Roadha Mihaaru
އެންމެން ދައްކަނީ ރިޒާގެ ހިތްހެޔޮ، މަޑުމައިތިރި ވާހަކަ

އެންމެންނަށް ވެސް ފާހަގަވަނީ ރިޒާގެ ހިތްހެޔޮކަމާއި މަޑުމައިތިރިކަން

23 ފެބުރުއަރީ 2023

ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއާ ބެހޭ ގޮތުން ވާހަކަ ދައްކާ ނަމަ ކޮންމެ މީހެއްގެ ދުލަށް ވެސް އެންމެ ފުރަތަމަ އަންނަނީ އެއް ވާހަކައެކެވެ. މީހުންނަށް ހެޔޮ، އަހުލާގު ރަނގަޅު، މަޑުމައިތިރި ބޭފުޅެއް ކަމެވެ. ހާއްސަކޮށް މީހުންނަށް ހެޔޮކަން އެ ލިސްޓުގެ އެންމެ ކުރިއަށް ހުރިހާ އެންމެން ވެސް ލަ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކ. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއާ ބެހޭ ގޮތުން ވާހަކަ ދައްކާ ނަމަ ކޮންމެ މީހެއްގެ ދުލަށް ވެސް އެންމެ ފުރަތަމަ އަންނަނީ އެއް ވާހަކައެކެވެ. މީހުންނަށް ހެޔޮ، އަހުލާގު ރަނގަޅު، މަޑުމައިތިރި ބޭފުޅެއް ކަމެވެ. ހާއްސަކޮށް މީހުންނަށް ހެޔޮކަން އެ ލިސްޓުގެ އެންމެ ކުރިއަށް ހުރިހާ އެންމެން ވެސް ލަ އެވެ.

"އާދަޔާ ހިލާފަށް މީހުންނަށް ހެޔޮ ބޭފުޅެއް ރިޒާއަކީ. އަބަދު ހުންނަވާނީ ހިނިތުންވެލާފައި. މީސްމީހުންގެ ނުބައި ވާހަކަ އެއްގޮތަކަށް ވެސް ނުދައްކަވާނެ،" ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިއާގައި ފަރުވާ ހޯއްދަވަނިކޮށް ރޭ އަވަހާރަވި ރިޒާ އާއި އޭނާގެ އާއިލާއާ ގާތް ގުޅުމެއް ބާއްވަމުން ގެންދެވި އާއިލީ ރައްޓެއްސަކު "މިހާރު" އަށް ބުންޏެވެ.

ގުރައިދޫ ދާއިރާގެ މެމްބަރުކަން މިދިޔަ 14 އަހަރު ވަންދެން މެދުނުކެނޑި ކުރެއްވި ރިޒާ އުމުރުން 55 އަހަރުގައި ރޭ އަވަހާރަވުމާއެކު، އޭނާގެ އާއިލާ އަށް ތައުޒިޔާ ވިދާޅުވާ ކޮންމެ ބޭފުޅަކު ވެސް ދައްކަވަނީ ސިޔާސީ ގޮތުން ކިތަންމެ ހޫނުވިޔަސް މަޑުމައިތިރިކަމާއި ކެތްތެރިކަމާއެކު އެ ކަންކަމާ ކުރިމަތިލެއްވުމަކީ ރިޒާގެ ހާއްސަ ސިފައެއް ކަމެވެ. ރައްޔިތުންގެ މަޖިލިހުގެ ތަޅުމުން ވެސް އޭނާ ދެއްކެވީ އެ ސިފަ އެވެ. މަޑުމައިތިރި ކަމާއި ބަސްމަދު ކަމެވެ. ބޭކާރު ވާހަކަތައް ދެއްކެވުމުގެ ބަދަލުގައި އިސްކުރެއްވީ އެ ދުވަހެއްގެ މައުލޫއުގެ ވާހަކަތަކެވެ.

"ސިޔާސީ ހުރިހާ ފަންތިތަކެއްގެ ބޭފުޅުންނާ ވެސް އެހާ ގުޅުން ރަނގަޅު ބޭފުޅެއް އެއީ. ހާއްސަކޮށް އާއިލާގެ މީހުންނަށް އާދަޔާ ހިލާފަށް ހެޔޮވާނެ. ކަމަކަށް އެދިއްޖިއްޔާ އެ ކަމެއް ކޮށްދެވޭތޯ ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ. އާއިލާގެ މީހުންގެ ހާލު ބައްލަވާނެ ބަރާބަރަށް،" ރިޒާގެ އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.

ގާނޫނީ ވަކީލުކަން ވެސް ކުރެއްވި ރިޒާއާއެކު ސިޔާސީ މަސައްކަތްތައް ކުރެއްވި އަދި އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް އޭނާގެ އެންމެ ގާތް ރައްޓެހި އެއް ބޭފުޅާގެ ގޮތުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ރިޒާއަކީ ގަބޫލު ކުރައްވާ ހަމަތަކުގެ ތެރޭގައި އަބަދުވެސް ހުންނެވި ޝަހުސިއްޔަތެއް ކަމަށެވެ.

