Roadha Mihaaru
އެހެން ޕާޓީއެއްގެ ރައީސަކާއި އެމްޑީޕީގެ ރަނިންމޭޓެއް!

ހަސަންގެ ސުވާލެއް: އެހެން ޕާޓީއެއްގެ ރައީސަކާއި އެމްޑީޕީގެ ރަނިންމޭޓެއް، ކިހިނެތް ވާނެ؟

28 ފެބުރުއަރީ 2023

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންމޭޓެއް އިންތިހާބު ކުރުން ކިހިނެތް ވާނެތޯ ވިދާޅުވެ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ސުވާލެއް އުފައްދަވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ ފިޔަވައި އެހެން ޕާޓީއެއްގެ ކެންޑިޑޭޓަކާއި އެމްޑީޕީގެ ރަނިންމޭޓެއް އިންތިހާބު ކުރުން ކިހިނެތް ވާނެތޯ ވިދާޅުވެ، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް މިއަދު ސުވާލެއް އުފައްދަވައިފި އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަންގެ ހަސަން ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެ ސުވާލު އުފެއްދެވީ، ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވެރިކަމަށް ގެންނަން ނަޝީދު މަސައްކަތްޕުޅު ކުރައްވާ ތުހުމަތު ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކުރެއްވުމުންނެވެ.

އިވޭ އަޑުތަކަށް ބަލާއިރު ނަޝީދުގެ ވިސްނުންފުޅަކީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ޖޭޕީގެ ލީޑަރު ގާސިމް ނެރުއްވައި އޭނާގެ ރަނިންމޭޓަކަށް ނަޝީދު ވެވަޑައިގަތުމެވެ. އެކަމަކު، އެ އަޑުތަކާ ގުޅޭ ގޮތުން ނަޝީދު އަދި ވަކި ޖަވާބެއް ނުދެއްވަ އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ކުރެއްވި ތުހުމަތަށް ރައްދު ދެއްވަމުން ހަސަން ވިދާޅުވީ 2018 ވަނަ އަހަރު ޕްރައިމަރީއަކާ ނުލައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޓިކެޓު ހަވާލުކުރި އެންމެ ބޮޑު ބޭނުމަކީ އެމްޑީޕީގެ ހިއްސާ އޮންނަ ސަރުކާރެއް އުފެދޭނެ ގޮތެއް ވުން ކަމަށެވެ.

ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތްޕުޅު ކުރައްވަމުން އަންނައިރު އެ މަނިކުފާނަކީ އަނެއްކާވެސް ކޯލިޝަނެއް އުފެއްދޭނެ ބޭފުޅެއް ކަމަށް ވިދާޅުވަމުން އަންނަ ކަމަށާއި ނަމަވެސް މިހާރު އެ ކޯލިޝަން އުފެއްދޭ ތަނެއް ނުފެންނަ ކަމަށް ހަސަން ވިދާޅުވި އެވެ.

"އެހެންވެއްޖިއްޔާ އެމްޑީޕީ އަށް އެބައޮތް އެ ބިރުވެރިކަން. ސަރުކާރަށް އައުމުގެ ފުރުސަތު ކިހާވަރަކަށްތޯ އޮތީ ކޯލިޝަނަކާ ނުލައި. އެކަނިމާއެކަނި ނުވަތަ އެމްޑީއޭ ކަހަލަ ކުޑަ ޕާޓީއަކާއެކީ،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކޯލިޝަނެއް ނުހެދިއްޖެ ނަމަ އެމްޑީޕީ އަށް ސަރުކާރަށް އާދެވޭކަށް ނެތެވެ. ނަމަވެސް ބައެއް ކަންކަން ދޫކޮށްލައިގެން ވިޔަސް އެމްޑީޕީގެ ހިއްސާއެއް އޮންނަ ސަރުކާރެއް އޮތުން މުހިންމު ކަމަށް ހަސަން ވިދާޅުވި އެވެ.

ނަމެއްގައި ރައިސުލްޖުމްހޫރިއްޔާގެ މަގާމުގައި އެމްޑީޕީގެ މެންބަރަކު ހުރުމަށް ވުރެ 40 ޕަސެންޓަށް ވުރެ ބޮޑު ހިއްސާއަކާ އެކީގައި އެމްޑީޕީ އަށް ސަރުކާރަށް އާދެވިފައި އެމްޑީޕީގެ ސިޔާސަތުތަކާއި އަސާސްތަކާއި އުސޫލުތައް ހިފެހެއްޓޭނެ ސަރުކާރެއް އުފެއްދުން މާ މުހިންމު ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"މިއީ ވަރަށް ރަނގަޅު ނުކުތާއެއް އެމްޑީޕީގެ މެންބަރުން ވިސްނާލަން. ކިހިނެތްތޯ ވާނީ އެހެން ޕާޓީއެއްގެ މެންބަރަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލައްވާ ބޭފުޅެއް ގޮތުގައި ހުންނަވާފައި އެމްޑީޕީގެ ރަނިން މޭޓަކާއި އަދި އެމްޑީޕީ ހިއްސާވާ ސަރުކާރެއް އުފައްދައި އަޅުގަނޑުމެންގެ ބަސް ބުނެވޭނެ އަދި މަޝްވަރާ އާއި ލަފާ ދެވޭނެ ސަރުކާރެއް އޮވެ ރައްޔިތުންނަށް ހިދުމަތް ކުރަން ތިބުން،" އޭނާ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކު ވެރިކަމަށް ގެންނަން ނަޝީދު މަސައްކަތްޕުޅު ފައްޓަވާފައިވާ ކަމެއް އެ މަނިކުފާނުގެ ފެކްޝަނުން މިހާތަނަށް ރަސްމީކޮށް ނުބުނެ އެވެ.

ނަމަވެސް ޖުމްހޫރީ ޕާޓީގެ ކޮންގްރަސް ފެށުމުގެ ރަސްމިއްޔާތާއި ނިމުމުގެ ރަސްމިއްޔާތުގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެންމެ އަރިހުގައި އިންނެވީ ނަޝީދެވެ. އަދި ގާސިމް ވަނީ އެކި ފަހަރު މަތިން ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.

ނަޝީދާ ސިޔާސީ ގޮތުން ވާދަވެރިއެއްގެ ގޮތުގައި ހުންނެވި އެމްޑީޕީގެ ކެނޑިޑޭޓް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ވެސް ގެންދަވަނީ ރިޔާސީ އިންތިހާބުގައި ފުރަތަމަ ބުރުގައި ކޯލިޝަނެއް ހެދުމާ ގުޅޭ ގޮތުން ގާސިމާ މަޝްވަރާ ކުރައްވަމުންނެވެ.

އެކަމަކު ޖުމްހޫރީ ޕާޓީގެ ކޮންގްރެސް އިން ވަނީ އެ ޕާޓިގެ ކެންޑިޑޭޓަކު ނެރެން ނުވަތަ އެ ޕާޓީ އިސްވެ އޮވެ ކޯލިޝަނެއް ހަދަން ގޮވާލާ ގަރާރެއް ފާސް ކޮށްފަ އެވެ. ގާސިމް ވަނީ އެ ގަރާރު ޕާޓީގެ ކައުންސިލާ ހަމައަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އެއީ އަމަލުކުރުން ލާޒިމު ގަރާރެއް ނޫނެވެ.