Roadha Mihaaru
ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އަވަހާރަވެއްޖެ

ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ އަވަހާރަވެއްޖެ

23 ފެބުރުއަރީ 2023

ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މެލޭޝިއާގައި މިރޭ އަވަހާރަވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މެލޭޝިއާގައި މިރޭ އަވަހާރަވެއްޖެ އެވެ.

އުމުރުން 55 އަހަރުގައި އޭނާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅުގައި އުޅުއްވާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އާލާސްކަންފުޅާ އުޅުއްވާތީ ރާއްޖެ އިން ބޭރުގައި އުޅުއްވާތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމްގެ މެމްބަރު ރިޒާ ވަނީ މެއި 28، 2009 އިން ފެށިގެން އަވަހާރަވުމާ ހަމައަށް ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވައިފަ އެވެ.

އޭނާއަކީ ރާއްޖޭގެ ދެވަނަ ސިޔާސީ ޕާޓީ ޑީއާރުޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ހޮވާ މެންބަރެއްގެ ގޮތުގައި ވެސް އިންނެވި އެވެ. އެ ކޮމިޝަންގެ ނައިބު ރައީސްކަން ވެސް ރިޒާ ކުރެއްވި އެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ ރިޒާ އަކީ އެ ދާއިރާއިން ވަރަށް ގިނަ މަސައްކަތްތައް ކުރައްވާފައިވާ ބޭފުޅެކެވެ.

ރިޒާ އަވަހާރަވިއިރު، އަނބިކަނބަލުންނާއި ހަތަރު އަންހެން ކުދިން ދުނިޔޭގައި އެބަތިއްބެވި އެވެ.