Roadha Mihaaru
މި ނަތީޖާ ހައްގެއް ނޫން، ރަނގަޅު ކުރާނަން: ޕޮޓާ

މީ ނަތީޖާ ޗެލްސީއަށް ހައްގެއް ނޫން، މިކަން ރަނގަޅު ކުރާނީ ވެސް އަހަރެން: ޕޮޓާ

26 ފެބުރުއަރީ 2023

ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވުން ޗެލްސީ އަށް ހައްގު ނުވާ ކަމަށާއި އެކަމަކު އެކަން ރަނގަޅު ކުރާނެ މީހަކީ ވެސް އޭނާ ކަމަށް، އެ ޓީމުގެ ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ފެބްރުއަރީ 26) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ 2-0 އިން ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވުން ޗެލްސީ އަށް ހައްގު ނުވާ ކަމަށާއި އެކަމަކު އެކަން ރަނގަޅު ކުރާނެ މީހަކީ ވެސް އޭނާ ކަމަށް، އެ ޓީމުގެ ކޯޗު ގްރަހަމް ޕޮޓާ ބުނެފި އެވެ.

ޗެލްސީގެ ނަތީޖާތައް ގޯސްވެފައި ވުމުން ޕޮޓާ އަށް ވަނީ ޕްރެޝަރު ކުރިމަތި ވެފަ އެވެ. އެކަމަކު ޗެލްސީގެ ވެރިންގެ ފަރާތުން ހާމަކުރަމުން ދަނީ އޭނާ އަށް އިތުބާރު އޮތް ކަމުގެ އަލާމަތްތައް ކަމަށް އިނގިރޭސި މިޑިއާއިން ބުނެ އެވެ.

މިރޭ ކުޅުނު ލަންޑަން ޑާބީ މެޗުގެ ކުރިން ވެސް ޕޮޓާ އަށް ވަނީ ސަޕޯޓަރުންގެ ޕްރެޝަރު ބޮޑު ވެފަ އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކީ، ރުޅިގަދަ ވެފައި ތިބި ސަޕޯޓަރުން ޕޮޓާ އާއި އޭނާގެ އާއިލާ އަށް މަރުގެ އިންޒާރު ދީފައި ވުމެވެ. ޕޮޓާ ވަނީ މެޗުގެ ކުރިން އެކަން މީޑިއާގައި ހާމަ ކޮށްފަ އެވެ.

ޓޮޓެންހަމްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ޗެލްސީ ބަލިވީ ފަހު ހާފުގައި އޮލިވާ ސްކިޕް އާއި ހެރީ ކޭން ޖަހައިދިން ލަނޑުތަކުންނެވެ. ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ޗެލްސީގެ ތިއާގޯ ސިލްވާ އަށް އަނިޔާ ވެގެން ބަދަލު ކުރި އެވެ. އަދި އެ ހާފް ނިމުމުގެ ކުރިން ހަކީމް ޒިޔެޝް އަށް ރެފްރީ ރަތް ކާޑެއް ދެއްކި އެވެ. ނަމަވެސް އޭގެ ފަހުން ވީއޭއާރް މެދުވެރިކޮށް ބެލުމަށް ފަހު އެ ކާޑު ރީނދުލަށް ބަދަލު ކުރުމުން އޭނާ ސަލާމަތްވި އެވެ.

މި ނަތީޖާއާ އެކު ޗެލްސީ، އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ވަނީ ބަލި ވެފަ އެވެ. އަދި އެންމެ ފަހުން ކުޅުނު 16 މެޗުގެ ތެރެއިން ޗެލްސީ މޮޅު ވެފައި ވަނީ އެންމެ ދެ މެޗުންނެވެ. މީގެ ކުރިން ކުޅުނު ދެ މެޗުގައި ސައުތެމްޓަން އަތުން އަދި ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑް އަތުން ހަނި ގޮތަކަށް ބަލި ވިއަސް ޓީމުން ވަނީ މޮޅަށް ކުޅެފަ އެވެ. މިރޭ ޓޮޓެންހަމް ވަނީ ވިސްނުންތެރިކަމާ އެކު ޗެލްސީއާ ދެކޮޅަށް ފަސޭހައިން މޮޅު ވެފަ އެވެ.

