Roadha Mihaaru

ކަދުރު ރުކާއި މޭވާ ގަސް ގަންނަން ސިޓީ ކައުންސިލުން ދެ މިލިއަން ރުފިޔާ ހަރަދުކުރި

މާލެ ފެހިކުރުމަށް އިންދަމުން އަންނަ ކަދުރު ރުއްތަކާއި މޭވާ ގަސްތައް ގަންނަން ދެ މިލިއަން ރުފިޔާ ހަރަދުވި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

ކަދުރު ރުކާއި މޭވާގަސް ގަންނަން ދެ މިލިއަން ރުފިޔާ
އިފްރާޒް އަލީ
އިފްރާޒް އަލީ

23 ފެބުރުއަރީ 2023

މާލެ ފެހިކުރުމަށް އިންދަމުން އަންނަ ކަދުރު ރުއްތަކާއި މޭވާ ގަސްތައް ގަންނަން ދެ މިލިއަން ރުފިޔާ ހަރަދުވި ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އަމިއްލަ ފަރާތަކުން މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެކެއްގައި ހުށަހެޅި ފޯމަކަށް ދިން ޖަވާބުގައި މާލޭ ސިޓީ ކައުންސިލުން ބުނީ މިހާރު މާލޭގައި އިންދަމުން އަންނަ ކަދުރު ރުއްތަކާއި މޭވާ ގަސްތަކަކަކީ ޔޫއޭއީ، އިންޑިއާ، ސައުދި އަރަބިއްޔާ، ގަތަރު، ތައިލެންޑް އަދި އިންޑޮނޭޝިއާއިން ގެނެސްފައިވާ ގަސްތަކެއް ކަމަށެވެ.

އަހްމަދު އަފްރާހު އިސްމާއިލް ހުށަހެޅި ފޯމާ ގުޅިގެން، މިދިޔަ އަހަރު ސެޕްޓެމްބަރު 22 ގައި ސިޓީ ކައުންސިލުން ފޮނުވި ސިޓީގައި، އެ ކައުންސިލުން ބުނެފައި ވަނީ 180 ކަދުރު ރުކާއި 320 މޭވާ އަޅާ ގަސް ގަތް ކަމަށެވެ. އަދި އެ ގަސްތައް ގަންނަން 2،064،000ރ. ހަރަދުވި ކަމަށެވެ.

"ވަކިވަކި ގަސްތަކާއި ރުއްތަކުގެ އަގާއި ގެނައުމާއި ބެލެހެއްޓުމުގެ ހަރަދަށް ސީދާ ދިޔަ ހަރަދު ބުނަން ދަތިކަން ފާހަގަކުރަމެވެ. ސަބަބަކީ އެ ތަކެތި ވެސް ގެނެސް ބަލަހައްޓަމުން ދަނީ މި އިދާރާއިން ބަލަހައްޓާ ޕާކުތަކާއި މައިޒާންތަކުގައި ވެސް ހިމެނޭ ގަސްތަކަށް ބޭނުންވާ ގަސްކާނާ އަދި އޭގެ އިތުރުން ވެސް ބޭނުންވާ އެފަދަ ތަކެތި ބަލަހައްޓާ އުސޫލުންނެވެ،" ސިޓީ ކައުންސިލްގެ އެސްޖީ، މުޖުތަބާ ޖަލީލް ސޮއިކުރައްވާފައިވާ ސިޓީގައި ބުންޏެވެ.

ބޮޑުތަކުރުފާނުމަގުގައި އިންދާފައިވާ ކަދުރު ރުއްތައް: މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސިޓީ ކައުންސިލުން އިންދާފައިވާ ރުއްތައް -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބޮޑުތަކުރުފާނުމަގުގައި އިންދާފައިވާ ކަދުރު ރުއްތައް: މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ސިޓީ ކައުންސިލުން އިންދާފައިވާ ރުއްތައް -- ފޮޓޯ: ނިޝާން އަލީ | މިހާރު

އެ ސިޓީގައި ބުނީ ކަދުރު ރުއްތައް ގެނެސް އިންދުމުގެ ބޭނުމަކީ މާލޭގެ މަލަމަތި ފެހިކޮށް، މަދުން ފަތް ފައިބާ ބާވަތްތަކުގެ ގަސްތައް އިންދައި މަގުތައް ސާފުކޮށް ބޭއްވުން ކަމަށެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި، ކަދުރު ރުއްތައް ހޯދަން ހުޅުވާލީ އާންމު އިއުލާނަކުންނެވެ. އެ މަސައްކަތް ހަވާލުކުރީ އެންމެ އަގު ކުޑަކޮށް ބިޑް ހުށަހެޅި ކުންފުނި ކަމަށްވާ އެގްރިގްރޯ ޕްރައިވެޓް ލިމިޑެޓަށެވެ.

ކަދުރު ރުއްތަކަށް ހަރަދުވި ފައިސާގެ އަދަދުގެ ވާހަކަ އަލުން ދެކެވެން ފެށީ ޖުމްހޫރީ މައިދާނުގައި ހުރި ދުވަސްވީ ދިވެހި ރުއްތައް ނަގައި އެތަނުގައި ވެސް ކަދުރު ރުއް އިންދަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި އަޑު ފެތުރުމުންނެވެ. މި ސިޓީ ވެސް ސޯޝަލް މީޑިއާގައި އާންމުވީ އެ ވާހަކަތަކުގެ ތެރެއިންނެވެ.

އެކަމަކު، ސިޓީ ކައުންސިލުން ބުނިގޮތުގައި، ޖޫމްހޫރީ މައިދާނުގައި ހުރި ބައެއް ރުއްތައް ނެގީ އާންމުންނަށް ނުރައްކާވާ ގޮތަށް ހުރުމުންނެވެ. އަދި ނެގި ރުއްތަކުގެ ބަދަލުގައި، އާ ރުއްތައް މިހާރު ވަނީ އިންދައިފަ އެވެ.

މާލޭގައި 100،000 ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުގައި އެއްކޮޅުން، އަނެއްކޮޅަށް ވަނީ ކަދުރު ރުއް އިންދައިފަ އެވެ.