އަބަދުވެސް ޤުރުއާން ކިޔަވައި ހޯމަ، ބުރާސްފަތީގައި ރޯދަ ހިއްޕަވައި ހުލްގު ހެޔޮ މާތް އިންސާނެއް އެއީ. އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއް،"--- އަލީ އާރިފް

"މީހަކާ ދޭތެރޭގައި ހިތްބަރުކަމެއް ނުބާއްވާނެ. އީމާންތެރިކަން ވަރަށް ގަދަވާނެ. ދީން ވެރިވާނެ. ނަމާދެއް ދޫ ނުކުރައްވާނެ. ދީނީ ގޮތުން ރިޒާ ގަބޫލު ކުރައްވާ، ވިސްނާ ވިސްނުމެއް އެ ހަމަތަކުގެ ތެރޭގައި އަބަދުވެސް އުޅުއްވާނީ. އެއްވެސް މީހަކާ މެދު ނުބައި ވިސްނުމެއް ނުގެންގުޅުއްވާނެ،" ދުބާއީގައި ވެސް ރިޒާއާއެކު ވަރަށް ގާތްކޮށް އުޅުއްވި ޒަމީރު ވިދާޅުވި އެވެ.

ޒަމީރު ވެސް ވިދާޅުވިގޮތުގައި ރިޒާގެ ފަރާތުން ފެނުނު އެންމެ ކަމުދާ އެއް ސިފައަކީ އާއިލާގެ ބޭފުޅުންނާއި ރަހުމަތްތެރިންނަށް ހެޔޮކޮށް ހިތުމެވެ. ކުރައްވާ މަސައްކަތްތަކަށް ތެދުވެރިވުމާއި ކަމަށް ކަމޭ ހިއްތެވުމެވެ.

ރިޒާ އަށް ކެންސަރު ޖެހިފައިވާކަން އެނގުނީ ކޮވިޑްގެ ވަބާ އެންމެ ގޯސްވި ދުވަސްވަރު ކަމަށްވާ މާޗް 2021 ގަ އެވެ. އޭރު މެލޭޝިއާ ބަންދުކޮށްފައި އޮތުމުން ދުބާއީ އަށް ބަދަލުވެ، ފަރުވާ ހޯއްދެވީ ދުބާއީގަ އެވެ. މިދިޔަ އަހަރެއްހާ ދުވަހު ދުބާއީން ފަރުވާ ހޯއްދެވުމަށް ފަހު، މެލޭޝިއާ އަށް ބަދަލު ފަރުވާ ފެއްޓެވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ލިބިވަޑައިގެންނެވި ހަތަރު އަންހެން ބޭފުޅުންގެ ތެރެއިން ދެ ބޭފުޅަކު މެލޭޝިއާގައި ކިޔަވާ ވިދާޅުވާތީ އެއީ ވެސް ރިޒާ އަށް ލިބިވަޑައިގެންނެވި ހިތްހަމަޖެހުމެކެވެ. އާއިލާގެ ބޭފުޅުންނާއެކު ފަރުވާ އަށް މެލޭޝިއާގައި ހުންނެވުމުގެ ހިތްހަމަޖެހުމެވެ.

މީހަކާ ދޭތެރޭގައި ހިތްބަރުކަމެއް ނުބާއްވާނެ. އީމާންތެރިކަން ވަރަށް ގަދަވާނެ. ދީން ވެރިވާނެ. ނަމާދެއް ދޫ ނުކުރައްވާނެ. ދީނީ ގޮތުން ރިޒާ ގަބޫލު ކުރައްވާ ވިސްނާ ވިސްނުމެއް، އެ ހަމަތަކުގެ ތެރޭގައި އަބަދުވެސް އުޅުއްވާނީ. އެއްވެސް މީހަކާ މެދު ނުބައި ވިސްނުމެއް ނުގެންގުޅުއްވާނެ،"--- ޒަމީރު

އާއިލާގެ މީހަކު ބުނީ، ރިޒާގެ ހާލު ކުއްލި ގޮތަކަށް ގޯސްވާން ފެށުމުން މިދިޔަ އަންގާރަ ދުވަހު ހޮސްޕިޓަލްގައި އެޑްމިޓްކުރީ އެވެ.

"ވަރަށް ބޮޑުތަން ރަނގަޅުވެފައި ހުއްޓާ ހާލު ގޯސްވީ. ދުބާއީއެކޭ އެއްވަރުގެ ފަރުވާ މެލޭޝިއާ އިން ވެސް ލިބޭތީ އާއި އާއިލާގެ ބޭފުޅުންނާއެކު އުޅުއްވަން މެލޭޝިއާ އަށް ބަދަލުވީ،" އޭނާ ބުންޏެވެ.

