިމާގެ އަމިއްލަ އަޚުލާގާއި ސުލޫކަށް ބަދަލު ގެންނަން ޖެހޭނެ ތީއެވެ. ތިމާގެ ދަހިވެތިކަމާއި އަމިއްލައެދުން ތިމާގެ އަނާނިއްޔަތުކަމާއި މަށަށްމަށަށް ކަން ހައްދުފަހަނަ އަޅާ ދިޔަނުދީ ވަކި ހުދޫދެއްގެ މިންގަނޑެއްގެ ތެރޭގައި ބަހައްޓަން ޖެހޭނެތީ އެވެ. ތިމާގެ އިޖުތިމާއީ މަސްއޫލިއްޔަތެއް ވާކަމާއި، އެކަން ނިޔާކުރާ ގޮތުން އެހެން މީހުންނަށް ވެސް، ތިމާ ކެރިކުޅަދާނަ ވީވަރަކުން، އަޅާލަން ޖެހޭކަން ގަބޫލު ކުރަން ޖެހޭތީ އެވެ.

ކީރީތި ޤުރްއާނުގައި އާޚިރަތް ދުވަހަކީ ކޮންމެހެން އަންނަން ޖެހޭނޭ އަދި އޮތުން ޒަރޫރީ ދުވަހެއްކަމުގައި ވެސް، ބަޔާން ކުރެވިފައި ވެ އެވެ. އެބަޔާން ކޮށްދިނުމުގެ ޚުލާސާ މިތަނުގައި ލިޔެލާނަމެވެ. އާޚިރަތް ދުވަހަކީ ކޮންމެހެން އަންނަން ޖެހޭ ދުވަހެއްކަމުގައި ބަޔާން ކޮށްދިނުމުގެ ގޮތުން ތިން ސަބަބެއް ކީރިތި ޤުރްއާނުގައި ހުށަހަޅާލެވިފައި ވެއެވެ. އެންމެ ފުރަތަމަ އާޚިރަތް ދުވަހެއް ނެތް ނަމަ ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި، މިފަދަ އަގުތަކަކީ މާނައެއް ހުރި އެއްޗިއްސަކަށް ނުވާކަން ފާހަގަކޮށް ދީފައި ވެއެވެ.

މިކަމަށް އިޝާރަތްކޮށް، އައްޞާއްފާތު ސޫރަތުގެ 21 ވަނަ އާޔަތުގައި އާޚިރަތް ދުވަހަކީ ރަނގަޅާއި ނުރަނގަޅާ ދެމެދު ފައިސަލާ ކުރުމުގެ ދުވަސް ކަމުގައި ސިފަކުރެވިފައި ވެ އެވެ. "މިއަދަކީ (އާޚިރަތް ދުވަހަކީ) ފައިސަލާކޮށް ނިޔާ އިއްވުމުގެ ދުވަހެވެ" ރަނގަޅު ގޮތަކީ ކޮބައި ކަމާއި ނުރަނގަޅު ގޮތަކީ ކޮބައިކަން ވަކިކޮށް، ކަނޑައަޅައި އެމީހެއްގެ ހައްގު ޖަޒާ ނޫނީ ސަޒާ އެމީހަކަށް ދެވޭ ދުވަހެވެ. ދުނިޔޭގައި، ތެދުވެރިކަމާއި އަމާނާތްތެރިކަން މަތީގައި، އަދި ހެޔޮ އަމަލު ކުރުމުގައި އޭނާގެ ހަޔާތް ވޭތުކޮށްލާ ހެޔޮލަފާ ސޯލިހު މީހާ އާއި ވައްކަމާއި ފޭރުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ކުރުމުގައި އޭނާގެ ހަޔާތް ވޭތުކޮށްލާ މުޖުރިމާއި ތަފާތެއް ނެތެވެ. މަރުވެ ދިޔުމުން ދެމީހުންގެ ކަންތައްތައް ވެސް ނިމުނީ އެވެ. ކީރިތި ޤުރްއާނުގައި ބަޔާން ކުރަނީ މިއީ ބުއްދި ގަބޫލު ކުރާކަމެއް ނޫން ކަމެވެ.

