Roadha Mihaaru
ވޯލްޑް ކަޕުގެ ރެކޯޑެއް އޮތް ފޮންޓެއިން މަރުވެއްޖެ

އެއް ވޯލްޑް ކަޕެއްގައި އެންމެ ގިނަ ލަނޑު ޖެހި ފޮންޓެއިން މަރުވެއްޖެ

02 މާޗް 2023

ވޯލްޑް ކަޕުގެ އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދާފައިވާ ފްރާންސްގެ ކުރީގެ ފޯވާޑް ޖަސްޓް ފޮންޓެއިން އުމުރުން 89 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވޯލްޑް ކަޕުގެ އެއް މުބާރާތެއްގައި އެންމެ ގިނަ ލަނޑު ޖެހުމުގެ ރެކޯޑް ހަދާފައިވާ ފްރާންސްގެ ކުރީގެ ފޯވާޑް ޖަސްޓް ފޮންޓެއިން އުމުރުން 89 އަހަރުގައި އިއްޔެ މަރުވެއްޖެ އެވެ.

ފޮންޓެއިން އެ ރެކޯޑް ހެދީ، 1958 ގައި ސްވިޑަންގައި ބޭއްވި ވޯލްޑް ކަޕުގައި 13 ލަނޑު ޖަހައިގެންނެވެ. އޭނާގެ މޮޅު ކުޅުމާ އެކު ފްރާންސުން އެ ފަހަރު ސެމީ ފައިނަލަށް ދަތުރުކޮށް އެހާތަނަށް ވޯލްޑް ކަޕެއްގައި ފްރާންސުން ހޯދި އެންމެ ބޮޑު ކާމިޔާބީއަށް ވާސިލްކޮށްދިނެވެ. ސެމީން ފްރާންސް ބަލިވީ ޕެލޭގެ ބްރެޒިލް އަތުންނެވެ.

ފޮންޓެއިން އަށް އެ ފަހަރުގެ ފްރާންސް ސްކޮޑުންނާއި ފުރަތަމަ އެގާރަ އިން ފުރުސަތު ލިބުނީ ތަޑީ ސިސޯސްކީ އާއި ރެނޭ ބިލާޑަށް އަނިޔާވުމުންނެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ގޮސް އޭނާ އެ މުބާރާތުގައި އެހާ މޮޅަށް ކުޅުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ.

"ޖަސްޓޯ އަކީ ފްރާންސްގެ ފުޓްބޯޅަ ލެޖެންޑެއް. އެކަން ދެމި އޮންނާނީ ވެސް އެގޮތުގައި،" ފްރާންސްގެ ކޯޗު ޑިޑިއޭ ޑިޝޯމްޕްސް ބުންޏެވެ.

ފޮންޓެއިން އަކީ ވޯލްޑް ކަޕުގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. މިދިޔަ ވޯލްޑް ކަޕުގައި އާޖެންޓީނާގެ ލިއޮނަލް މެސީ ވަނީ އޭނާއާ އެއް އަދަކަށް ލަނޑު ޖަހައިފަ އެވެ. ފޮންޓެއިން އަށް ވުރެ ކުރީގައި އޮތީ 16 ލަނޑު ޖަހާފައިވާ ޖަރުމަނުގެ މިރޮސްލާވް ކްލޯސޭ އާއި 15 ލަނޑު ޖަހާފައިވާ ބްރެޒިލްގެ ރޮނާލްޑޯ ނަޒާރިއޯ އަދި 14 ލަނޑު ޖަހާފައިވާ ޖަރުމަނުގެ ގާޑް މުލާ އެވެ.

މިހާރުގެ ކުޅުންތެރިންގެ ތެރެއިން ފޮންޓެއިން ފަހަތަށް ޖައްސާލެވޭނެ ކަމަށް ބެލެވެނީ ފްރާންސްގެ ކީލިއަން އެމްބާޕޭ އަށެވެ. އޭނާ ވަނީ 12 ގޯލް ޖަހައިފަ އެވެ. އުމުރަށް ބަލާއިރު އެމްބާޕޭ އަށް އަދި މަދުވެގެން ތިން ވޯލްޑް ކަޕުގައި ކުޅެވޭނެ އެވެ.

ފްރާންސް ލީގުގެ ނީސް އާއި ރެއިމްސް އަށް ކުޅުނު ފޮންޓެއިން، އުމުރުން 28 އަހަރުގައި 1962 ގައި ކުޅުން ހުއްޓާލަން ޖެހުނީ ފައި ބިނދުމުންނެވެ. އޭނާ ވަނީ ފްރާންސަށް 21 މެޗުން 30 ގޯލް ޖަހައިދީފަ އެވެެ.

ފޮންޓެއިން ވަނީ 1967 ވަނަ އަހަރު ފްރާންސް ގައުމީ ޓީމަށް ދެ މެޗު ކޯޗުކޮށްދީފަ އެވެ. އޭގެ ފަހުން ފްރާންސްގެ މިހާރުގެ ގަދަބާރު ޕީއެސްޖީއަށް ކޯޗުކޮށްދީ އެ ޓީމު ފުރަތަމަ ޑިވިޝަނަށް އަރުވައިދިނެވެ. އަދި މޮރޮކޯއާ ހަވާލުވެ 1980 ވަނަ އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތިން ވަނަ ހޯދައިދިނެވެ.