Roadha Mihaaru
ޑްރާމާ ބޮޑުވި ޗެލްސީ އާއި ޓޮޓެންހަމް މެޗު އެއްވަރު

ޑްރާމާ ބޮޑުވި މެޗުގެ ފަހު މިނިޓުގައި ޓޮޓެންހަމުން ޗެލްސީ ހުއްޓުވައިފި

15 އޯގަސްޓް 2022

ލަންޑަން (އޮގަސްޓް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު ލަންޑަން ޑާބީ މެޗުގެ އެންމެ ފަހު މިނިޓުގައި ލަނޑު ޖަހައި، ޓޮޓެންހަމުން 2-2 އިން މެޗު އެއްވަރު ކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ލަންޑަން (އޮގަސްޓް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީ އާއި ޓޮޓެންހަމް ހޮޓްސްޕާ ކުޅުނު ލަންޑަން ޑާބީ މެޗުގެ އެންމެ ފަހު މިނިޓުގައި ލަނޑު ޖަހައި، ޓޮޓެންހަމުން 2-2 އިން މެޗު އެއްވަރު ކޮށްފި އެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ޗެލްސީ އިންނެވެ. ލީޑު ނަގައިދިން ލަނޑު މެޗުގެ 19 ވަނަ މިނިޓުގައި ޖަހައިދިނީ މިސީޒަނުގައި އަލަށް ގެނައި ސެނެގާލްގެ ޑިފެންޑަރު ކަލިޑު ކުލިބަލީ އެވެ. އޭނާ މި ލަނޑު ޖެހީ ޗެލްސީ އިން އެންމެ ފަހުން ސޮއި ހޯދި ވާތުބެކް މާކް ކުކުރޭޔާ ނަގައިދިން ކޯނަރެއްގައި މުޅިން ހުސްކޮށް ހުރެ އެއްފަހަރުން ޖަހައި ފޮނުވާލި ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.

އޭގެ ކުރިން ހާފުގެ މެދަކާ ހިސާބުން ކުލިބަލީ ފޮނުވާލި ބޯޅައެއް ގޯލު ދަނޑި ކައިރިން ބޭރަށް ދިޔައިރު، ރަހީމް ސްޓާލިން ދިން ބޯޅައެއް ކައި ހަވާޓްޒް ފޮނުވާލުމުން ދިޔައީ ގޯލު ކުރިމަތިން ހުރަސް ވެގެންނެވެ. ޗެލްސީގެ ގޯލަށް ފަހު ވެސް އެޓީމުން ހޯދި ކޯނަރެއްގައި ޓޮޓެންހަމުން ދޫކޮށްލާފައި ހުރި ކުލިބަލީ ހަމަލާއެއް ފޮނުވާލި އެވެ. ނަމަވެސް އެފަހަރު ބޯޅަ ދިޔައީ މާ މަތިން ބޭރަށެވެ.

ކުލިބަލީ (ކ)، އޭނާ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ލަނޑަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ކުލިބަލީ (ކ)، އޭނާ ޗެލްސީއަށް ޖަހައިދިން ފުރަތަމަ ލަނޑަށް ފަހު.-- ފޮޓޯ: އޭއެފްޕީ

މި ހާފުގައި ޗެލްސީގެ މޭސަން މައުންޓު ވެސް ގޯލު ޖަހަން ފުރުސަތު ހޯދި އެވެ. ޖޯޖީނިއޯ ދިން ޕާހެއް ހޯދައި މައުންޓް އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ނަމަވެސް ދިޔައީ ގޯލުގެ ކަނާ ދިމާލުން ބޭރަށެވެ. އަދި ޖޯޖީނިއޯ ނަގައިދިން ހުރަހެއްގައި ރުބެން ލޮފްޓަސް-ޗީކް ހުސްކޮށް ބޮލުން އެރި ނަމަވެސް އެ ބޯޅަ އޭނާގެ ބޮލުގައި ލައްވައެއް ނުލި އެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ހެރީ ކޭން މަތިން ހުސްކޮށްލާފައި ދިން ބޯޅައަކުން ސޮން ހެއުން މިން ޗެލްސީގެ ގޯލަށް ނުރައްކާ ކުރި އެވެ. އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ޗެލްސީގެ ގޯލްކީޕަރު އެޑުއާޑް މެންޑީ އެވެ. އޭގެ ފަހުން ހެރީ ކޭން އަށް ލިބުނު ހުސް ފުރުސަތެއްގައި އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވެ އެވެ.

