Roadha Mihaaru
އުރީދޫން ސްޓެމް ފެއާއެއް ބާއްވަނީ

އުރީދޫން ސްޓެމް ފެއާއެއް ބާއްވަނީ

26 ފެބުރުއަރީ 2023

ސްޓެމް އެޑިއުކޭޝަން ތަރައްގީކޮށް ކުރިއެރުމަށް އުރީދޫއިން ސްޓެމް ފެއާއެއް ބާއްވަން ނިންމައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސްޓެމް އެޑިއުކޭޝަން ތަރައްގީކޮށް ކުރިއެރުމަށް އުރީދޫއިން ސްޓެމް ފެއާއެއް ބާއްވަން ނިންމައިފި އެވެ.

އުރީދޫން ބުނި ގޮތުގައި އެ ފެއާ އަކީ ސްޓެމް މާއްދާތަކަށް ސްކޫލް ކުދިންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވިމެން އިން ޓެކް މޯލްޑިވްސް އާ ގުޅިގެން ބާއްވާ ފެއާ އެކެވެ.

އެ ފެއާގެ މަގުސަދަކީ ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކޮށް ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސްޓެމް މާއްދާތަކުގެ ބޭނުން ކުރިއެރުވުމަށް މަގުފަހިކުރުން ކަމަށް އުރީދޫން ބުންޏެވެ.

ސްޓެމް ފެއާގައި ދަރިވަރުންނަށް ސްޓެމް މާއްދާތައް ތަޖުރިބާކޮށް، އިންޑަސްޓްރީގެ ފަންނުވެރިންގެ ކިބައިން އެކި ކަންތައްތައް ދަސްކޮށް، އެ ކުދިންގެ އުފެއްދުންތެރިކަމާއި، އީޖާދީ ވިސްނުމާއި ފަންނީ ހުނަރު ދައްކާލުމުގެ ފުރުސަތު ފެއާގައި ލިބޭނެ އެވެ.

އެ ފެއާގައި ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި މެތަމެޓިކްސް ފަދަ ސްޓެމް ދާއިރާތަކުން ދަރިވަރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ދައްކާލާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވި ގޮތުގައި އެފަދަ ފެއާއެއް ބާއްވާ ސްޓެމް މާއްދާތަކުގެ ތައުލީމު ކުރިއެރުވުމަކީ މުހިންމު ކަމެކެވެ. އަދި މިއީ މި ފަދަ ދާއިރާތަކުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ލިބޭނެ ހިތްވަރެއްގެ ގޮތުގައި ވެސް ފާހަގަކުރި އެވެ.

"އުރީދޫ ސްޓެމް ފެއަރއަކީ ދަރިވަރުންގެ ހުނަރާއި ވިސްނުން ދައްކާލާ، ވަށައިގެން ހިނގަމުންދާ އީޖާދުތަކުން ހިތްވަރު ލިބުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެއް. އަދި މި ފެއާއިން ސްޓެމް ދާއިރާއަށް ދަރިވަރުންގެ ހުރި ޝައުގުވެރިކަން ދެނެގަނެވޭނެ،" އޭނާ ވިދާޅުވި އެވެ.

އުރީދޫގެ ސްޓެމް ފެއާ އޮންނާނީ އަންނަ މަހުގެ ދެ ވަނަ ދުވަހާއި ތިން ވަނަ ދުވަހު އެވެ.