Roadha Mihaaru
އުރީދޫގެ ސްޓެމް ފެއާ ފަށައިފި

ދަރިވަރުންގެ އީޖާދުތައް ދައްކާލަން އުރީދޫގެ ސްޓެމް ފެއާ ފަށައިފި

03 މާޗް 2023

ސްޓެމްގެ ދާއިރާތަކުން ދަރިވަރުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އުރީދޫގެ ސްޓެމް ފެއާ މިއަދު ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ސްޓެމްގެ ދާއިރާތަކުން ދަރިވަރުންގެ ހޭލުންތެރިކަން އިތުރު ކުރުމަށް އުރީދޫގެ ސްޓެމް ފެއާ މިއަދު ފަށައިފި އެވެ.

އެއީ އުރީދު އާއި އެޑިއުކޭޝަން މިނިސްޓްރީ އާއި ވިމެން އިން ޓެކް މޯލްޑިވްސްއާ ކުރިއަށް ގެންދާ ފެއާ އެކެވެ.

އިއްޒުއްދީން ސްކޫލް ހޯލުގައި ދެ ދުވަހުގެ މުއްދަތަށް ބާއްވާ ފެއާ އާންމުންނަށް ހުޅުވާލާނީ މާދަމާ ހެނދުނު 10 އިން ހަވީރު 4 އާ ހަމައަށެވެ.

އުރީދޫން ބުނި ގޮތުގައި އެ ފެއާގައި ބައިވެރިވި ދަރިވަރުން ވަނީ އެކި މައްސަލަތަކަށް އީޖާދީ ހައްލުތަކެއް ސްޓެމްގެ މާއްދަތަކުގެ އެހީގައި ހޯދައި، ގިނަ އީޖާދީ އުފެއްދުންތަކެއް ތައްޔާރު ކޮށްފަ އެވެ.

ފެއާ އާއި ގުޅޭ ވީޑިއޯއެއް

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ސްޓެމް ދާއިރާތަކުގައި ހަރަކަކާތްތެރިވާނެ ތަޖުރިބާކާރުން ބިނާކުރުމަކީ، ރާއްޖޭގައި އީޖާދީ ހައްލުތައް ފޯރުކޮށްދީ، ޓެކްނޮލޮޖީ އާއި ޑިޖިޓަލް ހިދުމަތްތައް ކުރިއެރުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެ ފެއާގެ މަގްސަދަކީ ހަލުވިކަމާއެކު ބަދަލުވަމުން އަންނަ ދުނިޔޭގައި ކާމިޔާބީ ހޯދުމަށްޓަކައި ޒުވާން ސިކުނޑިތަކަށް ލިބިފައިވާ އިލްމާއި ހުނަރުން ބާރުވެރިކުރުވުން ކަމަށް ވެސް ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވީ ޑިޖިޓަލް ދުނިޔޭގައި ކާމިޔާބީ ހޯދުމަށް ބޭނުންވާ އިލްމާއި ހުނަރު ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެ ފަދަ ފެއާ އަކީ ސްޓެމްގެ ދާއިރާތަކުން ނުކުންނާނެ ޖީލެއް ބިނާ ކުރުމަށް ހުޅުވޭ ދޮރެއް ކަމަށް ވިދާޅުވި އެވެ.

އުރީދޫ ސްޓެމް ފެއާގައި 7 ސްކޫލަކުން ނޮވިސް، ޖޫނިއާ އަދި ސީނިއާ ކެޓަގަރީގައި ބައިވެރިވެފައިވެ އެވެ. ފެއާގައި ބައިވެރިވި ސްކޫލުތަކުގެ ތެރޭގައި އަރަބިއްޔާ ސްކޫލާއި އިސްކަންދަރާއި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލާއި މަޖީދިއްޔާ އަދި ކަލާފާނު ސްކޫލް ހިމެނެ އެވެ.

ފެއާގައި މިއަދު ކުރިއަށް ގެންދަނީ ދަރިވަރުންގެ ޕްރޮޖެކްޓުތައް ފަނޑިޔާރުން ބަލައި މާކްސް ދިނުމުގެ މަރުހަލާ އެވެ. އެ ފެއާގެ އެވޯޑު ހަފްލާ މާދަމާ ހަވީރު އޮންނާނެ އެވެ.