Roadha Mihaaru
ސިޓީ އަށް ޕޮއިންޓެއް، އިނގިރޭސި ޓީމަކަށް މޮޅެއް ނުލިބުނު

ސިޓީ އަށް ޕޮއިންޓެއް، އިނގިރޭސި ޓީމަކަށް މޮޅެއް ނުލިބުނު

23 ފެބުރުއަރީ 2023

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އިނގިރޭސި ގަދަބާރު މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގްއާ 1-1 އިން އެއްވަރުވިއިރު، އިޓަލީގެ އިންޓަ މިލާނުން އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އިނގިރޭސި ގަދަބާރު މެންޗެސްޓާ ސިޓީ ކުޅުނު މެޗުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގްއާ 1-1 އިން އެއްވަރުވިއިރު، އިޓަލީގެ އިންޓަ މިލާނުން އަމިއްލަ ދަނޑުގައި ޕޯޗުގަލްގެ ޕޯޓޯ އަތުން 1-0 އިން މޮޅުވެއްޖެ އެވެ.

ސިޓީގެ މި ނަތީޖާއާ އެކު، އިނގިރޭސި ޓީމުތަކުން ދެ ވަނަ ބުރުގެ މި ލެގު މި ނިންމާލީ މޮޅެއް ނުލިބި އެވެ. ޗެލްސީ ބަލިވީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް އަތުން 1-0 އިންނެވެ. ޓޮޓެންހަމް ހޮޓްސްޕާސް ބަލިވީ، ހަމަ އެ ނަތީޖާ އިން، އިޓަލީގެ އޭސީ މިލާން އަތުންނެވެ. ލިވަޕޫލް ބަލިވީ ސްޕެއިނުގެ ރެއާލް މެޑްރިޑް އަތުން 5-2 އިންނެވެ.

ލައިޕްޒިގުގެ ރެޑްބުލް އެރީނާގައި ކުޅުނު މެޗުގައި ފުރަތަމަ ގޯލް ޖެހީ ސިޓީންނެވެ. މި ގޯލް 27 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރިޔާދް މާރޭޒް އެވެ. ލައިޕްޒިގުން އެއްވަރުކުރީ 70 ވަނަ މިނެޓުގައި ޖޮސްކޯ ގްވާޑިއޯލް ޖެހި ލަނޑުންނެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލައިޕްޒިގުގެ ކުޅުމުގެ ދުވެލި ބާރު ކަމަށާއި ކައިލް ވޯކާ އާއި އާލިން ހާލަންޑް ފިޔަވައި، ލައިޕްޒިގުގެ ދުވެއްޔާ އެއްވަރުކުރެވޭނެ ކުޅުންތެރިން ސިޓީގައި ނެތް ކަމަށެވެ.

"ކުރިން ޗެމްޕިއަންސް ލީގަކީ ނިސްބަތުން ފަސޭހަ މުބާރާތެއް. އެކަމަކު މިހާރު މިއީ ވަރަށް ވަރުގަދަ މުބާރާތެއް. ހުރިހާ ލީގަކުން އަންނަ ޓީމުތައް ވެސް ވަރަށް ވަރުގަދަ،" ގާޑިއޯލާ ބުންޏެވެ.

އިންޓަ އިން އަމިއްލަ ދަނޑުގައި ޕޯޓޯ އަތުން މޮޅުވި އިރު ހަމައެކަނި ގޯލް 86 ވަނަ މިނެޓުގައި ޖެހީ ބެލްޖިއަމް ފޯވާޑް ރޮމެލޫ ލުކާކޫ އެވެ. މިއީ އިންޓަގައި މޮޅު ކުޅުމެއް ދެއްކުމަށް ފަހު، މިދިޔަ ސީޒަނުގައި ޗެލްސީ އަށް ގޮސް، މި ސީޒަނުގައި ލޯން އުސޫލުން އެނބުރި އައި ފަހުން ލުކާކޫ ޖެހި އެންމެ މުހިއްމު ގޯލެވެ.

އަނިޔާގެ ސަބަބުން އޭނާ އަށް މާގިނަ މެޗުތަކެއްގައި މި ސީޒަނުގައި ނުކުޅެވެ އެވެ. އެހެންވެ އޭނާގެ ލޯނު ދާއިމީ ކުރުމާ މެދު އިންޓަ އިން އައީ ވިސްނަމުންނެވެ. އެކަމަކު ރޭގެ ގޯލާ އެކު އޭނާގެ ފޯމަށް ބަދަލުތަކެއް ގެނެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.