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތް

ކީރިތި ޤުރްއާނުގެ ބަޤަރާ ސޫރަތުގެ ފުރަތަމަ ފަސް އާޔަތް

ދެވަނަ ސަބަބަކަށް ބަޔާން ކުރެވިފައިވަނީ އާޚިރަތް ދުވަހެއް ނެތް ނަމަ، ހަމަހަމަ ކަމާއި އަދާލަތު ގެއްލި އެތައް ބަޔެއްގެ ހައްގުތައް ގެއްލިގެން ދިޔުމެވެ. ކީރިތި ޤުރްއާނުގެ ސަބައު ސޫރަތުގެ 25 ވަނަ އާޔަތާއި އަދި 26 ވަނަ އާޔަތް ބައްލަވާލައްވާށެވެ. "ކަލޭގެފާނު (މުހައްމަދުގެފާނު، މައްކާގެ މުޝްރިކުންނާ މުޚާތަބުކޮށް ވިދާޅުވާށެވެ!) ތިމަންބައިމީހުން ކުރި ކުށަކާ މެދު ކަލޭމެން މަސްއޫލުވާކަށް ނުޖެހޭނެ އެވެ. އަދި ކަލޭމެން އަމަލު ކުރަމުންގެންދާ ގޮތާ ބެހޭ ގޮތުން ތިމަންބައިމީހުން މަސްއޫލުވާކަށް ނުޖެހޭނެ އެވެ. ކަލޭގެފާނު (އަދިވެސް، އެމީހުންނަށް) ވިދާޅުވާށެވެ. ތިމަންމެންގެ ސާހިބުވަންތަ ރަސްކަލާނގެ ތިމަންމެން ހުރިހާ އެންމެން އެއްކުރައްވައި އެއްތަން ކުރައްވާ ނެތެވެ. ދެން، އެއަށްފަހު، ތިމަންމެންގެ މެދުގައި ހައްގާއި އެއްގޮތަށް (ނިޔާ އިއްވަވައި) ހުކުމް ކުރައްވާނެތެވެ. އެކަލާނގެއީ އެންމެ އަދުލުވެރިގޮތުގައި ހުކުމް ކުރައްވާ އަދި ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ."

އާދެ، މި ދެ އާޔަތުން ދޭހަވަނީ ކޮންމެ މީހަކުވެސް، ދުނިޔޭގައި އެމީހަކު ކުރިކަމަކާ މެދު ސުއާލު ކުރެވޭނޭ ކަމެވެ. އޭނާގެ އަމަލުތަކާއި މެދު މަސްއޫލުވާން ޖެހޭނޭ ކަމެވެ.

ދުނިޔޭގައި ހިނގާ އެކިއެކި ޖަރީމާތަކަށް ނިކަން ނަޒަރު ހިންގާ ލައްވައި ވިސްނާލަ ބައްލަވާށެވެ. ބައެއް މީސްމީހުން ދުނިޔޭގައި ގަތުލް އާއްމު ފަދަ ބޮޑެތި ބޮޑެތި ޖަރީމާތައް ހިންގަ އެވެ. މިސާލަކަށް ހިޓްލަރު، ސްޓެލިން އަދި ޕޮލްޕޮޓް ފަދަ މީސްމީހުންނެވެ. އަދި ބައެއް މީހުން އެމީހުންގެ މުޅި ހަޔާތް މީހުން މެރުމުގައި އެބަ ހޭދަކޮށްލަ އެވެ. މިސާލަކަށް ޖަނަވާރުގެ ނަމުން މަޝްހޫރު ވެފައިވާ ކޮލަމްބިޔާގެ ލުއީސް ގަރަވީތޯ، ރަޝިޔާގެ އަންޑްރެއި ޗިކަޓިލްކޯ އެމެރިކާގެ ޓެޑް ބަންޑީ، ޗައިނާގެ ޔޭން ޒިންގްހައި އިންޑޮނީޝިޔާގެ އަހުމަދު ސުރާޖީ އަދި އެމެރިކާގެ ރިޗާޑް ކުކްކިލިންސްކީ ފަދަ ގާތިލުންނެވެ.

މީގެ ތެރެއިން ބައެއް މީހުން ސަތޭކައަށް ވުރެ ގިނަ މީހުން މެރި އެވެ. މިސާލަކަށް، ރިޗާޑް ކުކްކިލިންސްކީ، 1986ގައި އޭނާ ހައްޔަރު ކުރެވުމަށް ދާންދެން އޭނާގެ ރަސްމީ މަސައްކަތަކީ މީހުން މެރުން ކަމުގައި ބަލައި، އޭނާގެ އަމިއްލަ އިއުތިރާފުން އެނގޭ ގޮތުގައި ސަތޭކަ އަށް ވުރެ ގިނަ މީހުން މަރާފައި ވެއެވެ. (މީނާގެ ހަޔާތުގެ ވާހަކަ 'ދަ އައިސް މޭން' މިފޮތުގައި ބަޔާން ކުރެވިފައި ވެއެވެ. އަދި އޭނާއާ ކުރެވުނު ބައެއް ބަސްދީގަތުން ޓީވީގެ ޒަރިއްޔާ އިން ދެއްކުނެވެ. އަދި މި ބަސްދީގަތުމުގެ ރެކޯޑު ކުރުންތައް ޔޫޓިއުބުން މިއަދުވެސް ފެންނަން އެބައޮތެވެ. 'ދަ އައިސް މޭން ޓޭޕްސް' ބައްލަވާލައްވާށެވެ.)

(ނުނިމޭ)

އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.