Roadha Mihaaru
މައުލޫމާތު ހޯދަން ހުށަހަޅާތީ އައިމަންއަށް އިންޒާރު ދީފި

އާރުޓީއައި އިން މައުލޫމާތު ހޯދަން އެދުމުން އައިމަން އަށް އިންޒާރު ދީފި

08 އެޕްރީލް 2022

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެކިއެކި އިދާރާތަކަށް އާރުޓީއައި ފޯމު ހުށަހަޅައި، މައުލޫމާތު ހޯދައި އާންމުކުރަމުން އަންނަ އައިމަން ލަތީފް މާލޭ ސިޓީ ކައުންސިލްގެ މައުލޫމާތުތަކަކަށް އެދުމުން ފޯނުން ގުޅައި އިންޒާރު ދީފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އެކިއެކި އިދާރާތަކަށް އާރުޓީއައި ފޯމު ހުށަހަޅައި، މައުލޫމާތު ހޯދައި އާންމުކުރަމުން އަންނަ އައިމަން ލަތީފް މާލޭ ސިޓީ ކައުންސިލްގެ މައުލޫމާތުތަކަކަށް އެދުމުން ފޯނުން ގުޅައި އިންޒާރު ދީފައިވާ ކަމަށް އޭނާ ބުނެފި އެވެ.

އައިމަން މިއަދު "މިހާރު" އަށް ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ބޭނުން ހިފައި، އޭނާ އެ މަސައްކަތް ކުރަމުން އަންނަތާ ތިން އަހަރުވި އިރު، މިއީ އެފަދަ އިންޒާރެއް ލިބުނު ފުރަތަމަ ފަހަރު ކަމަށެވެ. އޭނާ އަށް އެ އިންޒާރު ދިނީ މާލޭ ސިޓީ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ނަމްބަރަކުންނެވެ.

އޭނާ ތުހުމަތުކުރި ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ތަކުރާރުކޮށް އޭނާ ފޯމު ހުށަހަޅާފައިވާތީ ހިތްހަމަނުޖެހި، އެ މައުލޫމާތު ދޭން ބޭނުން ނުވެގެން އިންޒާރު ދިނީ އެވެ.

މާލޭ ސިޓީ ކައުންސިލަށް އައިމަން ހުށަހެޅީ އޭނާ މިހާރު މަސައްކަތް ކުރަމުން އަންނަ ޕްރޮޖެކްޓެއްގެ ދަށުން ބޭނުންވާ މައުލޫމާތު ހޯދުމަށެވެ. އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން، ދައުލަތުގެ އިދާރާތަކުން، އެ ގާނޫނަށް އަމަލުކުރާ މިންވަރު ދެނެގަތުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މައުލޫމާތު ހޯދަން ހުށަހެޅުމުން އިދާރާތަކުން ކަންތައްތައް ކުރާ ގޮތް އެ ޕްރޮޖެކްޓުގައި ބަލާނެ އެވެ.

އައިމަން އެންމެ ފުރަތަމަ މާލެ ސިޓީ ކައުންސިލަށް އާރުޓީއައި ފޯމެއް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ތެރޭގަ އެވެ. އެ ފޯމަށް ޖަވާބު ލިބުނު ނަމަވެސް، އޭނާ ހޯދަން އެދުނު މައުލޫމާތެއް ނުދެ އެވެ. އޭގެ ފަހުން، ޖެނުއަރީ މަހާއި މި މަހު ވެސް ހަމަ އެ މައުލޫމާތަށް އެދި އޭނާ ފޯމު ހުށަހެޅި އެވެ.

އޭނާ ތިން ފަހަރެއްގެ މަތިން ހުށަހެޅި ފޯމުތަކުގައި އެދުނީ ކައުންސިލްގެ މުވައްޒަފުންގެ މުސާރައިގެ ތަފުސީލާއި ކައުންސިލްގެ ބަޖެޓާއި ކައުންސިލްގެ އިސް މުވައްޒަފުން މަސްއޫލިއްޔަތުތަކުގެ ތަފުސީލު ފަދަ އެކިއެކި މައުލޫމާތުތައް ދިނުމަށެވެ.

"ކައުންސިލުން ބުނަނީ ގެޒެޓްކޮށްފައި ހުންނާނެއޭ އެ އިދާރާގެ ހުރިހާ މައުލޫމާތެއް. އެ އިދާރާގެ ހުރިހާ މައުލޫމާތެއް ވެސް ހުންނާނީ އެންމެނަށް ފެންނަ ގޮތަށޭ،" އައިމަން ބުންޏެވެ.