މިރޭގެ މެޗް ބަލަން ވެސް ޓޮޓެންހަމްގެ ދަނޑުގައި ޗެލްސީގެ ކޯ އޯނަރު ޓޮޑް ބޯލީ އިނެވެ. ޗެލްސީ އިން ކުރީ ދެ މެޗުގައިި މޮޅަށް ކުޅުނު ނަމަވެސް ކުރިމަތިވީ ގޯލު ޖެހުމުގެ މައްސަލަ އެވެ. މިރޭގެ މެޗުގައި ވެސް ޗެލްސީން އެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރި ތަނެއް ނުފެނުނެވެ. ޗެލްސީ އަށް ގޯލު ޖަހަން ފުރުސަތު ހޯދަން އުނދަގޫތައް ކުރިމަތި ވިއިރު ޓޮޓެންހަމުން ވަނީ އެޓީމަށް ފުރުސަތު ލިބެންދެން ކެތްތެރިކަން ދައްކައި ލިބުނު ފުރުސަތުތަކުގެ ބޭނުން ވަރަށް ރަނގަޅަށް ހިފައިފަ އެވެ.

މެޗަށް ފަހު ޕޮޓާ ވެސް ވަނީ ޗެލްސީގެ ނަތީޖާތައް ދަށަށް ގޮސްފައިވާކަން ގަބޫލު ކޮށްފަ އެވެ. ނަތީޖާތައް ރަނގަޅު ކުރާނެ މީހަކީ ވެސް އޭނާ ކަމަށް މެޗަށް ފަހު ވާހަކަ ދައްކަމުން ޕޮޓާ ބުންޏެވެ.

"އަހަރެންނަށް އެނގޭ އަހަރެންގެ ޒިންމާ. މިއީ ކުލަބަށް އެއްގޮތަަށް ވެސް ރަނގަޅު ކަމެއް ނޫން. މި ނަތީޖާތަކަށް އަހަރެން ފުރިހަމައަށް ޒިންމާ ނަގަން. މިއީ ޗެލްސީ އަށް ހައްގު މިންވަރެއް ނޫން،" މާޔޫސް ވެފައި ހުރި ޕޮޓާ ބުންޏެވެ.

"އަހަރެންނަށް އެނގޭ ޓީމުގެ ޝަހުސިއްޔަތާއި ޓީމުގެ ފެންވަރު. މިއީ އުނދަގޫ ވަގުތެއް، އިތުބާރު ވެސް އެހާ ބޮޑެއް ނޫން. ކޮންމެ ޓީމެއްގައި ވެސް ޕްރެޝަރު އޮންނާނެ. ނަތީޖާތައް ގޯސް ވާނަމަ އެއީ ރަނގަޅު ކަމެއް ނޫން. އަބަދު ކުލަބުގެ ސަޕޯޓަށް ވެސް ބަރޯސާ ނުވެވޭނެ. އަހަރެންގެ މަސައްކަތަކީ ކުރިއަށް ދިއުން."

ޗެލްސީ އަދިވެސް އޮތީ ޖެނުއަރީ މަހު ކުރީކޮޅު ވެއްޓުނު ގޮތަށް ތާވަލްގެ 10 ވަނައިގަ އެވެ. މިހާތަނަށް ކުޅުނު 24 މެޗުން ޗެލްސީ އަށް ލިބިފައި ވަނީ 31 ޕޮއިންޓެވެ. ނަމަވެސް ކުރިއަށް އޮތް ލީގު މެޗުގައި އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް އަތުން މޮޅެއް ނުހޯދިއްޖެ ނަމަ އިތުރަށް ދަށަށް ދިޔުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. އެއީ 11 ވަނައިގައި އޮތް އެސްޓަން ވިލާ އަށް ވެސް 24 މެޗުން ޗެލްސީއާ އެއްވަރަށް 31 ޕޮއިންޓް ލިބިފައި ވާތީ އެވެ.

ޓޮޓެންހަމްގެ މި މޮޅާ އެކު އެޓީމު ހަތަރު ވަނައިގައި އޮތީ 25 މެޗުން 45 ޕޮއިންޓް ހޯދައިގެންނެވެ. ޓޮޓެންހަމްގެ ފަހަތުގައި ފަސްވަނައިގައި އޮތީ ދެ މެޗު މަދުން ކުޅެގެން 41 ޕޮއިންޓް ހޯދާފައިވާ ނިއުކާސަލް ޔުނައިޓެޑެވެ. ލީގު ތިންވަނައިގައި އޮތީ 24 މެޗުން 49 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓާ ޔުނައިޓެޑެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް 25 މެޗުން 55 ޕޮއިންޓް ލިބިފައި ވާއިރު އެއްވަނައިގައި އޮތީ 24 މެޗުން 57 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ.