Roadha Mihaaru
ދޮޅު އަހަރަށް ފަހު ލަންޑަންގެ ދެބާރު ސަޕޯޓަރުންނާ އެކު

ދޮޅު އަހަރަށް ފަހު ލަންޑަންގެ ގަދަ ދެބާރު ސަޕޯޓަރުންގެ ކުރިމައްޗަށް

19 ސެޕްޓެމްބަރ 2021

ލަންޑަން (ސެޕްޓެމްބަރު 19) - އިނގިރޭސި ޕްރިމިއަ ލީގުގައި މިރޭ ވާދަވެރި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރާ ލަންޑަން ޑާބީއަކީ ވަރަށް ގިނަ ގޮތްގޮތުން ސަޕޯޓަރުންނަށް ހާއްސަ މެޗެކެވެ. ސަޕޯޓަރުންގެ ކުރިމަތީގައި މި ދެ ޓީމު މިރޭ ވާދަކުރާއިރު، މިދިޔަ ސީޒަނުގައި ދެޓީމު ކުޅުނު ތިން މެޗު ވެސް ކުޅުނީ ކޮވިޑް-19 ގެ ސަބަބުން ސަޕޯޓަރުންނާ ނުލަ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (ސެޕްޓެމްބަރު 19) - އިނގިރޭސި ޕްރިމިއަ ލީގުގައި މިރޭ ވާދަވެރި ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރާ ލަންޑަން ޑާބީއަކީ ވަރަށް ގިނަ ގޮތްގޮތުން ސަޕޯޓަރުންނަށް ހާއްސަ މެޗެކެވެ. ސަޕޯޓަރުންގެ ކުރިމަތީގައި މި ދެ ޓީމު މިރޭ ވާދަކުރާއިރު، މިދިޔަ ސީޒަނުގައި ދެޓީމު ކުޅުނު ތިން މެޗު ވެސް ކުޅުނީ ކޮވިޑް-19 ގެ ސަބަބުން ސަޕޯޓަރުންނާ ނުލަ އެވެ.

މިދިޔަ ސީޒަނުގެ ފަހުކޮޅު ޓީމާ ހަވާލުވި ކޯޗު ތޯމަސް ޓުޗެލް ޗެލްސީއާ އެކު ފުރަތަމަ ނުކުތީ މިހާރު ޓޮޓެންހަމްގެ ކޯޗުކަމާ ހަވާލުވެ ހުރި ނޫނޯ އެސްޕިރީޓޯގެ ވުލްވްސްއާ ދެކޮޅަށެވެ. އެ މެޗު 0-0 އިން އެއްވަރުވި ނަމަވެސް އޭގެ ހަފްތާއެއް ފަހުން ޓޮޓެންހަމްގެ ދަނޑުގައި ޗެލްސީން އެ ޓީމު ބަލިކުރި އެވެ.

ޓޮޓެންހަމް އިން އާ ކޯޗާ އެކު މި ސީޒަނުގެ ޕްރިމިއަ ލީގު ދަތުރު ފެށީ ޗެމްޕިއަން މެންޗެސްޓަ ސިޓީ ބަލިކޮށްފަ އެވެ. އެއަށް ފަހު ޖެހިގެން އައި ދެމެޗު ވެސް ކާމިޔާބުކޮށް، ލީގު ތާވަލުގެ އެއްވަނައިގައި ހަމަޖެހިލި އެވެ. އެ ދެ މެޗުގެ ތެރޭގައި ނޫނޯގެ ކުރީގެ ކުލަބް ވުލްވްސް ވެސް ހިމެނެ އެވެ. ލީގުގެ ހަތަރުވަނަ މެޗުން ޓޮޓެންހަމް ބަލިވީ ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 3-0 އިންނެވެ. ހެރީ ކޭން ވެސް ފުލްކޮށް ކުޅުނު އެމެޗުގެ ވަރަށް ކުރީކޮޅު ޑިފެންޑަރު އެރިކް ޑަޔާ އަށް އަނިޔާވެގެން ބަދަލުކުރަން ޖެހުނުއިރު ދެވަނަ ހާފުގެ ކުރީކޮޅު ޓަންގަންގާ އަށް ވަނީ ގާތް ގާތުގައި ރީނދޫ ކާޑު ދައްކާ، ދަނޑުން ފޮނުވާލައިފަ އެވެ.

މިރޭގެ މެޗުގައި ގިނަ ސަޕޯޓަރުންގެ ލޯތައް އަމާޒުވާނީ ފޯވަޑް ރޮމެލޫ ލުކާކޫ އާއި ހެރީ ކޭން އަށެވެ. ޔޫރަޕުގެ ޗެމްޕިއަން ޗެލްސީން މިސީޒަނުގައި ރެކޯޑް ޓްރާންސްފާ އަގަކަށް ގެނައި، ކުރިން ވެސް އެޓީމަށް ކުޅުނު ބެލްޖިއަމްގެ ފޯވަޑް ވަނީ ލީގުގައި މިހާތަނަށް ކުޅުނު ތިން މެޗުން ތިން ލަނޑު ޖަހައިފަ އެވެ.

ލުކާކޫ (ކ) އަދި ކޭން (ވ)

ލުކާކޫ (ކ) އަދި ކޭން (ވ)

އެހެން ނަމަވެސް މިދިޔަ ސީޒަނުގެ ޕްރެމިއަ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ، އިނގިރޭސި ގައުމީ ޓީމާއި ޓޮޓެންހަމްގެ ކެޕްޓަން ހެރީ ކޭން އަށް އަދި ލީގުގައި ގޯލެއް ޖެހިފައެއް ނުވެ އެވެ. ކުޅުނު ތިން މެޗުގައި ވެސް ގޯލާ އަމާޒުކޮށް އެންމެ ދެ ހަމަލާ ފޮނުވާލެވުނުއިރު ދެ ރީނދޫ ކާޑު ވެސް ވަނީ ހޯދައިފަ އެވެ.

މި ދެޓީމު ވާދަކުރި އެންމެ ފާހަގަ ކޮށްލެވޭ އެއް މެޗަކީ ޕްރިމިއަރ ލީގު 2015-2016 ގެ ސީޒަނުގައި 2-2 އިން އެއްވަރުކުރި މެޗެވެ. ހެރީ ކޭން އާއި ސޮން ހެއުން މިންގެ ގޯލުތަކުން ފުރަތަމަ ހާފުގައި ޓޮޓެންހަމް އިން ލީޑު ނެގި ނަމަވެސް ދެވަނަ ހާފުގައި ޗެލްސީއަށް އެއްވަރު ކޮށްދިނީ ގެރީ ކޭހިލް އާއި އެޑެން ހަޒާޑް އެވެ. އެ ނަތީޖާއާ އެކު އެ ސީޒަނުގެ ޕްރިމިއަރ ލީގު ޗެމްޕިއަންކަން މުޅިން އަލަށް ލެސްޓާ ސިޓީ އަށް ކަށަވަރުވިއިރު އެ މެޗުގައި ރެފްރީ މާކް ކްލަޓެންބާގް ވަނީ ޓޮޓެންހަމްގެ ނުވަ ކުޅުންތެރިޔަކާ އެކު ޖުމްލަ 12 ރީނދޫ ކާޑު ވެސް ދައްކައިފަ އެވެ.

ޖެހިގެން އައި ސީޒަނުގައި ޗެލްސީން ލީގު ކާމިޔާބުކުރިއިރު ދެވަނައިގައި ނިންމީ ޓޮޓެންހަމް އެވެ. އެއީ ޕްރިމިއަ ލީގު ތާރީހުގައި ވެސް ޓޮޓެންހަމަށް ލީގުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބެވެ.

ޓޮޓެންހަމް އިން އެންމެ ފަހުން މުބާރާތެއް ކާމިޔާބުކުރީ މީގެ 13 އަހަރު ކުރިން 2008 ވަނަ އަހަރު އެވެ. އެ އަހަރުގެ ލީގު ކަޕް ޓޮޓެންހަމް އިން ކާމިޔާބުކުރީ ފައިނަލުގެ އިތުރު ވަގުތުގައި ޗެލްސީ ކޮޅަށް ގޯލު ޖަހައިގެންނެވެ.

ޓޮޓެންހަމް ހޮޓްސްޕާސްގެ ސްޓޭޑިއަމްގައި ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖޭ ގަޑިން 8:30 ގަ އެވެ.