Roadha Mihaaru
ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް

ޕޫނަމް މަރުވި ކަމަށް ބުނެ އޮޅުވާލުމުން އާންމުން ރަތަށް

04 ފެބުރުއަރީ 2024

އިންޑިއާގެ ޒުވާން މޮޑެލް ޕޫނަމް ޕާންޑޭ ކެންސަރު ބަލީގައި މަރުވި ކަމަށް ބުނެ އޮޅުވާލުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

އިންޑިއާގެ ޒުވާން މޮޑެލް ޕޫނަމް ޕާންޑޭ ކެންސަރު ބަލީގައި މަރުވި ކަމަށް ބުނެ އޮޅުވާލުމުން ގިނަ ބައެއްގެ ފާޑުކިޔުން އޭނާ އަށް އަމާޒުވެއްޖެ އެވެ.

އުމުރުން 32 އަހަރު ޕޫނަމް، ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް ފަރުވާ ހޯދަމުން އަންނަނިކޮށް މަރުވި ކަމަށް އޭނާގެ މެނޭޖަރު އިއުލާންކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭގެ ތިން ދުވަސް ފަހުން އިއްޔެ ޕޫނަމް އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާ މަރުނުވާ ކަމަށް ބުނެފަ އެވެ.

އޭނާ ބުނި ގޮތުގައި، އެއީ ރަހިމުގެ ދޮރަށް ޖެހޭ ކެންސަރަށް އާންމުން ހޭލުންތެރިކުރުމުގެ ގޮތުން ހިންގި ކެމްޕެއިނަކަށް ކުރި ކަމެކެވެ.

ނަމަވެސް، އޭނާގެ މި ސްޓަންޓް އާންމުންނަށް ކަމަކުނުދިޔަ އެވެ.

މަރަކީ ޖޯކެއްގެ ގޮތުގައި ހަދައިގެން މި ކަހަލަ ކެމްޕެއިންތައް ނުކުރަން އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ގޮވާލައިފަ އެވެ. ކެންސަރު ބަލީގައި ކޮންމެ ދުވަހަކު އެތައް ބަޔަކު ދުނިޔެ ދޫކުރާއިރު، މިއީ މި ހިތްދަތިކަން ތަޖުރިބާކުރަން ޖެހޭ އާއިލާތަކަށް މަލާމާތެއް ކުރުން ކަހަލަ ކަމެއް ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.

ޕޫނަމްގެ މި ސްޓަންޓާ ގުޅިގެން ބޮލީވުޑްގެ ބައެއް ތަރިން ވެސް ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ކަންނަގާ ރަނާވަތު އާއި މަންދީރާ ބޭޑީ އާއި ބިޕާޝާ ބާސޫ އަދި އެކްތާ ކަޕޫރް ވެސް ހިމެނެ އެވެ.

ބައެއް މީހުން ވަނީ ޕޫނަމް ބޮއިކްޓްކުރަން ވެސް ގޮވާލައިފަ އެވެ.

އޭނާ އަކީ އަބަދުވެސް މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފަށް މި ކަހަލަ ޕަބްލިސިޓީ ސްޓަންޓުތައް ޖައްސާ މީހެއް ކަމަށް ރިޕޯޓްތައް ބުންޏެވެ.

ޕޫނަމް މޮޑެލިންގެ ދާއިރާއަށް ނުކުތީ 2010 ވަނަ އަހަރު އެވެ. އަދި 2013 ވަނަ އަހަރު އޭނާ ވަނީ "ނަޝާ" ކިޔާ ފިލްމަކުން ބޮލީވުޑަށް ތައާރަފުވެފަ އެވެ. ނަމަވެސް، ފިލްމީ ދާއިރާގައި އޭނާއަށް މާ ބޮޑު ކުރިއެރުމެއް ނުލިބުނެވެ.