ޓޮޓެންހަމުން ފުރަތަމަ ފަހަރަށް މެޗުގައި އެއްވަރުކުރި ލަނޑު ޖެހުމުން ކޮންޓޭ އުފާފާޅުކުރަމުން ދަނިކޮށް ޖަޒުބާތުގައި ޖެހިފައި ހުރި ކޮންޓޭ ނުރުހުން ފާޅުކުރަނީ.

ޓޮޓެންހަމުން އެއްވަރުކުރީ 68 ވަނަ މިނިޓުގައި ޕިއޭ އެމީލް ހޮއިބިއޭ ޖެހި ލަނޑުންނެވެ. މި ލަނޑާ އެކު ޓޮޓެންހަމްގެ ކޯޗު ކޮންޓޭ އުފާފާޅުކުރަމުން ދަނިކޮށް ޗެލްސީގެ ކޯޗު ޓުޗެލް ވަނީ އޭނާއާ ދިމާއަށް ގޮސް ނުރުހުން ފާޅު ކޮށްފަ އެވެ. އަދި ގޯލު ޖެހުމުގެ 44 ސިކުންތުގެ ކުރިން ހަވާޓްޒް ބޯޅަ ހިފައިގެން ކުރިއަށް ދާން އުޅުމުގެ ތެރޭގައި ޓޮޓެންހަމްގެ ކުޅުންތެރިއަކު ފައުލް ކުރި ކަމަށް ބުނެ ޓުޗެލް ޝަކުވާ ކުރި އެވެ. އަދި ޓޮޓެންހަމްއިން ގޯލު ޖެހި އިރު އޮފްސައިޑް މަގާމުގައި ހުރި ރިޗާލިސަން ކީޕަރު ކުރިމަތީ ހަރަކާތް ކުރި ކަމަށް ވެސް ޓުޗެލް އެޕީލް ކުރި އެވެ. ނަމަވެސް ވީއޭއާރު ބެލުމަށް ފަހު ރެފްރީ އެންތަނީ ޓޭލާ ވަނީ ނިންމުން ދަމަހައްޓައިފަ އެވެ. ވީއޭއާރުގައި އިނީ ރެފްރީ މައިކް ޑީން އެވެ. މައްސަލަ ނިންމާލައި ރެފްރީ ވަނީ ދެ ޓީމުގެ ކޯޗުންނަށް ވެސް ރީނދޫ ކާޑު ދައްކައިފަ އެވެ.

ރީސް ޖޭމްސް، ޗެލްސީ އިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ރީސް ޖޭމްސް، ޗެލްސީ އިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގި ލަނޑު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

އޭގެ ހަތް މިނިޓު ފަހުން ޗެލްސީން އަލުން ލީޑު ނެގުމާ ގާތަށް ދިޔަ އެވެ. ރީސް ޖޭމްސް ނަގައިދިން ބޯޅައެއަށް މޭސަން މައުންޓް ޓޮޓެންހަމްގެ ދެ ޑިފެންޑަރުންގެ ދޭތެރޭން އަރައި ފޮނުވާލި ނަމަވެސް ދިޔައީ ގޯލު ކައިރިން ބޭރަށެވެ. ނަމަވެސް އޭގެ ދެ މިނިޓު ފަހުން 77 ވަނަ މިނިޓުގައި ޗެލްސީ އިން ވަނީ އަލުން ލީޑު ނަގައިފަ އެވެ. ޓޮޓެންހަމަށް ކުރިއަށް ނުދެވި އުޅެނިކޮށް ޗެލްސީގެ ވާތް ފަރާތުން ހޯދި ބޯޅައެއް ހިފައިގެން ސްޓާލިން ކުރިއަށް އަރައި، ކަނާތް ފަޅިން މުޅިން ހުސްކޮށް އެރި ޖޭމްސް އަށް ޖައްސާލުމުން އޭނާ ވަނީ އެއްފަހަރުން ގޯލުގެތެރެއަށް ފޮނުވާލައިފަ އެވެ.

ފަހު ފަސް މިނިޓަށް ކުޅެން އެރި ޗެލްސީގެ ކޮނޯ ގަލަގާ ވަނީ، އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ކުޅެން އެރިތާ މިނިތެއް ތެރޭ ލަނޑު ޖަހާނެ ދެ ފުރުސަތެއް ހޯދައިފަ އެވެ. ފުރަތަމަ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ފުރުސަތުގައި އޭނާ ގޯލަށް ފޮނުވާ ނުލައި މައުންޓަށް ޖައްސާލުމުން، މައުންޓް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ތިރީ ކަނާ ދިމާލުން ބޭރަށެވެ. އަދި އެއަށް ފަހު ޓޮޓެންހަމްގެ ކުޅުންތެރިއެއް އަތުން ބޯޅަ ހޯދައި ގަލަހާ އުފެއްދި ހަމަލާއެއްގައި އޭނާ އަށް ފުރުސަތުގެ ބޭނުމެއް ނުކުރެވުނެވެ.