ރިޒާ އެންމެ ފަހުން ރާއްޖެ ވަޑައިގަތީ މިދިޔަ ޖެނުއަރީ މަހު އެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ރިޒާ ބައިވެރިވެވަޑައިގަންނަވަނީ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި ރިޒާ ބައިވެރިވެވަޑައިގަންނަވަނީ.

ރިޒާއަކީ މަޑުމައިތިރި ބޭފުޅަކަސް އެއީ ރާއްޖޭގެ ސިޔާސީ ދާއިރާގައި މަގުބޫލު ޝަހުސިއްޔަތެކެވެ. ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ގޮނޑި އަށް ތިން ވަނަ ފަހަރަށް މި ދައުރުގައި އިންތިހާބުވި ރިޒާއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފަދަ ބޭފުޅުންނާއެކު އެންމެ ފުރަތަމަ ޑީއާރުޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ތެރެއިން އެއް މޫނެވެ. ސިޔާސީ ގޮތުން ބަސްވިކޭ ބޭފުޅެކެވެ.

އޭނާ އާއެކު ޑީއާރުޕީގައި އަދި ފަހުން ޕީޕީއެމްގައި މަސައްކަތް ކުރެއްވި ކުރީގެ ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވަރަށް އަސަރާއެކު ވިދާޅުވީ ރިޒާއަކީ ވަރަށް މާތް އިންސާނެއް ކަމަށެވެ.

"އަބަދުވެސް ޤުރުއާން ކިޔަވައި ހޯމަ، ބުރާސްފަތީގައި ރޯދަ ހިއްޕަވައި ހުލްގު ހެޔޮ މާތް އިންސާނެއް އެއީ. އަޅުގަނޑުގެ ވަރަށް ގާތް އެކުވެރިއެއް،" އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ސަރުކާރު ތެރޭގައި ރައްޔިތުންގެ މަޖިލިސް އެންމެ ބާރު ބޮޑުވެ، ހޫނުވި ދުވަސްވަރު ރިޒާ ވަރަށް އިސްކޮށް ގިނަ މަސައްކަތްތަކެއް ކުރެއްވި އެވެ. ނަމަވެސް ރިޒާ އަބަދުވެސް ހުންނަވާނީ ވަރަށް މަޑުމައިތިރިކޮށެވެ. އަމިއްލަ އަށް ހުށަހަޅުއްވާ ހިޔާލުތަކާ ދެކޮޅަށް ކަންކަން ނިމިގެން ދިޔަޔަސް އެކަމަށް އިހުތިރާމް ކުރައްވައި އެހެން ބޭފުޅުންނާ އެއްބަސްވާނެ ކަމަށް އާރިފް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލިހުގެ މި ދައުރަށް ހުވާކުރެއްވުމަށް ފަހު މަޖިލިހުގެ ރައީސް ނަޝީދާއި ރިޒާ ސަލާމް ކުރައްވަނީ.---ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ މި ދައުރަށް ހުވާކުރެއްވުމަށް ފަހު މަޖިލިހުގެ ރައީސް ނަޝީދާއި ރިޒާ ސަލާމް ކުރައްވަނީ.---ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިދިޔަ ދައުރުގައި ޕީޕީއެމާ ދެކޮޅަށް އެންމެ ގަދައަށް މަސައްކަތް ކުރެއްވި އެމްޑީޕީގެ މެންބަރުން ވެސް ވަނީ ސޯޝަލް މީޑިއާގައި ރިޒާގެ މަޑުމައިތިރިކަމާއި ރަނގަޅު ކަމުގެ ވާހަކަ ދައްކަވައިފަ އެވެ. އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވި ގޮތުގައި ރިޒާ ޕީޕީއެމްގެ މެންބަރެއް ގޮތުގައި ހުންނެވި ނަމަވެސް އޭނާއަކީ ވަރަށް ރަނގަޅު ބޭފުޅެކެވެ. އަދި ވަރަށް ރަނގަޅު ރަހުމަތްތެރިއެއް ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ރިޒާގެ ހިދުމަތްތަކުގެ ވާހަކަ ފާހަގަ ކުރައްވައިފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި ރިޒާއަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ނުހަނު ބޮޑު ބައިވެރިއެއް ކަމަށެވެ. އަދި އޭނާއަކީ ރާއްޖެ ސިޔާސީ ޕާޓީތަކުގެ ނިޒާމަށް ބަދަލު ކުރުމުގެ ހިއްސާދާރެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރިޒާ އަވަހާރަވިއިރު އަނބިކަނބަލުންނާއި ހަތަރު އަންހެން ބޭފުޅަކު ދުނިޔޭގައި އެބަތިއްބެވި އެވެ. އެންމެ ހަގު ކުއްޖާ އޯ ލެވެލް ހަދާނީ މި އަހަރެވެ.

ރިޒާގެ ޖަނާޒާ އޮންނާނީ މިރޭ ފަތިހު މެލޭޝިއާގަ އެވެ.