Roadha Mihaaru
ކެންސަރުގައި ޑރ. ރަމްޝާގެ އާދަޔާ ހިލާފު ހިތްވަރު

ކެންސަރުގައި ޑރ. ރަމްޝާގެ އާދަޔާ ހިލާފު ހިތްވަރު

04 މެއި 2024

ކެންސަރުގައި މަންމަ އުފުލި ވޭން އެންމެ ރަނގަޅަށް ކައިރިން ފެނުނު އެކަކަކީ ދޮށީ އަންހެން ދަރިފުޅު އާމިނަތު ރަމްޝާ އެވެ. ފަރުވާގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބަލީގައި 2013 ވަނަ އަހަރު މަންމަ ދުނިޔެ ދޫކޮށް ދިއުމާ ހަމައަށް ވެސް، އެންމެ ކައިރީގައި ހުންނެވީ ރަމްޝާ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކެންސަރުގައި މަންމަ އުފުލި ވޭން އެންމެ ރަނގަޅަށް ކައިރިން ފެނުނު އެކަކަކީ ދޮށީ އަންހެން ދަރިފުޅު އާމިނަތު ރަމްޝާ އެވެ. ފަރުވާގެ ފުރަތަމަ ދުވަހުން ފެށިގެން އެ ބަލީގައި 2013 ވަނަ އަހަރު މަންމަ ދުނިޔެ ދޫކޮށް ދިއުމާ ހަމައަށް ވެސް، އެންމެ ކައިރީގައި ހުންނެވީ ރަމްޝާ އެވެ.

ކުޅިވަރުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުނު ރަމްޝާ، 42، އަކީ އެންމެ ކުޑައިރުއްސުރެ ވެސް ޑޮކްޓަރަކަށް ވުމުގެ ހުވަފެން ދުށް ބޭފުޅެއް ކަމަށެވެ. އެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖެހުނީ ޕާކިސްތާނުގެ ބަކާއި މެޑިކަލް ޔުނިވާސިޓީން 2009 ވަނަ އަހަރު ރަމްޝާ ގްރެޖުއޭޓުވުމާއެކުގަ އެވެ.

ނަމަވެސް، ކަރުން މަތީގެ ޑޮކްޓަރަކަށް ހާއްސަވުމަށް ބެންކޮކްގައި ކިޔަވަމުން ދަނިކޮށް އޯވަރީ ކެންސަރުގެ ތިން ވަނަ ސްޓޭޖުގައިކަން ހުރިކަން އެނގުނެވެ. އެ އުނދަގޫ ހާލަތުގައި ވެސް ސްޕެޝަލިސްޓު ޑޮކްޓަރަކަށް ވެ، 2020 ވަނަ އަހަރު ގްރެޖުއޭޓްވި އެވެ.

އެ އާއިލާއިން ވާހަކަދެއްކި މީހަކު ބުނީ ރަމްޝާއަކީ ކިތައްމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވިއަސް ކުރަން ބޭނުންވާ ކަމެއް ހާސިލްކުރައްވާނެ ބޭފުޅެކެވެ. އެމްބީބީއެސް އަދި ސްޕެޝަލައިޒޭޝަނުގައި ހެދުމަށް އޭނާ އެ ކުރެއްވި މަސައްކަތަކީ އެއް ހެއްކެވެ. އަބަދު ވެސް ބޭނުންވީ އެހެން މީހުންގެ ވޭނަށް ލުއެއް ގެނެސްދޭށެވެ.

"ރަމްޝާއަކީ ޗެލެންޖުތައް، އެ އަންނަ ކަމަކަށް ނުބަލާ އެ ކަމެއް އޭނާ ކުރާނީ. ވަރަށް ޗެލެންޖިންކޮށް ޖާނީ ފެށުނީ. ޕާކިސްތާނުގައި އެމްބީބީއެސް ހެދި ދުވަސްވަރަކީ އުނދަގޫ ދުވަސްވަރެއް. ކިޔަވަމުން އެހެން ކަންތައްތަކާ އެކު ވެސް އުޅެމުން އެކަން ކުރީ." އާއިލާއިން ބުންޏެވެ.

ރަމްޝާ، ކެންސަރު ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާއާއެކު.

ރަމްޝާ، ކެންސަރު ސޮސައިޓީގެ ޗެއާޕާސަން ޖުވޭރިޔާއާއެކު.

"ވަރަށް ފެމިލީ ވާނެ، ވަރަށް ކޮންސާން ގިނަ ވާނެ މީހެއްގެ ކަމެއްގައި." އޭނާ ބުންޏެވެ.

