Roadha Mihaaru
ޓޭލާ ސްވިފްޓްގެ ދިފާއުގައި ސެލީނާ ނިކުމެއްޖެ

ޓޭލާ ސްވިފްޓްގެ ދިފާއުގައި ސެލީނާ ނިކުމެއްޖެ

27 ފެބުރުއަރީ 2023

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް މަލާމާތްކުރި ވީޑިއޯއަކަށް، އޭނާގެ އެކުވެރިޔާ، ސެލީނާ ގޮމޭޒް ރައްދުދީފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

މަޝްހޫރު ލަވަކިޔުންތެރިޔާ ޓޭލާ ސްވިފްޓަށް މަލާމާތްކުރި ވީޑިއޯއަކަށް، އޭނާގެ އެކުވެރިޔާ، ސެލީނާ ގޮމޭޒް ރައްދުދީފި އެވެ.

މިދިޔަ ހަފްތާގައި، ޓިކްޓޮކްގައި ވައިރަލްވި އެ ވީޑިއޯގައި، ސެލީނާގެ ކުރީގެ ލޯބިވެރިޔާ، ޖަސްޓިން ބީބާގެ އަންހެނުން، ހޭލީ ބީބާ ހޯސްޓު ކުރި ޝޯއެއްގައި، ކޯ ހޯސްޓަކު ޓޭލާގެ އަލްބަމެއްގެ ވާހަކަ ބުނުމުން ހޭލީ މަލާމާތަކަށް ގަސްދުގައި އޯކާދެމޭ ފަދަ ވައްތަރެއް ޖައްސަނިކޮށް ފެނެ އެވެ.

އެ ވީޑިއޯ އަށް ކޮމެންޓު ކުރަމުން ސެލީނާ ބުނީ ޓޭލާ އަކީ އަބަދުވެސް މި ދާއިރައިގާ އެންމެ މޮޅު އެކަކު ކަމަށެވެ.

"މާފުކުރޭ.. އަހަރެންގެ ބެސްޓް ފްރެންޑަކީ (ޓޭލާ) މިހާރު ވެސް، އަދި އަބަދުވެސް މި ދާއިރާގައި އެންމެ މޮޅު ލަވަކިޔުންތެރިންގެ ތެރޭގައި ހިމެނޭ އެކަކު،" ސެލީނާ ބުންޏެވެ.

އެ ރައްދު ސެލީނާ ދީފައި ވަނީ، ހޭލީ އާއި ކައިލީ ޖެނާ އިންސްޓަގްރާމުގައި ނުސީދާކޮށް ސެލީނާ އަށް މަލާމާތްކުރި ކަމުގެ ތުހުމަތުކޮށްފައި ވަނިކޮށް، އޭގެ މާގިނަ އިރުތަކެއް ނުވަނީހެވެ.

ސެލީނާގެ ފޭނުން ބުނާ ގޮތުގައި، ހޭލީ އާއި ކައިލީ، އިންސްޓަގްރާމުގައި ސެލީނާގެ ބުމަޔަށް ހަޖޫ ޖަހާފައިވެ އެވެ. އެކަމަކު، ކައިލީ ވަނީ ޓިކްޓޮކް ވީޑިއޯއަކަށް ކުރި ކޮމެންޓެއްގައި އެކަން ދޮގުކޮށްފަ އެވެ.

ކައިލީގެ ކޮމެންޓުގައި ބުނީ، އެ ތުހުމަތުތަކާއި ބޮޑު ޑްރާމާތަކަކީ "މޮޔަ" ކަމެއް ކަމަށެވެ. އަދި އެ ކޮމެންޓަށް ރިޕްލައި ކުރަމުން ސެލީނާ ވެސް ވަނީ އެކަމަށް އެއްބަސްވެ، އޭނާ އަކީ ކައިލީގެ ފޭނެއް ކަމަށް ބުނެފަ އެވެ.

ސެލީނާ އާއި ޓޭލާ އަކީ ޒަމާނުއްސުރެއް ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ރަހުމަތްތެރިންނެވެ. ޓޭލާ އަކީ މި ދާއިރާގައި ހުރި ސެލީނާގެ ހަމައެކަނި އެކުވެރިޔާ ކަމަށް، މީގެ ކުރިން ސެލީނާ ބުނެފައިވެ އެވެ.