"ކައުންސިލަށް ހީވީ ކަންނޭނގެ އަހަރެން މި އުޅެނީ ޖެއްސުމަށޭ."

ގުޅާފައި ވަރަށް ހަޑިކޮށް ވާހަކަދެއްކީ. އަޅުގަނޑު ތިއީ ކޮން ބޭފުޅެއްތޯ އެހެމުން އެއަށް ޖަވާބު ނުދީ ބުނީ، 'އަހަންނަކީ ކާކުކަން އަދި ވަރަށް ރަނގަޅަށް އެނގޭނެޔޭ. އަދި ރަނގަޅު ގޮތަކަށް ބައްދަލު ވެސް ވާނެޔޭ.

އިންޒާރު ދިނީ ކައުންސިލް ޖަވާބުދާރީކުރުވަންވެފައި އޮއްވާ

މާލޭ ސިޓީ ކައުންސިލުން ހޯދަން ބޭނުންވާ މައުލޫމާތުތައް ނުލިބިގެން އައިމަން އެ މައްސަލަ، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ވެސް ހުށަހެޅި އެވެ. އޭނާ އަށް އިއްޔެ އިންޒާރު ދިނީ، އެ މައްސަލައިގައި ކައުންސިލް ޖަވާބުދާރީ ކުރުވަން އައިކޮމްގައި މިއަދު އޮތް އަޑުއެހުމަކަށް ހާޒިރުވާން ވެސް އެ އިދާރާ އަށް އަންގާފައި ވަނިކޮށެވެ.

"ގުޅާފައި ބަވަން ފެށީ. ވަރަށް ހަޑިކޮށް ވާހަކަދެއްކީ. އަޅުގަނޑު ތިއީ ކޮން ބޭފުޅެއްތޯ އެހެމުން އެއަށް ޖަވާބު ނުދީ ބުނީ، 'އަހަންނަކީ ކާކުކަން އަދި ވަރަށް ރަނގަޅަށް އެނގޭނެޔޭ. އަދި ރަނގަޅު ގޮތަކަށް ބައްދަލު ވެސް ވާނެޔޭ،" އައިމަން ބުންޏެވެ.

އައިމަން އަށް ގުޅީ ލޭންޑްލައިން ނަންބަރަކުންނެވެ. ދިރާގުގެ ޑައިރެކްޓްރީގައިވާ ގޮތުން، އެއީ މާލޭ ސިޓީ ކައުންސިލްގެ ނަންބަރެކެވެ.

އައިމަން ބުނި ގޮތުގައި އޭނާ އަށް ގުޅި މީހާ ބުނީ، ކައުންސިލުން "މާ ގިނަ" މައުލޫމާތު ހޯދަން އައިމަން އުޅޭތީ އެކަމާ ވަރަށް ހިތްހަމަނުޖެހޭ ކަމަށެވެ. އަދި އޭނާ ހޯދަން އެދިފައިވާ މައުލޫމާތު އެއްކުރުމަށް ވަރަށް ގިނަ ވަގުތު ވެސް ހޭދަވާނެ ކަމަށް ބުންޏެވެ.

އައިމަން އެ މައްސަލަ ފުލުހުންނަށް ވެސް އިއްޔެ ހުށަހެޅި އެވެ. އެކަމަކު، އެއީ ފުލުހުންނަށް އިތުރަށް ތަހުގީގުކުރެވޭ ވަރުގެ "ތުރެޓެއް" ނޫން ކަމަށް ބުނެ، އެ މައްސަލައިގައި އައިކޮމް އިން އެޅޭނެ ފިޔަވަޅުތަކެއް ހުރިތޯ ބެލުމަށް ފުލުހުން އެދުނު ކަމަށް ބުންޏެވެ.

އެ އިންޒާރުގެ ވާހަކަތައް އައިމަން ޓުވީޓްކުރުމުން، އެއަށް ކުރި ރިޕްލައިއެއްގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެއީ ތެދަކަށްވާ ނަމަ، އެއީ ވަރަށް ސީރިއަސް އަދި ބަލައިނުގަނެވޭނެ ކަމެއް ކަމަށް ވިދާޅުވި އެވެ.

އެކަމާ ގުޅިގެން މުއިއްޒު މަފާށް ވެސް އެދިވަޑައިގަތެވެ.

"މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމުގެ ޔަގީންކަން ދެން،" މުއިއްޒު ވިދާޅުވި އެވެ.