އާއިލާއިން ބުނީ ބަލީގައި ހަތަރު އަހަރު އުޅުއްވި އިރު ވެސް ގައިގައި އެޅި ވޭންތަކަށް ދުވަހަކު ވެސް ޝަކުވާއެއް އަދި އެންމެ ކުޑަމިނުން ތަދުވާ ވާހަކައެއް ވެސް ވިދާޅު ނުވާ ކަމަށެވެ. ކޮވިޑާއެކު ދުނިޔެ ބަންދުކޮށްފައި އޮތް ދުވަސްވަރު އާއްމުންގެ މެދުގައި މަގުބޫލުވި ކްލަބްހައުސްގައި ކެންސަރަށް އާއްމުން ހޭލުންތެރިކުރުވަން އެތައް މަސައްކަތެއް އަދި ބައްޔަށް ފަރުވާ ވެސް ހޯއްދަވަމުން، އެހެން މީހުންނަށް ދިޔައީ ހިތްވަރު ދެއްވަމުންނެވެ.

އެކަމަކު، އެ ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ އަވަހާރަވެފަ އެވެ.

"އެއްވެސް ޝަކުވާއެއް، އެއްވެސް ޝަކުވާއެއް އެ ދިޔަ ޓައިމްގައި އެ ބަލިވެ އުޅުނުއިރު އެއްވެސް ޝަކުވާއެއް އެއްވެސް މީހެއް ކައިރީގައި ނުކުރޭ. ތަދުވެއޭ." އާއިލާއިން ބުންޏެވެ.

ރަމްޝާ، އީއެންޓީއަށް ސްލެޝަލައިޒްވުމަށް ކިޔަވަމުން ދިޔައިރު ނެގި ފޮޓޯއެއް.

ރަމްޝާ، އީއެންޓީއަށް ސްލެޝަލައިޒްވުމަށް ކިޔަވަމުން ދިޔައިރު ނެގި ފޮޓޯއެއް.

ކީމޯތެރަޕީއާ ރޭޑިއޭޝަން ނެގިއަސް ރަމްޝާ ދިޔައީ ބެންކޮކުގައި ކަރުންމަތީގެ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ. އެ ފަރުވާތަކުން ހާލަތަށް ލުއެއް ވެސް އައެވެ.

"ކުރިން ހަމަ އަމިއްލައަށް ތެދުވެ، ހިނގާ އުޅެވޭ....މަންމަ ނިޔާވި ފަހުން ދައްތަ ވިސްނަނީ އެއީ ދެން ތިބި އެއްބަނޑު އެއްބަފާ ކުދިންގެ މަންމައޭ. އެ ކަހަލަ ގޮތަކަށް ހުންނާނީ. އަބަދު ވެސް ހެޔޮ ނަސޭހަތް ދޭނެ." އާއިލާއިން ބުންޏެވެ.

ދުވުމުގައި ވެސް ގައުމީ ފެންވަރުގައި ފާހަގަކޮށްލެވުނު ރަމްޝާ ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގަންނަވަ އެވެ. އެންމެ ފަހުން، މިދިޔަ އަހަރުގެ ފަހުކޮޅު ހަފުތާއަކަށް ރާއްޖެ ވަޑައިގެން، އާއިލާ އަދި ރައްޓެހިންނާ ބައްދަލުކުރައްވާ ހެެއްދެވި އެވެ.

"ކޮއްކޮއަކީ ވަރަށް ހިތްވަރު ގަދަ އަންހެނެއް، ވަރަށް ހިތްވަރު ގަދަ. ގަބޫލުނުކުރެވޭ، ހީވެސް ނުކުރާ ވަރަށް. ބަލި ނުފެނި އެހެން މީހުންނަށް ސިމްޕަތައިޒްވެ، އެހެން މީހުންގެ ކަންކަމުގައި ވަރަށް ބޮޑަށް އުޅޭ މީހެއްގެ ގޮތުގައި ފާހަގަކުރެވެނީ." އާއިލާއިން ބުންޏެވެ.

އެ އާއިލާއިން ބުނި ގޮތުގައި ރަމްޝާ އެންމެ ބޭނުންވީ ކަރުންމަތީގެ ހާއްސަ ޑޮކްޓަރަކަށް ވެ، ދިވެހިންނަށް ހިދުމަތްކުރައްވާށެވެ. އެކަން ހަގީގަތަކަށް ނުވިއަސް، ރަމްޝާގެ ދިރިއުޅުމުން އެތައް ބަޔަކަށް ހިތްވަރެއް ހިތްވަރެއް ލިބެ އެވެ.