ހެރީ ކޭން ޓޮޓެންހަމަށް އެއްވަރުކޮށްދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ހެރީ ކޭން ޓޮޓެންހަމަށް އެއްވަރުކޮށްދިން ލަނޑު ޖަހަނީ.-- ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމުން މި މެޗުން ޕޮއިންޓެއް ޔަގީން ކުރީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ އެންމެ ފަހު ވަގުތުކޮޅު ގާތްގާތުގައި ލިބުނު ދެ ކޯނަރެއްގެ ބޭނުން ހިފައިގެންނެވެ. ފުރަތަމަ ލިބުނު ކޯނަރު ގައި ނަގައިދިން ބޯޅަ އެރިކް ޑަޔާ ބޮލުން ފޮނުވާލުމުން ގޯލަށް ވަނުމުގެ ކުރިން ކީޕަރު މެންޑީ ވަނީ ކޯނަރަކަށް ބޯޅަ ބޭރު ކޮށްލައިފަ އެވެ. އިތުރު ވަގުތުގެ ހަވަނަ މިނިޓުގައި އިވާން ޕެރިސިޗް ނެގި ކޯނަރުގައި އޭރިއާ ތެރޭ ދޫކޮށްލާފައި ހުރި ހެރީ ކޭން އަރައި ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ގޯލުގެ ފާ ޕޯސްޓު ތިރީ ކަނަށް ބޯޅަ ވަނީ ޗެލްސީގެ ދެ ގޯލު ޖަހައިދިން ކުލިބަލީ އާއި ޖޭމްސްގެ ދެމެދުން ގޮހެވެ.

މެޗަށް ފަހު، ދެ ޓީމުގެ ކޯޗުންގެ ކުރިމަތިލުމެއް ވެސް ފެނުނެވެ. ކުރިން ޗެލްސީއަށް ޕްރިމިއާ ލީގު ވެސް ކާމިޔާބު ކޮށްދިން ކޯޗު ކޮންޓޭ، ޓުޗެލްއާ ސަލާމް ކުރަން އަތް ދިއްކުރުމާ އެކު ޓުޗެލް ވަނީ ސަލާމް ކުރުމަށް ފަހު ވެސް އޭނާގެ އަތުން ދޫކުރަން ދެކޮޅު ހަދައި، ކޮންޓޭއާ ނުރުހުން ފާޅުކުރަން މަސައްކަތް ކޮށްފަ އެވެ. އަދި މިއާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ރެފްރީ ވަނީ ދެ ކޯޗުންނަށް ވެސް ރަތް ކާޑު ދައްކައިފަ އެވެ.

މެޗަށް ފަހު ދެ ކޯޗުންގެ މެދުގައި ހިނގި ހަމަނުޖެހުން.

މި ސީޒަނުގައި އަލަށް ޕްރޮމޯޓްވި ނޮޓިންހަމް ފޮރެސްޓުން ވަނީ މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ވާދަކޮށް ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފަ އެވެ.

ނޮޓިންހަމް ފޮރެސްޓުން ވެސްޓް ހޭމް ބަލިކުރީ 1-0 އިންނެވެ. އެޓީމުގެ ހަމައެކަނި ލަނޑުފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ އެޓީމުން ރެކޯޑް ފީއަކަށް ގެނައި ނައިޖީރިއާގެ ފޯވާޑް ޓައިވޯ އޮވޮނިއީ އެވެ.

އޭގެ ކުރިން ވެސްޓް ހޭމްގެ ސައީދު ބެންރެހްމާ ލަނޑެއް ޖެހި ނަމަވެސް ވީއޭއާރު ބެލުމަށް ފަހު، ލަނޑު ޖެހުމުގެ ކުރިން ފައުލް ކޮށްފައި ވާތީވެ އެ ލަނޑު ބަލައެއް ނުގަނެ އެވެ. ފަހު ހާފުގައި ނޮޓިންހަމްގެ ކުޅުންތެރިއެއް އަތުގައި ބޯޅަ ޖެހުނު ކަމަށް ބަލައި ވީއޭއާރު ބެލުމަށް ފަހު ރެފްރީ ޕެނަލްޓީއެއް ދިން ނަމަވެސް، ޑެކްލަން ރައިސް ފޮނުވާލި ބޯޅަ، ކީޕަރު ޑީން ހެންޑަސަން ވަނީ ދިފާއު ކޮށްފަ އެވެ.