Roadha Mihaaru
ކެމްޕޭންގައި މިއުޅެނީ ރައީސަށް ވުރެ ފަހަތުގައި: ގާސިމް

ކެމްޕޭންގައި މިއުޅެނީ ރައީސަށް ވުރެން ތަންކޮޅެއް ފަހަތުގައި: ގާސިމް

19 ޖުލައި 2023

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެން ފަހަތުގައި އުޅޭ ކަމަށް ވިދާޅުވެ ޖޭޕީގެ ކެމްޕޭން ދަތުރުތަކުގައި ވަޑައިނުގަތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ދިފާއުކުރައްވައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވުރެން ފަހަތުގައި އުޅޭ ކަމަށް ވިދާޅުވެ ޖޭޕީގެ ކެމްޕޭން ދަތުރުތަކުގައި ވަޑައިނުގަތުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ދިފާއުކުރައްވައިފި އެވެ.

މި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖޭޕީން ވަކިން ވާދަކުރާނެ ކަން އިއުލާންކުރުމަށް ފަހު އިންތިހާބަށް ރާއްޖޭގެ އެކި އަތޮޅުގައި އަންނަނީ ކެމްޕޭން ކުރަމުންނެވެ. އެކަމަކު މި ކެމްޕޭންގައި ގާސިމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އެހެން އިންތިހާބުތަކުގައި، ރަށްރަށަށް ދަތުރުކުރުމާއި ޖަލްސާތަކާއި ބައްދަލުވުންތައް ފޯރިގަދަކޮށް ގާސިމްގެ ބައިވެރިވުމާ އެކު ބޭއްވިޔަސް މި އިންތިހާބުގައި ޖޭޕީ ފެންނަނީ ވަރަށް ރޫހެއް ނެތި ކެމްޕޭން ކުރިއަށް ގެންދާތަނެވެ.

ސިޔާސީ ޕާޓީތަކުން އިންތިހާބުގެ ކެމްޕޭން ފަށައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ކެމްޕޭން ކުރައްވަމުން އަންނަ އިރު ޖޭޕީގެ ކެމްޕޭނުން ގާސިމް ނުފެންނަ ސަބަބާ ގުޅޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން ގާސިމް ވިދާޅުވީ ރައީސަށް ވުރެން ފަހަތުގައި އުޅޭތީ އެހެން ވެދާނެ ކަަމަށެވެ.

"އަދި އަޅުގަނޑަށް ނުދެވިގެން އުޅެނީތާ ދެއްތޯ، ރައީސް ސޯލިހަށް ވުރެން އަޅުގަނޑު ތަންކޮޅެއް ފަހަތުގައި އުޅެނީ. އެއީ އަޅުގަނޑު އަދި ވެރިކަމުގައި ނެތީމަ ކަމަށް ވެދާނެއެއްނު، އެހެންނެއް ނު. އަޅުގަނޑުމެން އަތުގައި އެހާ ވަރަށް ފެސިިލިޓީސް ނެތީމަ ކަަމަށް ވެސް ވެދާނެ އެހެން ނޫންތޯ،" ގާސިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖޭޕީގެ ކެމްޕޭން ވަރަށް ބަރާބަރަށް ކުރިއަށް އެބަދެ އެވެ.

"ތާއީދުތައް ހަމަ އަންނަނީ އޮހެމުން އިރާދަކުރެއްވިޔާ،" ގާސިމް ވިދާޅުވި އެވެ.

މީގެކުރިން ގާސިމާއި ޖޭޕީން ބުނަމުން އައީ އެއްވެސް ބައެއްގެ ފަހަތަށް އަރައި ކޯލިޝަން ނުުހަދާނެ ކަމަށެވެ. އެކަމަކު އެ ވިސްނުން މިހާރު ބަދަލުކޮށްފި އެވެ. އެއް ކެންޑިޑޭޓަކު ނެރެގެން އިންތިހާބު ކާމިޔާބުކުރަން އެމްއެންޕީ އާއި ޑިމޮކްރެޓްސްއާ އެކު މިއަދު ވަނީ މަޝްވަރާކޮށްފަ އެވެ.

އެ ބައްދަލުވުމަށް ފަހު ގާސިމް ވިދާޅުވީ އެއް ކެންޑިޑޭޓަކީ އޭނާ ކަމަށް އެއްބަސްނުވެވިއްޖެ ނަމަ ރައީސްކަމަށް ވާދަނުކުރައްވައި ފަހަތަށް ޖެހިވަޑައިގަތުމަށް ވެސް ތައްޔާރު ކަމަށެވެ. އެއް ކެންޑިޑޭޓަކަށް އެއްބަސް ނުވެވިއްޖެ ނަމަ ކުރިން އޮތް ގޮތަށް ޕާޓީތަކުން ވަކިވަކިން ވާދަކުރާނީ ކަމަށް ވެސް ވިދާޅުވި އެވެ.