Roadha Mihaaru
އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން

އިޓަލީން ފްރާންސް ބަލިކުރީ ނަފްސާނީގޮތުން ވަރުގަދަވެގެން

07 ސެޕްޓެމްބަރ 2024

ޕެރިސް (ސެޕްޓެމްބަރު 7) - ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި އިޓަލީން ފަހަތުން އަރައި 3-1 އިން ފްރާންސް ބަލިކުރީ، އިޓަލީ ޓީމު ނަފްސާނީގޮތުން ވަރުގަދަކޮށް އޮވެގެން ކުރި މަސައްކަތުން ކަމަށް ކޯޗު ލޫސިއާނޯ ސްޕަލޭޓީ ބުނެފި އެވެ.

ޕެރިސް (ސެޕްޓެމްބަރު 7) - ޔޫއެފާ ނޭޝަންސް ލީގުގެ ފުރަތަމަ މެޗުގައި އިޓަލީން ފަހަތުން އަރައި 3-1 އިން ފްރާންސް ބަލިކުރީ، އިޓަލީ ޓީމު ނަފްސާނީގޮތުން ވަރުގަދަކޮށް އޮވެގެން ކުރި މަސައްކަތުން ކަމަށް ކޯޗު ލޫސިއާނޯ ސްޕަލޭޓީ ބުނެފި އެވެ.

ފުރަތަމަ މިނިޓުގައި ޑިފެންޑަރު ޖިއޮވާނީ ޑި ލޮރެންޒޯ އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޕީއެސްޖީއަށް ކުޅޭ ޒުވާން ވިންގާ ބްރެޑްލީ ބާކޯލާ ޖަހައިދިން ގޯލުން ފްރާންސް ލީޑު ނެގި ނަމަވެސް އިޓަލީން ހާފު ނިންމާލީ 30 ވަނަ މިނިޓުގައި ފެޑެރިކޯ ޑިމާކޯ ކާމިޔާބުކުރި ގޯލުން ނަތީޖާ އެއްވަރު ކޮށްގެންނެވެ.

"ކުޅުންތެރިން ވަގުތުން ރިއެކްޓް ކުރި، އަދި ކުރި މަސައްކަތުން ހަމަޖެހިލައިގެން ކުޅެން ބޭނުންވި ގޭމް ކުޅުނު. ފުރަތަމަ ހެދުނު ގޯހާ އެކު ވެސް ޓީމެއްގެ ގޮތުގައި އަހަރެމެން ވަރުގަދަ،" މެޗަށް ފަހު ކޯޗު ސްޕަލޭޓީ ބުންޏެވެ.

"އެހެންވެ އަހަރެމެން ފެނުނީ ނަފްސާނީ ގޮތުން ވެސް ޓީމު ވަރުގަދަ ވި ތަން. އެއީ ގޯސްތަކުގެ ސަބަބުން އެކި ހިޔާލުތައް ބޮލުތެރޭ ގެންގުޅެ، ބިރުން އުޅޭ ކަމަށް ވާނަމަ ހާސިލް ކުރަން ބޭނުން ކަންތައް ކާމިޔާބެއް ނުވާނެ."

މި ސީޒަންގައި ރެއާލް މެޑްރިޑަށް ބަދަލުވި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އަށް މި މެޗުގައި އިޓަލީއާ ދެކޮޅަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެ އެވެ.

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނިޓުގައި އިޓަލީ އަށް ލީޑު ނަގައިދިނީ ޑޭވިޑޭ ފްރަޓޭސީ އެވެ. އަދި 74 ވަނަ މިނިޓުގައި ލީޑު ފުޅާކޮށް ފްރާންސްގެ ސަޕޯޓަރުންގެ އަޑު ކަނޑުވާލި ގޯލު ޖަހައިދިނީ ޖިއަކޯމޯ ރަޕްސަޑޯރީ އެވެ.

މިއާއެކު، އިޓަލީން މިވަނީ 70 އަހަރަށް ފަހު ޕެރިހުގައި ފްރާންސް ބަލިކޮށްފަ އެވެ. މިއަހަރު އޮތް ޔޫރޯ މުބާރާތުގެ ގަދަ 16 އިން ކެޓި ނަމަވެސް ސްޕަލޭޓީ ނޭޝަންސް ލީގާ ކުރިމަތިލީ މުޅިން އާ އިޓަލީ ޓީމެއް ބިނާކުރުމުގެ އަޒުމުގަ އެވެ.

"އަހަރެމެން ނެގީ އަބަދުވެސް ކުޅޭ ކުޅުންތެރިންގެ ސްކޮޑެއް. މިދިޔަ ސީޒަން ނިމުނު އިރަށް ވުރެ އެ ކުޅުންތެރިން ތާޒާ ވާނެ. އަދި އަޒުމް ވަރުގަދަ ޒުވާން ކުދިންކޮޅެއް ލިބުނުކަން ވެސް އެއީ އަހަރެމެންގެ ނަސީބު."

ނިއުކާސަލް އަށް ކުޅޭ އިޓަލީގެ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ ވަނީ ރޭގެ މެޗު އެއްކޮށް ކުޅެފަ އެވެ. މިއީ ސްޕޯޓްސް ބެޓިންއާ ގުޅިގެން 10 މަހަށް ފުޓްބޯޅައިން ސަސްޕެންޑް ކުރުމުން ކުޅުމާ ދުރުގައި ހުރުމަށް ފަހު މިދިޔަ މަހު އަލުން ކުޅުމުގެ ތެރެއަށް އައިސް ޓޮނާލީ، އެއް އަހަރު ފަހުން ގައުމީ ޓީމަށްކުޅުނު ފުރަތަމަ މެޗެވެ. އިޓަލީން ރޭގެ މެޗު އެއްވަރުކުރީ އޭނާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

"އޭނާ [ޓޮނާލީ] ތަފާތު. އަހަރެމެން ތިބީ ބިރުން އޭނާގެ ފައިގައި 90 މިނިޓު ފުރިހަމަ ކުރާ ވަރަށް ވަރު ނުހުރެދާނެތީ ވެސް. އެކަމަކު ފަހު ފަސް މިނިޓު ތެރޭ ވެސް ފެނުނީ އޭނާ އެކަނި މާއެކަނި ބޯޅަ ހިފައިގެން ކުރިއަރައި ދިޔަތަން. ވަރަށް ބަރާބަރު ކުޅުންތެރިއެއް އަލުން މި ލިބުނީ،" ކޯޗު ސްޕަލޭޓީ ބުންޏެވެ.

ނޭޝަންސް ލީގުގައި އިޓަލީ ހިމެނޭ ގުރޫޕްގައި ރޭ ބެލްޖިއަމް ވަނީ 3-1 އިން އިޒްރޭލް ބަލިކޮށްފަ އެވެ. ކެވިން ޑިބްރޭނާ ބެލްޖިއަމް އަށް ލީޑު ނަގައިދީފައި ވަނިކޮށް އެޓީމުގެ ޓިމޮތީ ކަސްޓާނޭ އަތުން ބައިކޮޅަށް ވަން ގޯލަކުން ނަތީޖާ އެއްވަރުވި އެވެ. ނަމަވެސް ދެވަނަ ހާފުގެ ކުރީކޮޅު ޔޫރީ ޓީލެނަމްސް ޖެހި ގޯލަކުން އަލުން ލީޑު ނެގިއިރު، އިރުކޮޅެއް ފަހުން ލިބުނު ޕެނަލްޓީއަކުން ތިންވަނަ ލަނޑު ޖެހީ ޑިބްރޭނާ އެވެ.

އަންނަ ހޯމަ ދުވަހުގެ ރޭ ނޭޝަންސް ލީގު އޭގައި ފްރާންސް އާއި ބެލްޖިއަމް ބައްދަލުކުރާއިރު، އިޓަލީ ނުކުންނާނީ އިޒްރޭލާ ދެކޮޅަށެވެ.